22 ސެޕްޓެމްބަރ 2019 - 13:33

ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ ދައުވާކުރި މައްސަލައެއްގައި ދައުވާ އަށް ދައުލަތުން ނަން ދީފައިވާ ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމާފައި ވަނިކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ ހދ. މަކުނުދޫ މީހެއްގެ މައްޗަށް ކުރި އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެރަށު ކޯޓުން ނިންމީ ދައުވާގައި ބަޔާންކުރާ ކުށާއި ގާނޫނުގައި ހަވާލާދޭ ކުށް ދިމާ ނުވާތީ ކަމަށް ބުނެ އެވެ. އަދި ގާނޫނުގައި ކުށަކަށް ވަކި ނަމެއް ދީފައިވާ ނަމަ، ދައުވާގައި ވެސް ބަޔާން ކުރަން ޖެހޭނީ އެ ނަމަކުން ކަމަށާއި އެކަންކަން އިސްލާހު ކުރަން އެންގުމުން ދައުލަތުން އެކަން އިސްލާހު ކޮށްފައި ނުވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން 2016 ގައި ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ދައުވާގައި ދައުލަތުން ކުށަށް ދީފައިވާ ނަމަކީ "ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުން" ކަމަށާއި އެ ދައުވާގައި ހަވާލާދޭ ގާނޫނުގެ މާއްދާގެ އަރިމަތީ ސުރުހީގައި ބަޔާން ކޮށްފައިވަނީ "ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް" ހިންގުން ކަމަށެވެ. އަދި ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލުމަކީ "ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުން" ކަމަށް ބެލެވޭނެ ކަމަށް އެ މާއްދާގައި ބުނެފައިވާއިރު، އެ ގާނޫނުގެ ލަފްޒުތައް މާނަކޮށް ދޭ 60 ވަނަ މާއްދާއަށް ރިއާޔަތް ކުރަން ޖެހޭނީ ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި ނުވާ ހާލަތްތަކުގައި އެކަނި ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ދައުވާގެ ސީޣާގައިވާ އެއްޗެއް ސާފުނުވާ ނަމަ، ކަން ސާފުކޮށް ދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަމަކު އެ މައްސަލާގައި ދައުވާ އޮތްގޮތުން އެކަން ސާފުނުވާ ކަމަށް ބުނެ ނުވަތަ ދައުވާގެ ނަން ކަނޑައެޅި ގޮތާ މެދު ދައުވާލިބޭ ފަރާތުން ދަށު ކޯޓުގައި ޝަކުވާއެއް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ އަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރީގެ މައްސަލައެއް ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ޖިނާއީ ދައުވާތަކަށް ނަން ދިނުމުގައި ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް، އޭރު ދައުލަތުން އަމަލުކުރި އަދި ކޯޓުތަކުން ބަލައިގަންނަމުން ދިޔަ އުސޫލާ އެއްގޮތަށް ދައުވާއަށް ނަން ދިނުމަކީ ގާނޫނާ ޚިލާފް ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
ގާނޫނު އައުމުގެ ކުރިން ދައުވާތަކަށް ނަން ދިނުމުގައި ދައުލަތުން އަމަލުކުރި އުސޫލަކީ ކުށް ބަޔާންކުރާ މާއްދާގެ ސުރުހީގެ ނަމުން ނަން ދިނުން ނުވަތަ ކުށް ކަނޑައަޅާ މާއްދާއެއްގައި ބަޔާންކުރާ ވަކި އަމަލުތަކުން ދައުވާ އަށް ނަން ދިނުން ކަމަށާއި އެ ދެގޮތަކީ ވެސް އެހާތަނަށް ކޯޓުތަކުން ބަލައިގަންނަމުން އައިސްފައިވާ އުސޫލެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ދަށު ކޯޓުގެ އެ ނިންމުން ބާތިލްކޮށް، އެ މައްސަލަ މައުޟޫއީ ގޮތުން ބަލައި ގޮތެއް ނިންމުމަށްޓަކައި މަކުނުދޫ ކޯޓަށް އެ މައްސަލަ ފޮނުވާ ކަމަށެވެ.
ދައުވާލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.