24 ސެޕްޓެމްބަރ 2019 - 08:28

ދުނިޔޭގެ ގައުމުތަކުގައި މިހާރު އާންމުވަމުން އަންނަ އިންޓަނެޓްގެ 5ޖީ ޓެކްނޮލޮޖީއަކީ އިންސާނުންގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ސްވިޓްޒަލެންޑްގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.
ހޮނިހިރު ދުވަހު ވެރިރަށް ބާންގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ކައިރީގައި އެތައް ހާސް ބަޔަކު 5ޖީއާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑްތަކާ އެކު ބޭއްވި މުޒާހަރަކީ އެ ނެޓްވޯކާ ދެކޮޅަށް އެ ގައުމުގައި ބޭއްވި ދެވަނަ މުޒާހަރާ އެވެ. މުޒާހަރާގައި "ބޮއިކޮޓް 5ޖީ" އާއި "ސްޓޮޕް 5ޖީ" ފަދަ އިބާރާތްތައް ލިޔެފައިވާ ބޯޑްތައް ގެންގުޅައިފައިވެ އެވެ.
މުޒާހަރާކުރާ މީހުން ބުނިގޮތުގައި 5ޖީއަކީ އިންސާނުންގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ކަމާގުޅޭ ބައެއް ތަޖުރިބާކާރުން ވެސް ބުނާތީ އެއްވެސް ކޮންޓްރޯލެއް ނެތް ގޮތަށް 5ޖީ ގެ ހިދުމަތް މުޅި ގައުމަށް ފުޅާކުރުމަކީ ތާއިދުކުރާ ކަމެއް ނޫނެވެ.
އެހެންވެ އެ ނެޓްވޯކަށް ހާއްސަކޮށްގެން ޖަހާ އެންޓަނާތައް މަދުކުރަން ވަނީ ގޮވާލައިފަ އެވެ. އަދި އެފަދަ އެންޓަނާތައް ޖެހުން ހުއްޓުވަން ޕެޓިޝަނެއްގައި ސޮއިކުރުމާ ގުޅިގެން ބައެއް އެންޓަނާތައް ޖެހުމުގެ މަސައްކަތް އޮތީ މަޑުޖައްސާލައިފަ އެވެ. އެކަމަކު މިދިޔަ ޖުލައި މަހާ ހަމައަށް ސްވިޓްޒަލެންޑގެ އެކި ސަރައްދުތަކުގައި މިހާތަނަށް 334 އެންޓަނާ ޖަހާފައިވެ އެވެ.
މިކަމާ ގުޅިގެން ސްވިސް ފެޑެރޭޝަން އޮފް ޑޮކްޓާސް (އެފްއެމްއެޗް) އިން ވަނީ 5ޖީއާ ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
5ޖީއާ ދެކޮޅު މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް އުޅޫނު ގްރޫޕް ފްރިކްއެންޝާގެ ކޯ-ޕްރެޒިޑެންޓް ތަމްލިން ޝިލްބާ ބުނީ އެ ނެޓްވޯކާ ދެކޮޅަށް ރައްޔިތުން އަޑު އުފުލުން މަގުމައްޗަށް ނުކުތުމަކީ އެ ނެޓްވޯކް ރައްޔިތުން ބޭނުންނުވާ ކަމުގެ ހެއްކެއް ކަމަށެވެ.
"އެހެންވެ ރަސްމީ ފަރާތްތަކުން އެބަޖެހޭ މިކަމަށް އިޖާބަދޭން،" އޭނާ ބުންޏެވެ. "5ޖީއާ ދެކޮޅަށް އަހަރެމެން އަޑުއުފުލާނަން މިކަމަށް ކަމާބެހޭ ފަރާތްތަކުން އިޖާބައެއްދެންދެން."
5ޖީ ނެޓްވޯކް ރައްޔިތުން ބޭނުންވޭތޯ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގޮވާލައި 100،000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ވެސް ސްވިޓްޒަލެންޑްގައި މިހާރު އަންނަނީ ކުރަމުންނެވެ.
ސްވިޓްޒަލެންޑްގައި މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ތިން ކުންފުނި ކަމަށްވާ ސްވިސްކޮމް، ސަންރައިޒް އަދި ސޯލްޓަށް ވަނީ އެ ކުންފުނިތަކުން 5ޖީ ނެޓްވޯކް ލިމިޓް ކުރަން ވެސް އަންގައިފަ އެވެ.
5ޖީ ނެޓްވޯކުން ދިމާވެދާނެ ސިއްހީ މައްސަލަތަކާ ދެކޮޅަށް ބައެއް ގައުމުތަކުން އަޑުއުފުލަމުން އަންނަ އިރު، އެކަމުން ލިބިދާނެ ސިއްހީ ގެއްލުންތަކާ ބެހޭ ދިރާސާތަކެއް ހެދުމުގެ މަސައްކަތްތަކެއް އެކި ފެންވަރުގައި އަންނަނީ ކުރެވެމުންނެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި 5ޖީގެ އެންޓަނާތަކުގެ ރޭޑިއޯ ފްރިކްއެންސީން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކާ ގުޅޭ ރިސްކް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދާދި ފަހުން އެމެރިކާގެ ނެޝަނަލް އޯޝެނިކް އެންޑް އެޓްމޮސްފޮރިކް އެޑްމިނިސްޓްރޭޝަން (އެންއޭއޯއޯ) އާއި ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ބުނެފައިވާ ގޮތުގައި 5ޖީ އަކީ މޫސުން ލަފާކުރަން ވެސް ހުރަކަށް ވެދާނެ އެވެ.