20 ސެޕްޓެމްބަރ 2019 - 22:19

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު އެއްބަސްވެވަޑައިގެންފި އެވެ.
އެފްއޭއެމުން ވަނީ އެކަމުގެ ތުހުމަތު މަހުލޫފަށް ކޮށް، އެކަން ތަކުރާރުވާ ނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އަދި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.
"މި އިދާރާގެ މަސްލަހަތު ހިމެނޭ ކަންކަމުގެ ތެރެއަށް އިތުރު ފަރާތްތަކުން ވަނުމާއި ވަކިން ހާއްސަކޮށް އެފްއޭއެމް މެމްބަރު ކްލަބްތަކާއި އެފްއޭއެމް އާއި ފުޓްބޯޅަ މަސްލަހަތު ހިމެނޭ ފަރާތްތަކާ އެކު ދިވެހިރާއްޖޭގެ ކުޅިވަރު ވަޒީރު މުއާމަލާތު ކުރައްވަމުން ގެންދަވާ ގޮތާ ރިއާޔަތްކޮށް އެކަން ނުހުއްޓުވައިނަމަ ދިވެހިރާއްޖޭގެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށާއި މިކަމުގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ ބިރުވެރި އިންޒާރު ފީފާއިން ދީފައިވާކަން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ." އެފްއޭއެމުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ބަޔާނުގައިވެ އެވެ.
އެފްއޭއެމުން އޭރު ކުރި އެ ތުހުމަތަށް މިނިސްޓަރު މިއަދު އެއްބަސްވެވަޑައިގަތުމާ އެކު، އެކަން އެ އެސޯސިއޭޝަނުން ފީފާ އަށް ހުށަހަޅާފާނެތޯ މިއީ އުފެދިފައިވާ ސުވާލެކެވެ. އެހެންވެއްޖެ ނަމަ ރާއްޖެ އަށް ބޮޑު އަދަބެއް އަންނާނެ އެވެ. އާއްމު އުސޫލެއްގެ ގޮތުން ވެސް، ފުޓްބޯޅަ އެސޯސިއޭޝަނެއްގެ މައްޗަށް ސަރުކާރަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ އެވެ. އަދި އެފަދަ ކަމެއް ފެންމަތިވެއްޖެ ނަމަ އެ ގައުމެއް ސަސްޕެންޑްކުރާނެ އެވެ. އެއީ ފީފާ އަށް އަމިއްލަ އަށް އިސްނަގައިގެން ވެސް ބެލޭނެ މައްސަލައެކެވެ.
އެކަމަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި މިނިސްޓަރު މަހުލޫފު މިވަގުތު އެއްގަލަކަށް އަރުއްވާފައިވާތީ އެ މައްސަލަ ހުށަހަޅާނެ ކަމަށް ނުބެލެވެ އެވެ. އަދި ލީޑާޝިޕް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށް މަހުލޫފު އެކަމަށް އެއްބަސްވެޑައިގަތީ ވެސް އެފްއޭއެމުން އެކުލަވާލި ގައުމީ ޓީމުގެ ކޮމިޓީއަކަށް އޭނާ އައްޔަންކުރެއްވުމުން އެކަމަށް ކުރިމަވި ފާޑުކިޔުންތަކަށް ދިން ރައްދެއްގަ އެވެ.
"އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން އަޅުގަނޑު ކުރި މަސައްކަތް ބައެއް ކްލަބްތަކާ ހެދި ކާމިޔާބެއް ނުވި. އެކަމާ ރުޅިހަދާފަ ހުރުމުގެ ބޭނުމެއް ނެތް. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ އެފްއޭއެމްއާ ގުޅިގެން، ހީނަރުވަމުންދާ ފުޓްބޯޅައިގެ އަދި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނަން މަސައްކަތްކުރުން،" މަހުލޫފު މިއަދު ޓްވީޓްކުރައްވާފައިވެ އެވެ.
މަހުލޫފު އެކަމެއްގެ ޒިންމާ މިއަދު އެ ނެންގެވި، މަސައްކަތް ފެއިލްވީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ހުށަހެޅި ހުށަހެޅުމުން ބައެއް ކްލަބްތަކުން ނަން ނެގުމުންނެވެ. އަދި މިނިސްޓަރު މިއަދު އެ ޒިންމާ ނެންގެވި މަސައްކަތުގައި އިސްކޮށް އޮތް ނިއު ރޭޑިއަންޓަށް އެފްއޭއެމުން އަދަބު ވެސް ދިނެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެވެ.
އޭރުގެ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި މަހުލޫފާ އެކު ގައުމީ ޓީމުގެ ކޮމިޓީ އަށް އައްޔަންކުރެވުނު އަލީ ވަހީދު ވަނީ ނިއު ސަސްޕެންޑްކުރީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ސަރުކާރުގެ ވަޒީރަކު އިސްވެ ހުންނަވައި ކުރެއްވި މަސައްކަތެއްގެ އަދަބު ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބަށް ލިބިފައި އޮއްވާ، އެ ވަޒީރު ގޮސް އެ އެސޯސިއޭޝަނާ ގުޅުމަކީ އެ ކްލަބަށް ދިން އަދަބު އެންޑޯޒްކުރުމުން ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.
އެ މަސައްކަތް ފެއިލްވުމުގެ ޒިންމާ ކްލަބްތަކުގެ ބޮލުގައި އެޅުއްވުމަށް ފަހު މިނިސްޓަރު އެފްއޭއެމްއާ ގުޅުމަށް ފަހު މިއަދު ވިދާޅުވެފައިވަނީ އެކަމުގައި ރުޅި ހަދައިގެން ހުރުމަށް ވުރެ އެތަން އިސްލާހުކުރުން މާ މުހިއްމު ކަމަށެވެ. އެކަމަކު އެފްއޭއެމުން މިނިސްޓަރަށް ފުރުސަތު ދެއްވީ ގައުމީ ޓީމުގެ ކަންކަމުގައި ލަފާދޭ ކޮމިޓީއަކުންނެވެ.
ކްލަބްތަކުން އޭރު އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އުޅުނީ ގައުމީ ޓީމުގެ ހާލަތު ގޯސްވެގެން ނޫނެވެ. ކްލަބްތަކުން ހުށަހެޅި ކަންކަމަކީ އަސާސީ ގަވާއިދާ ހިލާފަށް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ވަކިކުރުމާއި އާ މެމްބަރުން އައްޔަންކުރުމާއި ޝެޑިއުލާ އެއްގޮތަށް މުބާރާތްތައް ކުރިއަށް ނުގެންދެވުމާއި އޭއެފްސީ ކަޕްގައި އެފްއޭއެމްގެ އިހުމާލު އޮވެ ބައިވެރިނުވެވުމުން ރާއްޖޭގެ ކްލަބްތަކަށް ގިނަ ގެއްލުންތަކެއް ވުމެވެ.
އަދި މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އޭރު އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ އޭރު ވިދާޅުވީ ޅުވީ ވަކި ކަމަކާ ގުޅިގެން ކްލަބްތަކަށް ފިޔަވަޅު އެޅޭ އެޅުން އެއީ އެއްވެސް އިންސާފެއް ނޫން ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައީ ވެސް ބޭއިންސާފާ ދެކޮޅަށް ކަމަށެވެ. އިތުބާރު ވޯޓަކާ ގުޅިގެން ބަޔަކު މީހުން ސަސްޕެންޑްކޮށް މި ފަސްގަނޑުގައި އަދުލު އިންސާފުން ބޭރުން ނުކުރެވޭނެ ކަމަށާއި އަދި ފީފާގެ އުސޫލުތަކުގައި ވެސް އެކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"މާދަމާ އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހެޅީމާ ރައްޔިތުންގެ މަޖިލީހުގައި ތިބި ހުރިހާ މެމްބަރުން ހައްޔަރުކުރަން އަޅުގަނޑުމެން ގޮސްގެންނުވާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.