21 ސެޕްޓެމްބަރ 2019 - 09:24

"އަހަރެން މިއޮއް ފިހެނީ،"

މިއީ، މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ރޭ މަރުވި ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާގެ އެންމެ ފަހު ޖުމްލަ އެވެ. ކެމިކަލް ގުދަނެއްގައި ރޯވެ، ކައިރި އެހެން ގެތަކުގައި އަލިފާން ހިފަމުން ދަނިކޮށް ޝައުނާ އޭނާގެ އާއިލާގެ މެމްބަރަކަށް ފޯނުކުރި އެވެ. ހ. ރަދުވާނިއާގޭގައި ދިރިއުޅުނު ޝައުނާ އަށް ހަމައެކަނި ބުނެވުނީ އޭނާ އަށް އެ ވަގުތު ކުރިމަތިވެފައިވާ ހާލަތެވެ. އެހީއަކަށް އެދި އޭނާ ގުޅި އާއިލާގެ މެމްބަރަށް ވެސް އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް ފުރުސަތެއް ނުލިބުނެވެ. ފޯނު ކެނޑުނީ އެވެ! އޭގެ ފަހުން އެތައް ފަހަރަކު ގުޅިއިރު ވެސް ޝައުނާ ފޯނެއް ނުނަގަ އެވެ.

އާއިލާ އިން ރޭ "މިހާރު" އަށް ވާހަކަ ދެއްކި މީހާ ލަފާކުރާ ގޮތުގައި ޝައުނާ ދިރިއުޅޭ ގޭގައި އޭރު ހުރީ ވަރަށް ބޮޑަށް ރޯވެފަ އެވެ. ފޯނު ކޯލްގައި ބުނީ ނުކުމެވޭނެ އެއްވެސް ގޮތެއް ނެތި ތާށިވެފައި ހުރި ވާހަކަ އެކެވެ. އޭގެ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން ފެނުނީ ޝައުނާ މަރުވެފައި އޮއްވަ އެވެ. ހަށިގަނޑު އޮތީ ވަރަށް ބޮޑަށް އަނދައިފަ އެވެ.
އާއިލާގެ މެމްބަރަކު ރޭ ބުނިގޮތުގައި ޝައުނާގެ ފަހު ކޯލާ އެކު އާއިލާ އިން ވަގުތުން އެމްއެންޑީއެފާއި ފުލުހުންނަށް އެންގި އެވެ. އޭނާ ސަލާމަތް ކުރެވޭތޯ ވެސް މަސައްކަތް ކުރި އެވެ. އެކަމަކު ޖެހިޖެހިގެން ހުރި ގިނަ އިމާރާތްތަކެއްގައި ރޯވެފައި ހުރުމުން އެ ގެއަށް ވަންނަން އުނދަގޫތަކެއް ދިމާވި ކަމަށް އެމްއެންޑީއެފުން ރޭ ބުންޏެވެ.
ސިފައިން އެ މަސައްކަތް ކުރިއިރު، އޭނާ އޭޑީކޭ ނުވަތަ ރޯވި ގެތަކުގެ މީހުން ގެންދިޔަ ކަލާފާނުު ސްކޫލްގައި ހުރިތޯ ބަލަން ވެސް އާއިލާ އާއި ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރި އެވެ. ގެތަކުގެ މީހުން ކަލާފާނު ސްކޫލުގެ ވަގުތީ ހިޔާގައި ރަޖިސްޓްރީވަމުން ދިޔައިރު ޝައުނާ ހުރިތޯ ބަލަން އޭނާގެ ނަން ދެތިން ފަހަރަކު ގޮވި އެވެ.
އެކަމަކު އާއިލާ އާއި މުޅި ގައުމު ރޮއްވާލީ، ބޮޑު ހާދިސާގައި އޭނާގެ މަރުގެ ޚަބަރުންނެވެ. އިސްލާމިކް ޔުނިވާސިޓީން ގުރުއާނުން ޑިގްރީ ހަދާފައިވާ ޝައުނާ އަކީ ގުރުއާން ޓީޗަރެކެވެ. އޭނާ ގެންދިޔައީ ކުޑަކުދިންނަށް ގުރުއާން އިލްމު އުގަންނައި ދެމުންނެވެ.
ޝައުނާގެ ފޭސްބުކްގައި ބައެއް މީހުން ލިއެފައިވާ ގޮތުގައި އޭނާ އަކީ ހިތްހެޔޮ، ރަނގަޅު އެކުވެރި އެކެވެ. އާއިލާ އާއި ރަހުމަތްތެރިންނަށް އަޅާލައި ކަންކަން ގާތުން ބަލަ އެވެ.
އެކަކު ލިޔެފައިވާ ގޮތުގައި ޝައުނާ އާއި އޭނާ ދިމާވީ 2010 ވަނަ އަހަރު އައިޖީއެމްއެޗުންނެވެ. އޭގެ ފަހުން ވަރަށް ގާތް ގުޅުމެއް ޝައުނާއާ އޮންނަ ކަމަށެވެ.
"ދިމާވީ ޝައުނާއްތަ މަންމަ އައިޖީއެމްއެޗުގައި ބާއްވައިގެން އުޅެނިކޮށް. އޭގެ ފަހުން ވަރަށް ގާތް ގުޅުމެއް އޮވޭ. އާއިލާގެ މީހަކު ގެއްލިގެން ދިޔައީމާ ހިތަށް ކުރާ އަސަރު ޝައުނާއްތަ ވަކިވުމުން ކޮށްފި،" އެކަކު ލިއެފައިވެ އެވެ.
އެހެން މީހަކު ފޭސްބުކްގައި ބަންޑުން ކޮށްލީ ޝައުނާ އާއި އޭނާގެ ދަރިފުޅާ ދެމެދު އޮންނަ ލޯތްބެވެ. ކުޑަކުދިން ދެކެ ޝައުނާ ވަރަށް ލޯބިވާ ކަން ފާހަގަކޮށް ބުނެފައި ވަނީ ޝައުނާ އެ ގެއަށް އަންނަ ކަން އެނގިއްޖެ ނަމަ ދަރިފުޅު ވަރަށް އިންތިޒާރު ކުރާ ކަމަށެވެ.
"މިއީ، ހަނދާނުން ފޮހެލެވޭނެ ދުވަސްތަކެއް ނޫން،" އޭނާ ލިއެފައިވެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުން ސިފަކުރި ގޮތުގައި ޝައުނާ އަކީ އިލްމު އުގެނުމުގައި އެފަދަ ދެވަނައެއް ނެތް ނަމޫނާ އެކެވެ. އުމުރުގެ ދޮށިކަމުގެ ފަރުވާލެއް ނެތި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ގުރުއާން ކިޔަވައި ދިނުމުގެ ދާއިރާ އިން މަތީ ހަރުފަތަށް ވާސިލްވި ކަން ފަޚުރުވެރިކަމާ އެކު ދަރިވަރުން ފާހަގަކޮށްފައިވެ އެވެ.
"ޝައުނާ އަކީ އެތައް ދަރިވަރުންތަކަކަށް ކީރިތި ގުރުއާން އުގަންނައިދިން އެދުރެކެވެ. އެތައް ކުއްޖެއްގެ ހިތްތައް ފަތަހަކޮށްފައިވާ އޯގާތެރި މުދައްރިސެކެވެ. އުގަންނައިދިނުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެކެވެ." އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ.
ޝައުނާގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭނާގެ މޫނު ދެއްކުން މިއަދު 10:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެ އެވެ.