22 ސެޕްޓެމްބަރ 2019 - 20:10

މަދީނާ (ސެޕްޓެމްބަރު 22) - އަރަބް ސްޕްރިންގެ ފެށުން ކަމަށް ސިފަކުރާ ޓިއުނީޝިއާގެ ކުރީގެ ރައީސް ޒައިނުލް އާބިދީން ބިން އަލީގެ ހަށިކޮޅު މަދީނާގައި ފަސްދާނުލައިފި އެވެ.
އަރަބި ގައުމުތަކުގެ ވެރިންނާ ދެކޮޅަށް ރައްޔިތުން ނުކުތުމުގެ ސިލްސިލާގެ ގޮތުގައި މަޝްހޫރުވި އަރަބް ސްޕްރިން ފެށިގެން ދިޔައީ ޓިއުނީޝިއާގައި އޭރު ރައީސަކަށް ހުންނެވި ޒައިނުލް އާބިދީންއާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަން ފެށި މުޒާހަރާތަކުންނެވެ. އެ ސިލްސިލާ އަރަބި އެހެން ގައުމުތަކާ ހަމައަށް ވެސް ދެމިގެންދިޔަ އެވެ.
މެދުކެނޑުމެއް ނެތި 23 އަހަރު ވެރިކަން ކުރެއްވި ޒައިނުލް އާބިދީން މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވީ ސައުދީގެ ޖިއްދާގެ ހޮސްޕިޓަލެއްގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުފުޅުން 83 އަހަރުގަ އެވެ. އޭނާ ފަސްދާނު ލާފައިވަނީ އިއްޔެ މަދީނާގަ އެވެ. އަވަހާރަވިއިރު، އަނބިކަނބަލަކާއި ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅަކު އެބަ ތިއްބެވި އެވެ.
ކޮރަޕްޝަނާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން އެތައް ކަމަކާ ދެކޮޅަށް ރައްޔިތުން ކުރަން ފެށި މުޒާހަރާތައް ކޮންޓްރޯލް ނުވެ، ޒައިނުލް އާބިދީން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، އާއިލާއާ އެކު ގައުމުން ބޭރަށް ވަޑައިގަތީ ޖެނުއަރީ، 2011 ގަ އެވެ. އޭގެފަހުން އަވަހާރަވުމާ ހަމައަށް ވެސް ދިރިއުޅުއްވީ ސައުދީ ރަސްގެފާނުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެ ގައުމުގެ ހިމާޔަތުގަ އެވެ.
ޒައިނުލް އާބިދީން އާއި އޭނާގެ އަނބިކަނބަލުން ލައިލާ އާބިދީން ހައްޔަރު ކުރަން ބައިނަލްއަގްވާމީ އަމުރެއް އިންޓަޕޯލުން ނެރެފައިވާއިރު، ޓިއުނީޝިއާގެ ކޯޓަކުން ވަނީ ޚިޔާނާތާއި ކޮރަޕްޝަންގެ ކުށުގައި އެ ދެ ބޭފުޅުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް އިއްވައިފަ އެވެ. ސައުދީގެ ހިމާޔަތުގައި ތިއްބެވުމުން އެ ބޭފުޅުން ހައްޔަރު ނުކުރެވުނަސް، ޓިއުނީޝިއާ އިން ވަނީ ޒައިނުލް އާބިދީންގެ ގާތް ބޭފުޅުންނާއި އާއިލީ ބައެއް ބޭފުޅުން ހައްޔަރުކޮށްފަ އެވެ.
ޒައިނުލް އާބިދީންގެ ވެރިކަން ވެއްޓުނުތާ މަހެއް ނުވަނީސް، މިސްރުގެ އޭރުގެ ރައީސް ހުސްނީ މުބާރަކާ ދެކޮޅަށް ވެސް ރައްޔިތުން ނުކުމެ، އޭނާގެ 30 އަހަރުވީ ވެރިކަން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އަދި އޭގެ ފަހުން މަހެއްހާ ދުވަސް ފަހުން ލީބިއާގެ ލީޑަރު މުއައްމަރަލް ޣައްޒާފީއާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ދާޚިލީ ހަނގުރާމައަކަށް ބަދަލުވެ، އޭނާ ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ.