21 ސެޕްޓެމްބަރ 2019 - 19:20

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މަގުތައް އަލުން ހެދުމުގެ މަޝްރޫއުއެއް ރާވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ރޭ މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުން ގިނަ ގެތަކަށް ވަނީ ފެން ވަދެފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު މާލޭގައި ފެންބޮޑުވުމުގެ ހާދިސާ އަށް ފަހު އަބަދުވެސް އެ ކައުންސިލް އޮންނަނީ ތައްޔާރީ ހާލަތުގައި ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއުއެއް ރާވައި، އަންނަ އަންނަ މަހުގެ ކުރީކޮޅު ޑިޒައިންތަކާ އެކު އާންމުންގެ ޚިޔާލަށް ހުޅުވާލެވޭނެ ކަމަށް ސަމާއު ވިދާޅުވި އެވެ.
"ކިރިޔާ ވިއްސާރަ ވިލާކޮޅެއް ދައްކާލާއިރަށް އެންމެން ހޭލައި ތިބެގެން މާލޭގެ ވަށައިގެން ޕަންޕު ޖަހައިގެން މިއީކީއެއް ނޫން އަޅުގަނޑުމެން އުޅެންޖެހޭ ގޮތަކީ. ކުރިއަށް އޮތް ތަނުގައި އިރާދަ ކުރެއްވިއްޔާ މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓް އިއުލާން ކުރެވި، ރައްޔިތުންގެ މަޝްވަރާގެ މަތިން މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ބޮޑު ބަދަލެއް ގެނެވޭނެ." ސަމާއު ވިދާޅުވި އެވެ.
ސަމާއު ވިދާޅުވީ ރޭ ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ރައްކާތެރިވުމަށް ވެލި ބަސްތާތައް ގޭގެއަށް ފޯރުކޮށް ދީފައިވާނެ ކަމަށާއި އެއްވެސް ގެއަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށެވެ. އެކަމަކު އިތުރަށް ބަލަންޖެހޭ 27 ގެއެއްގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަދަލު ދޭންޖެހޭ ގެއެއް ހުރި ނަމަ، އެ ގޭގެއަށް އެހީ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.