ވާރޭ ފެނުގައި އެސިޑްގެ އަސަރެއް ނެތް: އެޗްޕީއޭ
ވާރޭ ފެނުގައި އެސިޑްގެ އަސަރެއް ނެތް: އެޗްޕީއޭ

އަލިފާނުގެ ބޮޑު ހާދިސާ ހިނގި ސަރަހައްދުގައި ހުރި ވާރޭ ފެނުގައި ކެމިކަލްގެ އަސަރު ހުރިތޯ ސުވާލު އުފައްދާފައިވާތީ، އެ ފެން ޓެސްޓްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް، އެ ފެނުގައި އެސިޑްގެ އަސަރެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ކަށަވަރުކޮށްދީފި އެވެ.

މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ އެ ހާދިސާގައި ކެމިކަލް ރައްކާކުރަމުން ދިޔަ ގުދަންތަކެއްގައި އަލިފާން ރޯވެ އެތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އަދި ހުކުރު ދުވަހުގެ ރޭ ވަރަށް ބޯކޮށް މާލެ އަށް ވާރޭ ވެހި ފެންބޮޑުވެފައިވާތީ، އެ ކެމިކަލް އާއި ވާރޭ ފެން ތަޣައްޔަރުވެފައި ހުރެދާނެތީ އާންމުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އެމްއެފްޑީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެތަނުން ޓެސްޓުކުރީ މާލޭ މަގުތަކުގައި ހުރި ވާރޭ ފެނުގައި އެސިޑްގެ އަސަރު ހުރިތޯ ކަމަށެވެ. އަދި އަލިފާން ރޯވި ސަރަހައްދުގެ އިތުރުން، މާލޭގެ އެހެން ސަރަހައްދުތަކުން ވެސް ވާރޭ ފެން ނަގައިގެން ޓެސްޓު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަލިފާނުގެ ހާދިސާ ހިނގީ ހ. އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށި ނަމަކަށް ކިޔާ ގެއެއްގައި ހުންނަ ކެމިކަލް ރައްކާ ކުރާ ގަރާޖެއްގައި ރޯވެގެންނެވެ. ހަތަރު ސަތޭކަ އަށް ވުރެ ގިނަ މީހުން މި ހާދިސާގައި ހާލުގައި ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން މީގެ ކުރިން ބުންޏެވެ. އަދި 83 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދިން އިރު 49 އަހަރުގެ އަންހެނަކު މި ހާދިސާގައި މަރުވި އެވެ.

މިފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކަށް، ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފަ އެވެ.