ރަންވީރު އާދަޔާހިލާފަށް މޮޅު: ކަބީރު ޚާން
ރަންވީރު އާދަޔާހިލާފަށް މޮޅު: ކަބީރު ޚާން

ރަންވީރު ސިންގަކީ އާދަޔާށާހިލާފު މޮޅު އެކްޓަރެއް ކަމަށާއި އޭނާ އަކީ ކޮންމެ ކަހަލަ ކެރެކްޓާއެއް ދިނަސް އެ ރޯލެއް ވަރަށް ފަސޭހައިން މޮޅަށް ކުޅެލާ އެކްޓަރަށް ކަމަށް ބުނެ، ކްރިކެޓް ފިލްމު "83" ގެ ޑައިރެކްޓަރު ކަބީރު ޚާން، ރަންވީރަށް ތައުރީފުކޮށްފި އެވެ.

މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ކަބީރު ބުނީ އޭނާގެ ފިލްމުގައި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭލްވެ ރޯލް ރަންވީރު ކުޅެލާފައި ވަނީ އުންމީދުކުރި ވަރަށް ވުރެ ވެސް ފުރިހަމަކޮށް ކަމަށެވެ. އޭނާ ބުނި ގޮތުގައި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ރަންބީރު ކަބީރާ އެކު ގިނަ ވަގުތުތަކެއް ހޭދަކޮށް، އޭނާގެ ޝަހުސިއްޔަތު ދެނެގެންނަން މަސައްކަތްކޮށްފައިވާތީ، ޝޫޓިންތެރޭގައި ރަންވީރު ދެއްކި ހުނަރަށް ތައުރީފާއި ސާބަސް ހައްގު ކަމަށެވެ.

"އަހަންނަށް އެންމެ ފާހަގަކުރެވުނު އެއް ކަމަކީ ސީދާ ކަޕިލްގެ އެކްސްޕެރެޝަންތައް ރަންވީރު ގެނެސްދިންލެއް ފުރިހަމަކަމުން،" ބަޖިރަންގީ ބައިޖާން އާއި އޭކް ތަ ޓައިގާ ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ. "ފިލްމު ބެލުންތެރިން ބަލާލީމަ މި ބުނާ އެއްޗެއް ވަރަށް ރަނގަޅަށް އެނގޭނެ. މޭކަޕާއި ސްޓައިލުން އެކަންޏެއް ނޫން 83 ގައި ރަންވީރު ކަޕިލްގެ ގޮތުގައި ފެނިގެން ދާނީ."

ކަބީރު ބުނިގޮތުގައި ރަންވީރަކީ ގުދުރަތީ ގޮތުން ވެސް، އެކްޓްކުރުމުގެ ހުނަރު ވަރަށް ބޮޑަށް ލިބިފައިވާ މީހަކަށް ވާތީ އޭނާއަކީ ކޮންމެ ކަހަލަ ރޯލަކަށް ވެސް ފިޓްވާނެ ތަރިއެކެވެ.

"އޭނަ މިހާތަނަށް ކުޅެފައި ހުރި ރޯލްތައް ބަލާލީމަ ގަބޫލެއް ވެސް ނުކުރެވޭނެ އެއީ އެކަކުގެ މަސައްކަތެއް ކަމަކަށް. އެހާ ވެސް ތަފާތު އޭނަގެ މަސައްކަތް،" ކަބީރު ބުންޏެވެ.

އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ގައި ރިލީޒްކުރާ "83" އަކީ އިންޑިއާ 1983 ގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބު ކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުން ރަންވީރާ އެކު އޭރު، ޓީމްގެ ކުޅުންތެރިންގެ ގޮތުގައި ބޮޑު ކާސްޓެއް ފެންނާނެ އެވެ.

އިނގިރޭސިވިލާތުގައި ބޮޑުބައި ޝޫޓްކޮށްފައިވާ "83" އަކީ ކައިވެންޏަށް ފަހު، އަންހެނުން ދީޕިކާ ޕަދްކޯންއާ އެކު ރަންވީރު ފެނިގެންދާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ. ދީޕިކާ ފިލްމުގައި ކުޅެފައި ވަނީ ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.