22 ސެޕްޓެމްބަރ 2019 - 08:43

މެންޗެސްޓާ (ސެޕްޓެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބެނާޑޯ ސިލްވާ ހެދި ހެޓްރިކާ އެކު މެންޗެސްޓާ ސިޓީން 8-0 އިން އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން މޮޅުވެއްޖެ އެވެ.
މިއީ އަލަށް ޕްރޮމޯޓްވި ނޯވިޗް އަތުން މިދިޔަ ހަފުތާގައި ރަށުން ބޭރުގައި ބަލިވުމުން އަލުން ފޯމަށް އަންނަން މަސައްކަތްކުރަމުން އަންނަ ސިޓީ އަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އަދި ސިޓީން ލީގުގައި ހޯދި އެންމެ ބޮޑު މޮޅެވެ.
ރޭގެ މެޗުގައި ސިޓީން ވަނީ ފުރަތަމަ 18 މިނިޓް ތެރޭގައި ފަސް ގޯލު ޖަހައިފަ އެވެ. މިއާ އެކު ސިޓީ ވެފައިވަނީ ލީގުގެ މެޗެއްގައި އެންމެ އަވަހަށް ފަސް ގޯލު ޖެހި ޓީމަށެވެ. ރޭގެ މެޗުގައި ސިޓީގެ ބެނާޑޯ ސިލްވާ ހެޓްރިކެއް ހެދިއިރު، މިއީ ޕޯޗުގަލް އަށް ނިސްބަތްވާ ކުޅުންތެރިއަކު ޕްރިމިއާ ލީގުގައި ހެޓްރިކެއް ހެދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެކަން ހާސިލްކުރީ މެންޗެސްޓާ ޔުނައިޓެޑަށް މީގެ ކުރިން ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވުލްވްސްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ.
ސިޓީގެ އެހެން ގޯލުތައް ޖެހީ ސާޖިއޯ އަގުއޭރޯ، ނިކޮލަސް އޮޓަމެންޑީ، ޑޭވިޑް ސިލްވާ، ރިޔާދު މާރޭޒްގެ އިތުރުން ރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކެވިން ޑިބްރޭނާ އެވެ. ރޭގެ މެޗުގައި އަގުއޭރޯ ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ އާ ސީޒަނެއްގެ ފުރަތަމަ ހަ މެޗުގައި ވެސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗަށް ނުކުތްއިރު ޓީމުގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެ ޓީމުގެ ފަހަތަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ކޮންމެ މެޗެއްގައި ވެސް ކުޅެން ޖެހެނީ ޕްރެޝަރުގައި ކަމަށެވެ.
"އަހަރެމެން 18 މިނިޓުން ފަސް ގޯލު ޖެހީ. ފުރަތަމަ ގޯލު ފުރަތަމަ މިނިޓްގައި. މިއީ ޕޮޒިޓިވް ކަންތައްތައް. އެކަމަކު އަހަރެމެން ކޮޅަށް ވެސް ފުރަތަމަ ދެ މިނިޓް ތެރޭ އެ މީހުން ރަނގަޅު ފުރުސަތު ތަނަވަސްކުރި. މި ހުރިހާ ކަމަކަށް ވިސްނާއިރު މި ނަތީޖާ ވަރަށް ރަނގަޅު،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
ލީގުގެ އެއް ވަނައިގައި ފަސް މެޗުން 15 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، ދެ ވަނައިގައި ސިޓީ އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ.
ލީގުގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުގައި އެ ޓީމު ވަނީ 2-1 އިން ލެސްޓާ ސިޓީ އަތުން މޮޅުވެފަ އެވެ. ހެރީ ކޭންގެ ގޯލުން ޓޮޓެންހަމް ލީޑުނަގާފައިވަނިކޮށް ލެސްޓާ ކޮޅަށް ނަތީޖާ އަނބުރާލީ ރިކާޑޯ ޕެރޭރާ އާއި ޖޭމްސް މެޑިސަން ޖެހި ގޯލުތަކުންނެވެ. މި މެޗުގައި ޓޮޓެންހަމާ ދެކޮޅަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ބޮޑު ނިންމުމެއް ނިންމާފައިވާތީ މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.