23 ސެޕްޓެމްބަރ 2019 - 08:35

މެޑްރިޑް (ސެޕްޓެމްބަރު 23) - ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި 1-0 އިން ސެވިއްޔާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗުން މޮޅުވެގެން ސެވިއްޔާ އަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެ ޓީމު ބަލިވުމުން ފުރުސަތުގެ ބޭނުން ހިފީ އަލަވޭސް އަތުން 2-0 އިން މޮޅުވި އެތުލެޓިކް ބިލްބާއޯ އެވެ. ފަސް މެޗުން 11 ޕޮއިންޓާ އެކު ބިލްބާއޯ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ރެއާލަށް ވެސް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ.
މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން 3-0 އިން ބަލިވުމުން ރެއާލަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮއްވައި ރޭގެ މެޗުގައި އެ ޓީމުން ވަނީ ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ހާއްސަކޮށް ރެއާލްގެ ޑިފެންޑަރުން ވަނީ ސެވިއްޔާގެ އެޓޭކް ހުއްޓުވުމުގައި ތަފާތު ދައްކައިފަ އެވެ.
މެޗުގެ ހަމައެކަނި ގޯލު 64 ވަނަ މިނިޓްގައި ޖެހީ ކަރީމް ބެންޒެމާ އެވެ. ރެއާލުގެ ފުލްބެކް ޑެނީ ކާވަހާލް ހަމަޖެހިލާފައި ނަގައިދިން ހުރަހަކުން ބެންޒެމާ މި ލަނޑު ޖެހީ ބޮލުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ރެއާލުގެ އެޑެން ހަޒާޑް ޖެހި ބޯޅައެއް ސެވިއްޔާގެ ގޯލްކީޕަރު ތޯމަސް ވަސްލިކް ވަނީ މަތަކޮށްފަ އެވެ.
ރޭގެ މެޗުގެ ކުރިން ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ މީޑިއާގައި ރެއާލަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ މެދު ރައްދު ދޭން ޖެހޭނީ ރަނގަޅު ކުޅުމެއް ދަުޑިމަތީގައި ދައްކައިގެން ކަމަށެވެ. މެޗަށް ފަހު ޒިދާން ބުނީ އެކަން ކުރަން މިއީ ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އަހަރެމެންނަށް މިއީ އުނދަގޫ ވަގުތުތަކެއް. ވަރަށް ގިނަ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުން. މި ހުރިހާ ކަމަަކަށް ޖަވާބުދޭން އަހަރެން ހުރިއިރު ކުޅުންތެރިން މި ކަމުގައި އަހަންނަށް އެހީވެދޭން ތިބިކަން މި މެޗުން ފެނިގެން ގޮސްފި،" ޒިދާން ބުންޏެވެ.
ސެވިއްޔާގެ ކޯޗަކަށް ހުރީ މިދިޔަ އަހަރު ޒިދާން ރެއާލް ދޫކޮށްލުމުން އެ ޓީމާ ހަވާލުވި ހުލެން ލޮޕެޓެގީ އެވެ. ސްޕެއިންގެ ކޯޗަކަށް ވެސް ކުރިން ހުރި ލޮޕެޓެގީ އަށް ރެއާލުގައި އެދެވޭ މަސައްކަތެއް ނުކުރެވި ހަތަރު މަސް ތެރޭގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ. ލޮޕެޓެގީ ބުނީ ރޭގެ މެޗުގައި ސެވިއްޔާ އަށް ޕޮއިންޓެއް ވެސް ނުލިބުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.