ރޯވި ސަރަހައްދު އަދިވެސް ހަމައަކަށް ނޭޅޭ
ރޯވި ސަރަހައްދު އަދިވެސް ހަމައަކަށް ނޭޅޭ

ހ. ތިލަފުށި ގޭގެ ގުދަނުގައި ރޯވެގެން ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަށް ދެ ދުވަސް ވާ އިރު ވެސް، އަނދައިގެން ދިޔަ ބައެއް ގެތަކުން ދުން އަރަމުންދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ރޯވި ސަރަހައްދު އަދިވެސް ހަމައަކަށް ނޭޅޭ
ރޯވި ސަރަހައްދު އަދިވެސް ހަމައަކަށް ނޭޅޭ

އަބަދަށްފެހި މަގުގައި ހުކުރު ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އެ ސަރަހައްދުގެ ބައެއް ގެތައް ވަނީ އަނދައިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި ހަތަރު ގުދަނަކާއި ހަތް ގެއެއް ހިމެނެ އެވެ. ގިނަ ގެތަކަކަށް އަލިފާނުގެ އަސަރުކޮށްފައި ވާތީ އަދިވެސް އެތަންތަން ހުރީ ހުސްކޮށްފަ އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން، މޭޖާ އިބްރާހިމް އާޒިިމް ވިދާޅުވީ އެ ސަރަހައްދުން އަދިވެސް ދުންއަރަމުން ދަނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށެވެ. މޮނީޓާ ކުރުމަށް އަލިފާން ނިއްވާ ސިފައިން މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

އަނދާފައިވާ އިމާރާތްތަކުގައި ދޭތެރެ ދޭތެރެއިން ހުޅު ވެސް ހިފަ އެވެ. އިއްޔެ އާއި ރޭވެސް ސިފައިން ވަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ އެވެ.

އަލިފާން ރޯވި ތިލަފުުށީ ގޭގެ ކުރިމަތިން ފެހި އާބާދާ ޖެހިގެން ދެކުނަށް ހުރި، ގަޒްވިން އާއި އަދޫ އާއި އީރާނުގޭގެ އިތުރުން ރަދުވާނިއާ އިމާރާތަށް ވަނީ އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ. އަދި ތިލަފުށި ގެއާ ޖެހިގެން ހުރި މާޓިންގެ އިން ފެށިގެން ގޮސް ހުޅަނގަށް ހުރި އަލްފާ އާ ހަމައަށް ވަނީ އަލިފާނުގެ އަސަރު ކޮށްފަ އެވެ. އެ ގެތަކުގެ އިތުރުން ތިލަފުށީގެ ބިތްދޮށުން ހުރި ވަރަށް ގިނަ ގެތަކަށް އަސަރުކޮށް، ކޯލް ފީލްޑާ ޖެހިގެން ހުރި އިމާރާތަކާއި ބިތްދޮށުގައި ހުރި ދެ އިމާރާތް ވެސް ވަނީ އަނދައިފަ އެވެ. މީގެ އިތުރުން ހަމަ އެތާނގައި ހަދަމުން ދިޔަ އިމާރާތެއްގެ އޮނިގަނޑު އަރިއަޅާލައި އެހެން އިމާރާތެއްގެ މައްޗަށް ވަނީ ވެއްޓިފަ އެވެ.

ގިނަ ގެތަކެއް އަނދައި އަޅިއަށް ވިއިރު މިހާރު ފެންނަން ހުރީ ހަތަރު ފާރެވެ. ކައިރި ހުރި ގޭގެ އަށް ދުމުގެ އަސަރުކޮށް ގިނަ ގެތަކުގެ ބޭރު ހުރީ ކަޅުކުލައިގަ އެވެ.

އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 443 މީހުން ވަނީ ހާލުގައި ޖެހިގެން އެހީތެރިކަމަށް އެދިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން އަމިއްލަ އަށް އެކި ތަންތަނަށް ބަދަލުވިއިރު އަނެއް ބަޔަކު ތިބީ ސަރުކާރުން ހަމަޖައްސައިދިން ވަގުތީ ހިޔާތަކުގަ އެވެ.

އެ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ގެއެއްގައި ދިރިއުޅޭ އައިޝަތު ޝައުނާ ނަމަކަށް ކިޔާ މީހަކު ވަނީ ފިހިގެން މަރުވެފަ އެވެ.