22 ސެޕްޓެމްބަރ 2019 - 20:00

މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީ ދުނިޔޭގެ އެކި ގައުމުތަކުގައި ކުރަމުން އަންނަ ހަޅުތާލު، ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރާ މީހުން ރައްޔިތުންގެ މަޖިލިސް ދޮށަށް މިއަދު އެއްވެ މުޒާހަރާ ކޮށްފި އެވެ.

މިއަދު ހެނދުނު 10 ޖަހާކަންހާއިރު މަޖިލިސް މައި ގޭޓް ކައިރިއަށް އެއްވި މީހުން ތިބީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރާއްޖެ ހިމާޔަތް ކޮށްދިނުމަށް އެދި ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. ދެ ޖިންސުގެ އެކި އުމުރުގެ މީހުން އެއްވެ އަޑު އުފުލަމުން ދިޔައީ ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގަ އެވެ. ފަޅުތައް ހިއްކައިގެން ހިންގާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ވެސް އެ މީހުން ދިޔައީ ގޮވާލަމުންނެވެ.

މުޒާހަރާ ކުރާތާ މާގިއިރުތަކެއް ނުވަނީސް ރައްޔިތުން މަޖިލީހުގެ އެންވަޔަރްމަންޓް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމާއި އެ ކޮމެޓީގެ ބައެއް މެމްބަރުން ވަނީ މީހުން އެއްވެ ތިބި ސަރަހައްދަށް ވަޑައިގެން މަޝްވަރާ ކުރެއްވުމަށް ދައުވަތު ދެއްވައިފަ އެވެ. އެއަށް ފަހު މަޖިލީހުގެ ކޮމެޓީ ރޫމެއްގައި އެއްވުމުގައި ބައިވެރިވި 11 މީހުންނާ އެންވަޔަރްމަންޓް ކޮމެޓީ މެމްބަރުން ބައްދަލު ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ސޭވް މޯލްޑިވްސްގެ ވޮލަންޓިއަރު ހުމޭޒާ އަބްދުލް ގަފޫރު (ހުމޭ) ވިދާޅުވިގޮތުގައި ގިނަ ކަންބޮޑުވުންތަކެއް މަޖިލީހުގެ މެމްބަރުންނަށް ވާނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ތިމާވެށި ހިމާޔަތް ކުރުމަށް އެކިއެކި ގަވައިދުތައް ހެދިނަމަވެސް އެކަންކަން ތަންފީޒު ނުކުރާ މައްސަލަ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރުދާހުގައި އެއްޗެއް ލިޔެފައި އޮތަސް ތިމާވެށި ހިމާޔަތެއް ނުކުރެވޭނެ. އަމަލީގޮތުން އެކަން ކުރަން ޖެހޭ. އެކަން ކުރާތަނެއް ނުފެނޭ،" ހުމޭ ވިދާޅުވި އެވެ.
ރާއްޖޭގެ ފަޅުތައް ހިއްކުން ނުހުއްޓުމާއި އެންވަޔަރްމަންޓް މިނިސްޓްރީއަށް ހުށަހަޅާ ކަންބޮޑުވުންތަކަށް ޖަވާބު ނުދޭ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ހުމޭ ވިދާޅުވި އެވެ. އަދި ޕްލާސްޓިކް މަނާ ކުރުމަށް ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ އެކަންވެސް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
އެ ބައްދަލުވުމުގައި މުގައްރިރު ސަލީމް ވަނީ ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ގްލޯބަލް ކްލައިމެޓް ސްޓްރައިކް" މިދިޔަ ހުކުރު ދުވަހު ދުނިޔޭގެ އެކި ހިސާބުތަކުގައި ފަށާފައިވާއިރު ރާއްޖޭގައި ވެސް ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. ރާއްޖޭގައި ބޮޑު ހަޅުތާލު ކުރަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ވެލާނާގެ ކައިރީގަ އެވެ.