22 ސެޕްޓެމްބަރ 2019 - 11:49

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ކޮންސްޓަރަކްޝަން ދާއިރާ އަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރެފައިވާ މި އަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައި ބުނެފައިވާ ކޮންސްޓްރަކްޝަން ދާއިރާ އަށް ދޫކުރި ބޭންކް ކްރެޑިޓް އިތުރުވި ނަމަވެސް އިމްޕޯޓް ވަނީ ދަށްވެފަ އެވެ. އެގޮތުން އެ ދާއިރާއިން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އިމްޕޯޓް ކުރި މުދާ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ 19 ޕަސެންޓް ދަށްވެފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަރާމާތު ކުރުމަށް ބޭނުންކުރާ ލަކުޑި އާއި ދަގަނޑާއި ސިމެންތި އަދި ހިލަވެލި ފަދަ ތަކެތި އިމްޕޯޓް ކުރާ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ދަށްވެފައިވާ ކަމަށެވެ. ނަމަވެސް މިފަދަ ކުންފުނިތަކަށް ބޭންކުން ދޭ ކްރެޑިޓް 12 ޕަސެންޓް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބޭންކް ކްރެޑިޓްގެ ތެރޭގައި ހިމެނޭނީ ބޭންކުން ދޫކުރާ ލޯނާއި، އޯވަޑްރާފްޓެވެ.
ކޮންސްޓްރަކްޝަން ދާއިރާގެ އިމްޕޯޓް ދަށްވެފައި ވަނީ ސަރުކާރުން ހިންގި ބިޔަ މަޝްރޫއުތައް ނިމިފައިވާތީ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ. މި އަހަރުގެ މިހާތަނަށް މި ދާއިރާގެ އިމްޕޯޓުުގައި ބޮޑު ހިއްސާއެއް އަދާކޮށްފައި ވަނީ ރިސޯޓުތަކުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ދާއިރާގެ އިމްޕޯޓުގައި 45 ޕަސެންޓް ރިސޯޓުތަކުން ހިއްސާކޮށްފައި ވާއިރު ޕްރައިވެޓް ކުންފުނިތަކުގެ ހިއްސާއަކީ 43 ޕަސެންޓެވެ. ސަރުކާރު ކުންފުނިތަކުންނާއި ޕަބްލިކް ކުންފުނިތަކުން ހިއްސާ ކޮށްފައި ވަނީ އެންމެ 12 ޕަސެންޓެވެ.