އަލިފާނުން ގެއްލުން ލިބުނު ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެއް މަހުގެ ޗުއްޓީ!
އަލިފާނުން ގެއްލުން ލިބުނު ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެއް މަހުގެ ޗުއްޓީ!

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުން ލިބުނު ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް މަސް ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ހަމަޖައްސައިފި އެވެ.

ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެގެން ހިނގި މި ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އަދި 83 މީހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ހިޔާވެހިކަން ފޯރުކޮށްދިނެވެ. ސީއެސްސީން ބުނީ މި ހާދިސާގައި ގެއްލުންވި ސިވިލް ސާވަންޓުން، އެ މީހުން މަސައްކަތްކުރާ އޮފީހަކަށް އެންގުމުން ޗުއްޓީގެ ކަންތައް ހަމަޖައްސައިދޭނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، މިއީ ހާލުގައި ޖެހުނު މީހުންގެ ދިރިއުޅުން ހަމަޖައްސަން ދޭ ޗުއްޓީއެއް ކަމަށެވެ. އެކަކު މަރުވެ، ހަތަރު ގުދަނަކާއި ހަތް ގެއެއް މި އަލިފާނުގައި އަނދައި ހުލިވި އިރު، ބޭނުންނުކުރެވޭ ވަރަށް ބައެއް ގެތަކަށް ގެއްލުން ލިބިފައި ވެ އެވެ.

ތިލަފުށީގޭގައި ހިންގާ ގްރީންޕާތު ކުންފުނީގެ ވެރިފަރާތުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވާން ޖެހޭ ސަބަބެއް އެނގިފައި ނުވާ ކަމަށާއި އެކަމަކު އެ ގުދަނަކީ ގަވައިދާ އެއްގޮތަށް ހިންގާ ތަނެއް ކަމަށެވެ.