22 ސެޕްޓެމްބަރ 2019 - 08:37

ސެލެބްރިޓީ ކްރިކެޓް ލީގެއް އިންތިޒާމުކުރަން ކަމަށް ބުނެ ފައިސާ ނަގައި އެ ލީގް ބާއްވާފައި ނުވާ ކަމަށް ބުނެ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ހިމެނޭ ގޮތަށް ތިން މީހެއްގެ މައްޗަށް ކުރި ދައުވާއަކުން ބޯނީ ސަލާމަތްވެއްޖެ އެވެ.
މަރުވެފައިވާ ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ އަދި ޒުވާން ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަގެ މައްޗަށް ދައުވާކުރަން މިދިޔަ ޖޫން މަހުގެ ތެރޭގައި ރާޖަސްތާން ހައި ކޯޓަށް ހުށަހެޅީ ޕްރަވީން ޝާމް ސޭތީ ކިޔާ މީހެކެވެ.
ޕްރަވީން ހުށަހެޅި މައްސަލާގައި ބުނީ ބޯނީ އާއި ސިގްނޭޗާ ކްރިކެޓް ލީގްގެ ޑިރެކްޓަރު މުސްތަފާ ރާޖްގެ އިތުރުން ޕަވަން ޖަންގިދު ކިޔާ މީހަކު އޭނާގެ އަތުން 2.5 ކްރޯޑް ރުޕީސް (351,137.50 ޑޮލަރު) ނަގައި، އެއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
މި މައްސަލާއާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ބޯނީ ކޯޓްގައި ބުނެފައި ވަނީ ކްރިކެޓް ލީގް ބޭއްވުމާ ގުޅޭ ގޮތުން މުސްތަފާއާ އެކު ނޫސް ކޮންފަރެންސެއްގައި އޭނާ ބައިވެރިވި ކަމަށެވެ. އެކަމަކު އެ ލީގް އިންތިޒާކުރަން ހިންގި ފައިސާގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިނުވާ ކަމަށާއި ޕްރަވީން އަތުން ނެގި ކަމަށް ބުނާ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައި ވެސް ނުވާ ކަމަށެވެ.
ބޯނީ ބުނިގޮތުގައި އޭނާ ނޫސް ކޮންފަރެންސްގައި ބައިވެރިވީ މުސްތަފާއަކީ ގާތް މީހަކަށްވެފައި އެކަމަށް އޭނާ އެދުމުން ކަމަށެވެ.
މި މައްސާލާގައި ހުކުރު ދުވަހު ބޭއްވި އަޑުއހުމުގައި ރާޖަސްތާން ހައި ކޯޓުން ވަނީ މިހާތަނަށް ބެލިބެލުމުން ކްރިކެޓް ލީގްގެ މައްސަލާގައި ބޯނީ މަކަރާއި ހީލަތް ހެދުމުގައި ބައިވެރިނުވާ ކަމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ.