22 ސެޕްޓެމްބަރ 2019 - 08:35

މީގެ 10 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "އަރުންދަތީ" ގެ ހިންދީ ރިމެކުން ފެނުމުގެ ފުރުސަތު ބޮޑީ ކަރީނާ ކަޕޫރް ކަމަށާއި އެ ފިލްމު އޭނާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
ނަމަވެސް ފިލްމަށް ކަރީނާ އެއްބަސްވި ކަމެއް އަދި ކަށަވަރެއް ނޫނެވެ. "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ ޑަބަލް ރޯލެއް ކުޅުނު 2009 ގެ "އަރުންދަތީ" އަކީ ޑާކް ފެންޓަސީ ހޮރޯ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެެރޭގައި ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ދެ އެކްޓަރުން ކަމަށްވާ ސޯނޫ ސޫދާއި އަރުޖުން ބަޖްވާގެ އިތުރުން މަނޮރާމާ އަދި ސަޔާޖީ ޝިންޑޭ ހިމެނެ އެވެ.
"އަރުންދަތީ" އަށް ކަރީނާ އެއްބަސްވެއްޖެ ނަމަ މި ފިލްމުވެގެން ދާނީ އޭނާ ކުޅޭ ފުރަތަމަ ބިރުވެރި ފިލްމަށެވެ. އަދި މިއީ ދާދި ފަހުން ޑަބަލް ރޯލެއް ކުޅުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރި ބަތަލާ އަށް އެ ފުރުސަތު ވެސް ލިބޭނެ ފިލްމަކަށް ވާނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "އަރުންދަތީ" އަށް ކަރީނާ އަށް ވަގުތު ދެވޭ ގޮތް ނުވެއްޖެ ނަމަ، ފިލްމު ހަދާ ޓީމުން ވަނީ ޕްލޭން ބީއަކާ ދޭތެރޭ ވެސް ވިސްނައިފަ އެވެ. އެގޮތުން ދެން ފިލްމުން ފެނުމުގެ ފުރުސަތު ބޮޑީ އަނުޝްކާ ޝަރުމާ އެވެ.
އޭނާއަކީ މިދިޔަ އަހަރު ބިރުވެރި ފިލްމެއް ކުޅުނު ބަތަލާއެކެވެ. އެއީ އަމިއްލަ އަށް ޕްރޮޑިއުސްކުރި "ޕަރީ" އެވެ.
ކަރީނާ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެ ތެރޭގައި އާމިރު ޚާންގެ "ލާލު ސިންގް ޗައްޑާ" އާއި ކަރަން ޖޯހަރުގެ "ތަޚުތު" ހިމެނެ އެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އަދި އަނުޝްކާގެ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކުރި "އަރުންދަތީ" އަކީ ކޮޑީ ރާމަކްރިޝްނާ ޑައިރެކްޓްކުރި ފިލްމެކެވެ.