25 ސެޕްޓެމްބަރ 2019 - 08:32

އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑަށް ޕާކިސްތާނުން "ލާލް ކަބޫތަރު" ހުށަހަޅަން ނިންމައިފި އެވެ.
އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ޕާކިސްތާނުން ހޮވި ފިލްމަކީ މި އަހަރުގެ މާޗް މަހު ރިލީޒްކުރި އެކްޝަން ކްރައިމް ތުރިލާއެކެވެ.
ކަމަލް ޚާން ޑައިރެކްޓްކޮށްފައިވާ "ލާލް ކަބޫތަރު" ގައި ކިޔައިދެނީ އަންހެން ނޫސްވެރިއެއްގެ ފިރިމީހާ މަރައިލުމުން އޭނާ އަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތުގެ ތެރޭގައި ކުރިމަތިވާ ހާދިސާތަކެވެ. ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަންޝާ ޕާޝާ އާއި އަހުމަދު އަލީ އަކްބަރުގެ އިތުރުން ރާޝިދު ފާރޫގީ އެވެ.
"ލާލް ކަބޫތަރު" އޮސްކާ އަށް ފޮނުވަން ޕާކިސްތާނުން ނިންމި އިރު، މި ފިލްމަކީ ޑައިރެކްޓަރު ކަމަލްގެ އަލަތު ފިލްމު ވެސް މެ އެވެ.
ޕާކިސްތާނުން އޮސްކާ އަށް އެންމެ ފުރަތަމަ ފިލްމެއް ހުށަހަޅާފައި ވަނީ 1959 ގަ އެވެ. އެ އަހަރު އެ ގައުމުން ހުށަހެޅީ "ދަ ޑޭ ޝޯލް ޑޯން" އެވެ. މިދިޔަ އަހަރު ޕާކިސްތާނުން އޮސްކާ އަށް ފޮނުވީ "ކޭކް" އެވެ.
އެކަމަކު މިހާތަނަށް އެ ގައުމުގެ އެއްވެސް ފިލްމަކަށް އޮސްކާގެ ނޮމިނޭޝަނެއް ނުލިބެ އެވެ.