22 ސެޕްޓެމްބަރ 2019 - 13:19

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނު ވައްދަން އުޅުނު ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި، ހައްޔަރުކުރި މީހުންގެ އަތުން 72 ފޯނާއި ހަތް ސިމް ކާޑާއި 62 ޗާޖަރާއި 39 ޔޫއެސްބީ ޑްރައިވް އާއި 22 ހެޑްސެޓާއި ފަސް އެޑަޕްޓަރުގެ އިރުން ނިޔަފަތި ކަނޑާ ފަސް ދައްޗާއި ސުޕަ ގްލޫ ފަސް ފުޅި އާއި ތިން ވަޅި އާއި ކަޓަރު ތިލަ ދެ ފޮއްޓާއި 12 ކީސްތިލަ ވަނީ އަތުލައިގެންފަ އެވެ.
މި ތަކެތީގެ އިތުރުން އައޮޑިން ލޮނު ޕެކެޓްތަކަކާއި ސަމުސާ ފަދަ ތަކެތި ވެސް ޖަލަށް ވައްދަން މަސައްކަތްކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ. މާފުށީ މެޖިސްޓްރޭޓް ކޯޓާ ހަވާލާދީ ފުލުހުން ބުނީ، 21 އަހަރުގެ ފިރިހެން މީހާ ތަހުގީގަށް ބަންދުގައި ބަހައްޓަން 10 ދުވަސް ދީފައިވާ ކަމަށެވެ. އަދި 26 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.
މި ދެ މީހުން ހައްޔަރު ކުރީ ޖަލަށް އެއްޗެހި ވައްދަން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން، ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.