24 ސެޕްޓެމްބަރ 2019 - 08:31

ސާނިއާ މަލްއުތުރާ ބޮލީވުޑަށް ތައާރަފުވި 2016 ގެ ފިލްމު "ޑަންގަލް" ގައި އާމިރު ޚާން ދަރިއެއްގެ ރޯލް ކުޅުމަށް ފަހު، އަނެއްކާ ވެސް މަޝްހޫރު އެހެން ތަރިއެއްގެ ދަރިއެއްގެ ރޯލް ކުޅެން އޭނާ ސޮއިކޮށްފި އެވެ.
މިދިޔަ އަހަރު "ބަދާއީ ހޯ" އާއި "ޕަޓާޚާ" އަދި މި އަހަރު ރިލީޒްކުރި "ފޮޓޯގްރާފް" އިން ފެނުނު ސާނިއާ މި ފަހަރު ވަނީ ބަތަލާ ވިދިޔާ ބަލަންގެ ދަރިއަކަށެވެ.
"ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުން މަޝްހޫރުވި އިންޑިއާގެ ކުރީގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ބައޮގްރަފިކަލް ޑްރާމާގެ ޓައިޓްލް ރޯލް ވިދިޔާ، 40، ކުޅޭ އިރު، ސާނިޔާ، 27، އެ ފިލްމުގައި ކުޅޭނީ ޝަކުންތަލާގެ އަންހެން ދަރިފުޅު އަނޫޕަމާ ބެނަޖީގެ ރޯލެވެ.
އެ ރޯލަށް ސޮއިކުރިކަން ސާނިއާ ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ "ޝަކުންތަލާ ދޭވީ" ގެ ފިލްމުން ފުރުސަތު ލިބުމަކީ މިހާތަނަށް ލިބުނު އެންމެ އެއް އުފާ ކަމަށެވެ.
މި ފިލްމުގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު ޑައިރެކްޓަރަކީ އަނޫ މެނަން އެވެ.
"ޝަކުންތަލާ ދޭވީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.
ނަވާރަ ސަތޭކަ އޮނަތިރީހުގައި އިންޑިއާގެ މައިސޫރަށް އުފަންވި ޝަކުންތަލާ ވަނީ އުމުރުން 83 އަހަރުގައި 2013 ގައި މަރުވެފަ އެވެ. ލިބިފައިވާ އާދަޔާހިލާފު ވިސްނުންތޫނު ކަމާއި ހިސާބުގެ އިލްމަށް އާދަޔާހިލާފަށް މޮޅު މީހެއްގެ ގޮތުގައި ފާހަގަ ކުރެވިގެން 1982 ގައި އޭނާ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ލިބިފައިވެ އެވެ.