24 ސެޕްޓެމްބަރ 2019 - 08:28

މިހާރަކަށް އައިސް ވަަރަށް ގިނަ މީހުންނަކީ ކޮމްޕިއުޓަރެއްގެ ކައިރީގައި އިށީނދެގެން ގިނަ ވަގުތު މަސައްކަތްކުރާ މީހުންނެވެ. އެކަމަކު އެހާ ބޮޑަށް ސަމާލުކަން ނުދެވޭ ކަމަކީ މީގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށެވެ.
މާ ގިނައިރު ވަންދެން އިށީނދެގެން އިނުމަކީ ބަނޑުލާން ވެސް މެދުވެރިވާނެ ކަމެކެވެ. ހަރަކާތްތެރިކަން ކުޑަވުމަކީ ހަށިގަނޑަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާނެ ކަމެކެވެ. ހަމަމިއާ އެކު އެހާ ގިނަ އިރު ވަންދެން ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަން އިނުމަކީ ލޮލަށް ވެސް ގެއްލުވާނެ އެވެ.
އެހެންވެ ކޮމްޕިޓަރު ދޮށުގައި މަސައްކަތްކުރަން ޖެހޭ މީހުންނަށް އެކަން ވަކި ތަރުހީބަލަށް ރާވައިލެވިދާނެ އެވެ. އެގޮތުން މިއޮތީ މިކަމަށް ކުރެވިދާނެ ފަސް ކަމެއްގެ ވާހަކަ އެވެ.
މަސައްކަތެއްކޮށްލަން އިށީންނަ ގޮތަށް ގުޑާ ވެސް ނުލައި ނުއިންނާށެވެ. އެކަން އާދަކޮށްފި ނަމަ ކޮނޑާއި ކަނދުރާ އާއި ބުރަކައްޓާއި އުނގަނޑު ފަދަ ތަންތަނުގައި ރިއްސަން މަގުފަހިވާނެ އެވެ. އަދި މިއީ ބޮލުގައި ވެސް ރިއްސަން މަގުފަހިވާ ކަމެކެވެ. އެހެންވެ ދޭތެރެ ދޭތެރެއިން ތެދުވެލައި ހިނގާލާށެވެ.
ނޫނީ ހަމަ އިށީނދެގެން އިނދެ އަތާއި ފައި ސްޓްރެޗް ވެސްކޮށް ލެވިދާނެ އެވެ. މިހެން ހެދުމުން ހަށިގަނޑުގެ ލޭދައުރުވުމަށް ބާރު އަޅާނެ އެވެ.
ކޮމްޕިއުޓަރެއް ކައިރިގައި މަސައްކަތްކުރާ ނަމަ އެ ބަހައްޓާފައި ހުންނަ ޑެސްކަކީ ހެޔޮވަރު އުސްމިނެއްގައި އިންނަ އެެއްޗަކަށްވުން މުހިއްމެވެ. މާ ތިރިކޮށް ނުވަތަ މާ އުސް ޑެސްކެއްގެ ކައިރީގައި މަސައްކަތްކުރަން ޖެހުމަކީ އުނދަގޫތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. އެހެންވެ ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕް ފަސޭހަ އުސްމިނެއްގައި ބަހައްޓާށެވެ. އަދި ކޮޅަށް ހުރެވޭ ގޮތަށް ޑެސްކްގެ އުސްމިން ބެހެއްޓުމަކީ ވެސް ސިއްހަތަށް ވިސްނާލާ އިރު ބައެއް އޮފީސްތަކުން މިހާރު ފެންނަ ސިފައެއް ވެސް މެ އެވެ.
ހަމަމިއާ އެކު މަސައްކަތްކުރަން އިންނަ ޑެސްކް ރީތިކޮށް ސާފުކޮށް ތަރުތީބުކޮށްފައި ބަހައްޓާށެވެ. ޑެސްކްމަތި ފުނިޖެހިފައި ހުރުމަކީ ބޮލަށް އުނދގޫވެ، މަސައްކަތަށް ދޭންވާ ސަމާލުކަން ގެއްލުވައިލާނެ ކަމެކެވެ.
ކޮމްޕިއުޓަރުން މަސައްކަތްކުރާ އިރު، އެންމެ ބޮޑު އަސަރެއްކުރާނީ ލޮލަށެވެ. އެހެންވެ ލިޔެ، ކިޔައި ހަދާ ފޮންޓް ސައިޒް އެހާ ކުދިކޮށްފައި ނުބަހައްޓާށެވެ. ފޮންޓްތަންކޮޅެއް ބޮޑުކޮށްލައިގެން މަސައްކަތްކުރާ ނަމަ ލޮލަށްވާ އުނދަގޫތަކުން ސަލާމަތްކޮށްދޭނެ އެވެ. އަދި ސްކްރީނުން ބްރައިޓްނެސް ވެސް އެހާ ގަދަކޮށްފައި ނުބަހައްޓާށެވެ.
ގިނަ އިރުވަން ސްކްރީނަށް ބަލަން އިނުމަކީ ލޮލަށް ލޮޑުކަން ކުރިމަތިވެ، ލޯ ޑްރައިވެ، ލޮލަށް އެކި ކަހަލަ މައްސަލަތައް މެދުވެރިވެދާނެ ކަމެކެވެ. އެހެންވެ ލޮލަށް ވަކިން ހާއްސަކޮށް ސަމާލުކަން ދޭން ޖެހޭނެ އެވެ. އެގޮތުން ބައިގަޑިއެއްހާ އިރަށް ސްކްރީނާ ދުރަށް ޖެހިލެވޭތޯ ބަލާށެވެ. އަދި ލޮލުގެ ހަރަކާތްތެރިކަން އިތުރުކުރާށެވެ. މިސާލަކަށް ކޮންމެ ވިއްސަކަށް މިނިޓުން 20 ވަރަކަށް ފޫޓް ދުރަށް 20 ސިކުންތަށް ނަޒަރު ގެންދިއުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި ގިނަގިނައިން އެސްފިޔަ ޖަހާށެވެ.