21 ސެޕްޓެމްބަރ 2019 - 12:16

ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، މުވާސަލާތު ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން މިއަދު އުރީދޫގެ ހުރިހާ ނަންބަރުތަކަށް ހިލޭ ގުޅޭ ގޮތް ހަދާފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ބުނީ ހުރިހާ ނަންބަރަކަށް ވެސް ހިލޭ ގުޅޭނެ އިރު ރާއްޖޭން ބޭރުގައި ތިބި މީހުންނާ މުއާސަލާތު ކުރުމަށް އެހީއެއްގެ ގޮތުން ވައިބާ މެދުވެރިކޮށް ގުޅުމާއި މެސެޖުކުރުމަށް ވެސް ޑޭޓާ އަށް ޗާޖު ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އާންމު މައުލޫމާތު ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ޓްވިޓާ ބޭނުންކުރުމަށް ވެސް ޑޭޓާ އަށް އެއްވެސް ޗާޖެއް ނުނަގާނެ އެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާގައި އަލިފާން ރޯވި ގެއެއްގައި ތާށިވެ ތ.ބުރިނި، އުމުރުން 46 އަހަރުގެ އައިޝަތު ޝައުނާ ވަނީ މަރުވެފަ އެވެ.
ރޭ ގާތްގަނޑަކަށް 7:15 ހާ އިރު ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހައެއްކަ ގަޑިއިރު ފަހުންނެވެ. ރޯވި ގެތަކާއި އަލިފާނާއި ދުމުގެ އަސަރުކުރި ގެތަކުން 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.