22 ސެޕްޓެމްބަރ 2019 - 08:30

އެމެރިކާ މީހަކު ޓެންޒޭނިއާގެ ރިސޯޓެއްގެ މޫދު އަޑީގައި އޭނާގެ ލޯބިވެރިޔާ އަށް ކައިވެނި ހުށަހަޅަން އުޅުމުގެ ތެރޭގައި ގެނބިގެން ބުރާސްފަތި ދުވަހު މަރުވެއްޖެ އެވެ.

ޓެންޒޭނިއާގެ ޕެމްބާ އައިލެންޑުގައި ހިންގާ މަންތާ ރިސޯޓްގައި ހިނގި މި ހާދިސާގައި މަރުވީ ސްޓީވެން ވެބާ ކިޔާ މީހެކެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި، މޫދު ކޮޓަރީގައި މޫދު އަޑިއަށްވާ ހިސާބުގައި ބިއްލޫރިން ހަދާފައިވާ ކެބިން ކައިރި އަށް ވެބާ ފީނަނީ މާސްކެއް އަޅައިގެންނެވެ. ކޮޓަރި ތެރޭގައި އިން ލޯބިވެރިޔާ ކެނެޝާ އެންތަނީ އަށް ފެންނަ ގޮތަށް، ކައިވެންޏަށް ޕްރޮފޯޒްކޮށް ލިޔެފައިވާ ލިޔުމަކާއި އަނގޮޓި ވެސް އޭނާ ދައްކާލަ އެވެ. އެކަމަކު މި ޕްރޮޕޯޒަލަށް ފަހު ވެބާ މައްޗަށް ނާރައިގެން ބެލި އިރު ފެނުނީ ގެނބިގެން މަރުވެފައި އޮއްވަ އެވެ.
ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ ވެބާ ފީނީ އެކަނި ކަމަށެވެ.
މި ދެ ލޯބިވެރިން ޗުއްޓީ ހޭދަކުރަން ތިބި މޫދު ކޮޓަރި ހުންނަނީ ހިކިފަސް ހިސާބާ 820 ފޫޓު ދުރުގަ އެވެ. ރެޔަކަށް 1،700 ޑޮލަރު ޗާޖުކުރާ މި ކޮޓަރީގެ އަންޑަ ވޯޓާ ކެބިން ހުންނަނީ 32 ފޫޓު ފުނުގަ އެވެ.
ވެބާ މަރުވީ އެ މީހުންގެ ޗުއްޓީގެ ތިން ވަނަ ދުވަހު ކަމަށްވެ އެވެ.
ވެބާ އޭނާގެ ލޯބިވެރިޔާ ކައިވެނި ހުށަހެޅި ލިޔުމުގައި އޭނާގެ ބައިވެރިޔާ ދެކެ ލޯބިވާ "ހުރިހާ ސަބަބުތަކެއް ކިޔައިދީ ނިމެންދެން ނޭވާ ނުލައި ނޯވެވޭނެ" ކަމަށް ބުނެފައިވެ އެވެ. ބައިވެރިޔާގެ ކޮންމެ ކަމަކަށް ވެސް ލޯބިކުރާ ކަމަށާއި ކޮންމެ ދުވަހަކު ވެސް ލޯބި އިތުރުވާ ކަމަށް ވެސް އޭގައި ލިޔެފައިވެ އެވެ.
ރިސޯޓުން ނެރުނު ބަޔާނުގައި ބުނީ ވެބާ އަށް ކަމެއް ދިމާވެގެން އުޅޭ ކަމަށް ރިޕޯޓްކުރުމާ އެކު އެހީވާން މަސައްކަތް ފެށި ކަމަށާއި އެކަމަކު ވެބާ މޫދުން ނެގި އިރު ވެސް މަރުވެފައިވާ ކަމަށެވެ.