މިސްރުގެ ރައީސްއާ ދެކޮޅަށް ނުކުތުމުން އެތައް ބަޔަކު ހައްޔަރުކޮށްފި
މިސްރުގެ ރައީސްއާ ދެކޮޅަށް ނުކުތުމުން އެތައް ބަޔަކު ހައްޔަރުކޮށްފި

ގާހިރާ (ސެޕްޓެމްބަރު 22) - މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީގެ އިސްތިއުފާ އަށް ގޮވާލަން އެ ގައުމުގެ އެކި ސިޓީތަކުގެ މަގުތަކަށް ނުކުތް މީހުންގެ ތެރޭން 74 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފި އެވެ.

މިސްރުގެ ރައީސްއާ ދެކޮޅަށް ނުކުތުމުން އެތައް ބަޔަކު ހައްޔަރުކޮށްފި
މިސްރުގެ ރައީސްއާ ދެކޮޅަށް ނުކުތުމުން އެތައް ބަޔަކު ހައްޔަރުކޮށްފި

ހިއުމަން ރައިޓްސް ވޮޗުން ވަނީ އެއްވެއުޅުމުގެ މިނިވަންކަން ހިމާޔަތްކޮށްދިނުމަށް މިސްރު ސަރުކާރަށް ގޮވާލައިފަ އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިސްރުގައި ހަނިކޮށްފައި ވަނިކޮށް އެތައް ބަޔަކު ހުކުރު ދުވަހުގެ ރޭ ވަނީ ގާހިރާގެ މަޝްހޫރު ތަހްރީރު މައިދާނަށް ޖަމާވެ ސީސީގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ. ތަހުރީރު މައިދާނުގެ މި މުޒާހަރާ އިން އާ ކޮށްދެނީ މީގެ އަށް އަހަރު ކުރިން ރައީސް ހުސްނީ މުބާރާތަކާ ދެކޮޅަށް ރައްޔިތުން ނުކުތް ހަނދާންތަކެވެ.

މިސްރުގެ ސަލާމަތީ ފަރާތްތަކުން ބުނެފައި ވަނީ 74 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އާދައިގެ ހެދުމުގައި ތިބި ފުލުހުން ގާހިރާގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ކަމަށް ބުނެފައިވެ އެވެ.

"މިސްރުގެ ހާލަތު ވަރަށް ގާތުން ދުނިޔެ ބަލަމުންދާކަން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އެނގެން ޖެހޭނެ. މާޒީގައި ހިނގައިދިޔަ ފަދަ އަނިޔާވެރި ގޮތަކަށް ކަންކަން ވިޔަނުދޭން ފިޔަވަޅު އަޅަންޖެހޭނެ،" ހިއުމަން ރައިޓްސް ވޮޗުގެ މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާ ޑިރެކްޓަރު މައިކަލް ޕޭޖް ވިދާޅުވި އެވެ.

މުޒާހަރާތައް ކުރިއަށް ދަނިކޮށް ސީސީ ވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމަށް ހުކުރު ދުވަހުގެ ރޭ ނިއު ޔޯކަށް ފުރާވަޑައިގެންފަ އެވެ.

ސީސީއާ ދެކޮޅު މުޒާހަރާތައް އޮންލައިން ކޯލަކަށް ފަހު ހުކުރު ދުވަހު ފެށިއިރު ސްޕޭނުގައި ދިރިއުޅޭ މިސްރުގެ ވިޔަފާރިވެރިއަކު ވަނީ ސީސީގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފަޅާ އަރުވާލައިފަ އެވެ. ކޮންސްޓްރަކްޝަން ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ވަނީ ސީސީއާ ދެކޮޅަށް މިސްރު ރައްޔިތުން މަގުތަކަށް ނުކުތުމަށް އޮންލައިން ވީޑިއޯއެއްގައި ހުކުރު ދުވަހު ގޮވާލައިފަ އެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ވައްޓާލި އިރު ސިފައިންގެ ވެރިއަކަށް ހުންނެވީ ސީސީ އެވެ. އޭގެ ފަހުން ބޭއްވި އިންތިޚާބު ސީސީ ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެން އަސާސީ ވަރަށް ގިނަ ހައްގުތައް ވަނީ ހަނިކޮށްފަ އެވެ. ނޫސްވެރިންނަށް ބިރު ދައްކައި ސިޔާސީ އިދިކޮޅު ފަރާތްތައް ދަނީ ހައްޔަރުކުރަމުންނެވެ. ދެހާސް ތޭރަ ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން މިސްރުގައި މުޒާހަރާކުރުން ވަނީ މަނާކޮށްފަ އެވެ. ގައުމު އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ.