20 ސެޕްޓެމްބަރ 2019 - 19:34

ކެމިކަލް ރައްކާކުރާ ގުދަންތައް މީހުންނޫޅޭ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެށުމަށް ރައީސް އަންގަވައިފި

ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ރޭގެ އަލިފާނުގެ ހާދިސާގައި 443 މީހަކު ހާލުގައި ޖެހުނު ކަމަށާއި 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށް.

މާލޭގައި މިހާރު ފެންބޮޑުވެފައި ވާތީ ފެން ހިންދައި ފެނުން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސިފައިން ކުރަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި

ފަންސާހަކަށް މީހުންނަށް އޭޑީކޭގައި ފަރުވާ ދިން. އެކަކަށް ސެނަހިޔާގައި ފަރުވާ ދިން. އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން.

މިހާތަނަށް 83 މީހަކަށް ބޯހިޔާވަހިކަން ވަނީ ހަމަޖައްސާފައި. އެހީތެރިކަން ބޭނުންވާ 400 އަށް ވުރެ ގިނަ މީހުން އެބަތިބި. އެ ހުރިހާ އެންމެންނަށް ވެސް ބޭނުންވާ އެހީތެރިކަން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން.

އާ ސަރުކާރު ހަވާލުވުމަށް ފަހު ގުދަންތައް އަލުން ޗެކްކޮށް، ހާލަތު ބަލަން ސިފައިންގެ ފަޔަ އެންޑް ރެސްކިއު އާއި ޑިޒާސްޓާ ސެންޓަރަށް އެންގުމުން ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅި. ތަންތަން ބަލައި ޗެކްކޮށް، ރަނގަޅުކުރަންޖެހޭ ތަންތަނަށް އެކަން އެންގި. އެކަމަކު ތަންތަނުގައި ރައްކާކޮށްފައި ހުންނަނީ ހަމަ އެކަނި ހުއްދަ ދޫކޮށްފައިވާ ތަކެއްޗެއް ނޫން. ހުއްދަ ދެނީ ބްލީޗާއި ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެމިކަލް؛ އެހެން ބާވަތްތަކުގެ ކެމިކަލް މާލޭގައި ގުދަން ކުރަން ހުއްދައެއް ނުދޭ: މާރިޔާ

ހަތް ގެޔާއި ހަތަރު ގުދަނުގައި އަލިފާން ހިފައިގެން އުޅުނު އިރު އެކަމަށް އެޓެންޑްކުރެވުނު ގޮތް ރަނގަޅު ކަމަށް މާރިޔާ ފާހަގަކުރެއްވި.

ގެޔަކުން ނެރުނު އަންހެނަކަށް ނުހިނގިގެން، ސިފައިންގެ މީހަކު އެ މީހާ އުފުލާލައިގެން ގެންނަނިކޮށް ދުމުގެ އަސަރުކޮށް ސިފައިންގެ މީހާ ވެސް ވެއްޓުނު. ވަރަށް ބޮޑެތި ނުރައްކާތަކާ އެކު ވެސް ސިފައިންނާއި ފުލުހުންނާއި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް މުހިންމު މަސައްކަތްތަކެއް ކުރި: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ ޕްރެސް ކޮންފަރެންސްގައި: ރޯވެފައި ހުރި ގެޔަކަށް ވަދެ، ސިފައިން ތިން މީހަކު ސަލާމަތްކުރި.

މާލޭގައި ނުރައްކާތެރި އެއްޗެހި ރައްކާ ކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރުމުގެ ޕްްލޭން ވީހާ އަވަހަކަށް ނިންމަން ވަޒީރުންގެ މަޖިލީހުން ރޭ ނިންމައިފި. މި ގޮތަށް ނިންމާފައިވަނީ މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މުލިއާގޭގައި ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި.
މި ބައްދަލުވުމުގައި، މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށާއި ހާލުގައި ޖެހުނު އާއިލާތަކަށް މާލީ ފޯރުކޮށް ދިނުމަށް ޓަކައި ފައިސާގެ ކަންކަން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައި. އަދި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދދިނުމުގެ މަސައްކަތް ކުރުން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ވަނީ ހަވާލުކޮށްފައި.

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ތ. ބުރުނީ ފެންފިޔާޒުގޭ އާއިޝަތު ޝައުނާގެ ކަށުނަމާދު މިއަދު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި. އަދި އޭނާގެ މޫނު ދެއްކުން މިއަދު 10:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައި. މި ހާދިސާގައި ޝައުނާ މަރުވެފައި ވަނީ ފިހިގެން. އޭނާ ހުރީ، އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އެއް ގޭގައި ނުނުކުމެވި ތާށިވެފައި ކަމަށްވޭ.

އެއް އިމާރާތަކުން އަދިވެސް އަލިފާންގަނޑު ނިއްވައެއް ނުލެވޭ.

މި ހާދިސާގައި މަރުވި ޝައުނާގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި. އޭނާގެ ހަށިގަނޑު އޮތީ ސިފަ ވަކިނުވާ ވަރަށް އަނދައިފައި.

އެމްއެންޑީއެފުން ބޭއްވި ޕްރެސް ބްރީފިންގައި ބުނީ، އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ އެކު ސިފައިން ހަރަކާތްތެރިވާން ފެށި ނަމަވެސް މަގުތަކުގައި ގިނަ އަދަދެއްގެ ސައިކަލް ޕާކް ކޮށްފައި ހުރުމުން، އެމްއެންޑީއެފްގެ ވެހިކަލްތަކަށް، އަލިފާން ރޯވި ގެތައް ހިމެނޭ ސަރަހައްދަށް ދާން ގިނަ އިރުތަކެއް ވި ކަމަށް. އަދި ބުނީ، ސިފައިން އެ ސަރަހައްދަށް ދިޔައިރު، އަލިފާން ރޯވެފައި ހުރި ތަންތަން ފިޔަވައި އިތުރު އިމާރާތެއްގައި ރޯ ނުވާ ކަމުގެ ޔަގީންކަން ދޭ ކަމަށް.

އެމްއެންޑީއެފް: މާލޭގައި ހުރި ގުދަންތައް ވަރަށް ފަހުން ޗެކް ކުރި. އެ ތަކެތި ރައްކާތެރި ކުރާނެ ގޮތްތަކާއި ހައްލު ކުރާނެ ގޮތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. ރޯވީ ކޮން ކަހަލަ ކެމިކަލެއްގައި ކަމެއް އަދި ސާފެއް ނުވޭ.

އެމްއެންޑީއެފް: އިތުރު މީހަކު ގެއްލިގެން އެއްވެސް ރިޕޯޓެއް ނެތް. މަރުވި އަންހެންމީހާ ވަނީ ކާކުކަން ނޭނގޭ ވަރަށް ފިހިފައި. އެ މީހާ މަރުވެފައި އޮއްވައި ފެނުނީ ކެމިކަލް ގުދަނުގެ ކުރިމަތީގައި ހުރި ގެ އިން.

އެމްއެންޑީއެފް: ޖުމްލަ ހަތަރު ކެމިކަލް ގުދަނަކާއި ހަ ގެ އެއްގައި ރޯވި.

އެމްއެންޑީއެފް: މަރުވި މީހާގެ ހަށިގަނޑު ގެ އިން ނެރުމުގެ މަސައްކަތް ދަނީ ކުރަމުން.

އެމްއެންޑީއެފް: ވަރަށް ބާރުގަދަ ގޮވުމާ އެކު، ކުރިމަތީގައި ހުރި ގޭގައި އަލިފާން ރޯވެ އަލިފާން ފެތުރުނީ. ކުރިމަތީގައި ހުރި ގެ އިން މީހުންނަށް ނުނެރެވި ގިނަ އިރުތަކެއް ވި.

އެމްއެންޑީއެފުން ނިއުސް ކޮންފަރެންސެއް ފަށައިފި.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަލިފާނުގެ ހާދިސާގައި މަރުވެފައި ވަނީ ގެއްލިގެން ހޯދަމުން އައި ޝައުނާކަން ކަށަވަރުވޭ. ބުރުންޏަށް އުފަން ޝައުނާގެ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅެމުން އައި ހ. ރަދުވާނިއާ އިން. އެއީ އަލިފާން ފުރަތަމަ ރޯވި ކެމިކަލް ގުދަނުގެ ކުރިމަތީ ހުންނަ ގެ އެއް. އަލިފާން ރޯވުމާ އެކު، ޝައުނާ އޭނާގެ ގާތް މީހަކަށް ގުޅި ކަމަށާއި އަދި ގެ އިން ނުނިކުމެވި ތާށިވެފައި ހުރި ކަމަށް ބުނި ކަމަށް ވޭ. އޭގެ ފަހުން ޝައުނާ އަކަށް ނުގުޅޭ ކަމަށް އެނގިފައިވޭ.

މަރުވި މީހާގެ ހަށިގަނޑު ފެނުނީ އަބަދަށްފެހިމަގުގައި ހުންނަ ހ. ރަދުވާނިއާ އިން. އެއީ ގެއްލިގެން ހޯދަމުން އައި ޝައުނާ ދިރިއުޅޭ ގެ. އެއީ މި އަލިފާނުގެ ހާދިސާގައި ރޯވި އެއް ގެ.

އަދިވެސް އެއް އިމާރާތުގައި ވަނީ އަލިފާން ރޯވެފައި. އެ އަލިފާންގަނޑު ނިއްވުމަށް ފޯމު ޖެހި ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް އަލިފާން ރޯވޭ. ސިފައިން އެންމެ ފަހުން ބުނެފައި ވަނީ މިރޭގެ އަލިފާނުގެ ހާދިސާގެ 90 ޕަސެންޓު ކޮންޓްރޯލް ކޮށްފައިވާ ކަމަށް.

ވަރަށް ބޮޑަށް ފިހި މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޭޑީކޭ އަށް ގެންގޮސްފައި. އެކަމަކު މިއީ ގެއްލިގެން ހޯދާ މީހާ ކަމެއް އަދި ކަށަވަރުކޮށެއް ނުދޭ

އަލިފާނުގެ ހާދިސާގައި އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. އެ މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ތަފުސީލެއް ނުދޭ. ގެއްލިގެން ހޯދަމުން އައީ ތ. ބުރުނީ އައިޝަތު ޝައުނާ 49.

ފުލުހުން ދެންމެ ބުނިގޮތުގައި ގެއްލިގެން އުޅެނީ އުމުރުން 49 އަހަރުގެ އަންހެނެއް. އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނި.

ގެއްލިގެން ހޯދަނީ ތ. ބުރުނީ މީހެއް ކަމަށްވާ އައިޝަތު ޝައުނާ، އެއީ 49 އަހަރުގެ މީހެއް
އަލިފާނުގެ ހާދިސާގެ ތެރެއިން ގެއްލިގެން ހޯދަމުން އަންނަނީ ތ. ބުރުންޏަށް އުފަން އަންހެނެއް ކަމަށް އެނގިފައިވޭ. އެ ކުއްޖާގެ ނަމަކީ ޝައުނާ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީޑިއާގައި ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ތަކެތި އެ އޮތޯރިޓީގައި އެބަހުރި. އެހެންވެ، މިވަގުތައް ތަކެތި ބޭނުން ނުވާ ކަމަށާއި ތަކެތި ފޯރުކޮށްދޭން ބޭނުން ނަމަ ޑިޒާސްޓާ އޮތޯރިޓީއާ ގުޅިގެން އެކަން ކުރިއަށް ގެންދަން އެ އޮތޯރިޓީން އިލްތިމާސް ކުރޭ. ޑިޒާސްޓާ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރަކީ 115
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ބުނީ، އަލިފާނުގެ ހާދިސާގެ ތެރެއިން މީހަކު ގެއްލިގެން ދަނީ ހޯދަމުން. އެގޮތުން ފުލުހުން ވެސް އެކި ގޭގެ އަށް ވަދެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނި.
އެމްއެންޑީއެފުން ދެންމެ ބުނީ އަލިފާނުގެ އަސަރު ހަތް އިމާރާތަކަށް ކޮށްފައިވާ ކަމަށް. މިހާތަނަށް މާލޭގައި ހިންގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ބައެއް އިމާރާތްތަކުގައި ވަރަށް ބޮޑަށް ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. އެތައް އާއިލާއެއް މިވަގުތު ތިބީ ވަގުތީ ހިޔަލުގައި.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ބުނީ، ވަގުތީ ހިޔަލުގައި 100 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް. އަދި އެ މީހުންނަށް ބޭނުންވާ ފެނާއި ކާނާ ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނޭ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެކި ފަރާތްތަކުން އަންނަނީ ތަކެތި ގެންގޮސް ދެމުން.
ރައީސް މީޑިއާގައި ވިދާޅުވީ، އަލިފާން ރޯވި ސަރަހައްދުން ނުފެނި އުޅެނީ އެންމެ މީހެއް ކަމަށް. އެހެން އެންމެން ގެ ތަކުން ނެރެ ސަލާމަތް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި.
މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި މިކަހަލަ ކަންކަން ދިމާވަނީ މީހުން އުޅޭ ތަންތަނުގައި ކެމިކަލް ކަހަލަ އެއްޗެހި ރައްކާ ކުރާތީ ކަމަށާއި އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށް ރައީސް ދެންމެ ވިދާޅުވެއްޖެ. އެކަހަލަ އެއްޗެހި ގުދަން ކުރުމަށް ގުޅިފަޅު ނުވަތަ ތިލަފުށި ކަހަލަ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި. އޭޑީކޭގައި 27 މީހަކު އެޑްމިޓް ކޮށްފައިވާ ކަމަށާއި 50 އަށް ވުރެ ގިނަ މީހުން ކަލާފާނު ސްކޫލުގައި އެހީ އަށް އެދިފައިވާ ކަމަށް ވިދާޅުވި. މިރޭ ކުއްލި ކެބިނެޓް މީޓިންއެއް ބާއްވަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި.
އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފި ކަމަށާއި އިތުރަށް ފެތުރެމުން ނުދާ ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފި. އެހެން ނަމަވެސް އެ ސަރަހައްދުގައި ހުރި އެއް ގެއެއްގައި އަދިވެސް އަލިފާންގަނޑު އެބައޮތް. މަންޒަރު ދުށް ނޫސްވެރިން ބުނާ ގޮތުން އެ އިމާރާތުގެ ތިން ފްލޯގައި ވަނީ އަލިފާން ހިފާފައި. ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވެސް ސިފައިންގެ އިސް ބޭފުޅުންނާ އެކު މިހާރު ވަނީ އެ ސަރަހައްދަށް ވަޑައިގެންފައި. އޭގެ ކުޑައިރުކޮޅެއް ކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަޑައިގެންނެވި.
އެމްއެންޑީއެފުން ދެންމެ ބުނީ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި. އަދި އެންމެ ފުރަތަމަ އަލިފާން ރޯވި ކެމިކަލް ގުދަނުގެ އަލިފާންގަނޑު ވެސް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނި.
އަލިފާނުގެ ހާދިސާގައި އަސަރުކުރި މީހުން ކަލާފާނު ސްކޫލްގެ އިތުރުން އިމާދުއްދީން ސްކޫލަށް ވެސް މިހާރު ގެންދަން ފަށައިފި. ހެލްތު މިނިސްޓަރު އަމީން ކުރިން "މިހާރު" އަށް ވިދާޅުވީ ކަލާފާނު ސްކޫލްގައި ގާއިމްކުރި ވަގުތީ ހިޔާ ފުރިއްޖެ ނަމަ އޭގެ ދެވަނަ ތަނަކަށް ބޭނުން ކުރާނީ އިމާދުއްދީން ސްކޫލް. އަދި މަޖީދިއްޔާ ސްކޫލް ވެސް ވަނީ ވަގުތީ ހިޔަލަކަށް ތައްޔާރު ކޮށްފައި ކަމަށް އަމީން ވިދާޅުވި. ކަލާފާނަށް 50 އަށް ވުރެ ގިނަ މީހުން ގެންދިޔަ.
އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ކުރިއަށްދޭ. އަނެއްކޮޅުން އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން. މިހާތަނަށް 50 އަށް ވުރެ މީހުން އެހީއަށް ވަނީ އެދިފައި. ކަލާފާނު ސްކޫލުގައި އެ މީހުންނަށް އެހީވުމުގެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުން.
އަލިފާންގަނޑު ކިރިޔާ ވެސް ކޮންޓްރޯލް ވާން ފެށީ އެމްއޭސީއެލްގެ ފަޔާ އެންޑް ރެސްކިޔުގެ ފޮގް ޓްރަކް އައި ހިސާބުން ފެށިގެން. އެ ޓްރަކް އެ ހިސާބަށް އައިއިރު އަބަދަށް ފެހި މަގުގައި ހުރި ދެ އިމާރާތަކުން ވަނީ އަލިފާން ނިއްވާލައިފައި. އެހެން ނަމަވެސް އޭރު އެހެން އިމާރާތްތަކުގައި އަލިފާންގަނޑު ހިފާފައިވާތީ އެ ޓްރަކުން މަސައްކަތް ކުރަމުން ދިޔައީ އެ އިމާރާތްތައް ނިއްވާލެވޭތޯ.
އަލިފާންގަނޑު ހިފި އިމާރާތް ހުންނަ އަބަދަށް ފެހި މަގު ހުރަސްކޮށް ކުރިމަތީގައި ހުރި ދެ އިމާރާތެއްގައި ވަނީ އަލިފާން ހިފާފައި. އެކަމަކު އެ ތިން އިމާރާތުގައި ހިފި އަލިފާންގަނޑު ކޮންޓްރޯލްވި އިރު އަލިފާންގަނޑު ހިފި އިމާރާތުގެ ބިތްދޮށުން އަލިފާންގަނޑު އިތުރަށް ފެތުރި، ލިލީ އެންޓަޕްރައިސަސް ހުންނަ އިމާރާތާ ޖެހިގެން ހުންނަ އިމާރާތާ ހަމައަށް ވަނީ އަލިފާންގަނޑު ފެތުރިފައި. އެއީ އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ގެ ސަރަހައްދެއް. އަދި އެ ހިސާބުގަނޑުގެ ބައެއް މީހުން ބުނާގޮތުން ލިލީ ބިލްޑިންގާ ހަމައަށް އަލިފާންގަނޑު ފެތުރިއްޖެ ނަމަ އޭގެ މާނައަކީ ގާތްގަނޑަކަށް ދިހަ ވަރަކަށް ގޭގައި ސީދާ އަލިފާން ރޯވެ، ހިސާބުގަނޑުގެ ވިއްސަަކަށް ގޭގައި ދިރިނޫޅެވޭ ވަރަށް އަލިފާނުގެ އަސަރު ހުންނާނީ ކޮށްފައި. ބައެއް މީހުން ބުނާ ގޮތުގައި މީގެ ސަބަބުން 70-100 ވަރަކަށް އާއިލާ އަށް ސީދާކޮށް އަސަރު ކުރާނެ.
ހެލްތު މިނިސްޓަރު އަމީން "މިހާރު" އަށް ވިދާޅުވީ. ކަލާފާނުގައި ގާއިމް ކޮށްފައިވާ ވަގުތީ ހިޔަލަށް މިހާތަނަށް ވެސް 50 އަށް ވުރެ ގިނަ މީހުން ރިޕޯޓު ކޮށްފައިވާ ކަމަށް. އެހެންވެ، ދެވަނަ ވަގުތީ ހިޔަލަށް އިމާދުއްދީން ސްކޫލާއި މަޖީދިއްޔާ ވެސް ތައްޔާރު ކޮށްފައިވާ ކަމަށް އަމީން ވިދާޅުވި. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާއި ސިއްހީ ދާއިރާ އޮތީ ތައްޔާރީ ހާލަތުގައި ކަމަށް.
ހެލްތު މިނިސްޓަރު އަމީން "މިހާރު" އަށް ވިދާޅުވީ މިރޭގެ 10 ޖެހުމާ ހަމައަށް 56 މީހަކު ގެންދިޔަ ކަމަށާއި އޭގެ ތެރެއިން 46 މީހަކު ޑިސްޗާޖު ކޮށްފައިވާ ކަމަށް. އަދި 10 މީހަކު އޭޑީކޭގައި އަދިވެސް ތިބިއިރު އޭގެ ތެރެއިން ތިން މީހަކު އެޑްމިޓް ކޮށްގެން އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވޭ. އައިޖީއެމްއެޗަށް ރިޕޯޓު ކުރީ އަމީން ވިދާޅުވި ގޮތުގައި ދެ ކޭސް. އަދި އޭޑީކޭގެ އިތުރުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލް ވެސް އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި. އަދި ނަފްސާނީ ފަރުވާ ދޭ ފަރާތްތައް ވެސް ތިބީ ތައްޔާރަށް ކަމަށް އަމީން ވިދާޅުވި.
ލިލީ އެފް އެން ބީ ކައިރީގައި އެހެން ތިން ގެއެއްގައި މިހާރު ވެސް ވަނީ ރޯވެފައި. އަލިފާން ފުރަތަމަ ރޯވީ ލިލީ އެފް އެން ބީ ކައިރިން ހ. ފެހި އާބާދުގޭގައި ހަދާފައި ހުރި ކެމިކަލް ގުދަނެއްގައި. ތިން ބުރިއަށް ޓިނުން ހަދާފައިވާ އެ ގުދަން މިހާރު ވަނީ ވެއްޓިފައި.
އަލިފާނުގެ ހާދިސާގައި އަސަރުކުރި މީހުންނަށް ކަލާފާނު ސްކޫލްގައި ހާއްސަކުރި ވަގުތީ ހިޔަލުގައި މިހާރު ވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓަރީ ކޮށްފައި. އަލިފާން ރޯވި ސަރަހައްދުގައި ހުރި ގެ ތަކުގައި ތިބި މީހުން އެ ގެ ތަކުން ހުސް ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކުން ދަނީ ކުރަމުން.
ދުމުގެ އަސަރު ކޮށްގެން އަދިވެސް އޭޑީކޭ ހޮސްޕިޓަލަށް މީހުން އެބަގެންދޭ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ. ބެލެވޭ ގޮތުގައި މިހާތަނަށް 30 އަށް ވުރެ ގިނަ މީހުން އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކުއްލި ހާލަތުގައި ގެންދާ މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭގެ އިތުރުން އައިޖީއެމްއެޗާއި ޓްރީ ޓޮޕް ހޮސްޕިޓަލް ވެސް ތައްޔާރީ ހާލަތުގައިވާ ކަމަށް.
އިތުރު ގުދަނެއްގައި ވެސް އަލިފާން ރޯވެއްޖެ. ބެލެވޭ ގޮތުގައި އެއީ ވެސް ގޮވާ ޒާތުގެ ތަކެތި ރައްކާ ކޮށްފައިވާ ގުދަނެއް. އެކަމަކު، ޓިނުން ހަދާފައިވާ މި ގުދަނުގައި ހުރީ ކޮން ބާވަތެއްގެ އެއްޗެހިތަކެއް ކަމެއް ސާފެއް ނޫން. ގުދަނުން ތަކެތި ގޮވާ އަޑު ވެސް އެބަ އިވޭ.
އަލިފާން ރޯވި ކެމިކަލް ގުދަން ހުންނަނީ ހ. ހިކިފިނިފެންމާގެ ކުރިމަތިން އޮންނަ ގޯޅިން ލިލީ އެފްއެން ބީ ކައިރީގައި. ޓިނުން ހަދާފައިވާ ތިން ބުރީގެ އެ ގުދަ މިހާރު ވެއްޓިފައިވާއިރު، އެ ގުދަނާ ކައިރީގައި ހުރި ފަސް ގެއެއްގައި ރޯވި ކަމަށް ވޭ. އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ. މިހާރު އަލިފާން ފެތުރެނީ ބެލެވޭ ގޮތުގައި އަލިފާން ކަނި ބައެއް އިމާރާތްތަކުގެ މަތީގައި ޖެހުމުން.
އަލިފާން ރޯވި ހ. ފެހިއާބާދުގައި ހަދާފައިވާ ކެމިކަލް ގުދަނަކީ ތިން ބުރީގެ ތަނެއް. ބޭރުން ފެންނަ ފެނުމަށް ބަލާއިރު އެއީ ޓިނުން ހަދާފައިވާ ތަނެއް. އެ ތަން މިހާރު ވަނީ ވެއްޓިފައި.
އަލިފާންގަނޑު ފުރަތަމަ ރޯވި ކެމިކަލް ގުދަން ހުރި އިމާރާތް ވެއްޓިފައިވާ ކަމަށް މިހާރު މައުލޫމާތު ލިބޭ. މިރޭ 7:30 ވާން އުޅެނިކޮށް ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ، ހާލަތު އިތުރަށް ދަނީ ގޯސްވަމުން.
އަލިފާން ރޯވި ކެމިކަލް ގުދަނާ 400 ވަރަކަށް ފޫޓު ދުރުގައި ހުރި ބައެއް ގެ ތަކުގައި ވެސް ރޯވި ކަމަށް ވޭ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދިވެސް ދަނީ ފެތުރެމުން.
ހާދިސާ ހިނގި ސަރަހައްދުގައި ތިބި ނޫސްވެރިން ބުނާ ގޮތުގައި، އަލިފާން ރޯވި ތަނުގެ ބިއްދޮށުގައި ހުރި ގެތަކުގައި ވެސް ދަނީ ރޯވަމުން. މިހާރުގެ ހާލަތަށް ބަލަންޏާ އަދި ފެންނަނީ ނުރައްކާތެރި މަންޒަރުތަކެއް ކަމަށް ރިޕޯޓަރުން ބުނޭ.
އަލިފާން ރޯވި ސަރަހައްދުގައި ހުރި ބައެއް ގެ ތަނަކަށް ސިފައިން ވަދެ، ބައެއް މީހުން ދެންމަ ވަނީ ނެރެފައި. ގެއެއްގެ ތެރޭގައި ބަޔަކު ތާށިވެފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ބަޔަކު ކުރިން ބުނެފައިވޭ.
"މިހާރު"ގެ ރިޕޯޓަރުން ބުނާ ގޮތުގައި ހާލުގައި ދެރަ ދެ މީހަކު އޭޑީކޭއަށް ވަނީ ގެންގޮސްފައި. އޭޑީކޭ ހުންނަނީ އަލިފާނުގެ ހާދިސާ ހިނގި ތަނާ ވަރަށް ކައިރީގައި.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ހުންނެވީ މިހާރު ސީންގައި ކަމަށް. އަދި ސިފައިންނާއި ފުލުހުންނާއި އެއާޕޯޓުގެ ފަޔާމަނުން ގުޅިގެން އަލިފާން ނިއްވަން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވި.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައިރި ގެތަކުން ގޭސްފުޅިތައް ވެސް މިހާރު ގެންދަނީ ބޭރަށް ނެރެމުން ކަމަށް، "މިހާރު"ގެ ރިޕޯޓަރުން ބުނޭ.
މިހާރު ވެސް ވަރަށް ބިރުވެރި މަންޒަރުތައް ދަނީ ފެންނަމުން. އެގޮތުން އަލިފާނުގައި އެއް އިމާރާތް މިހާރު ވަނީ އަނދައިގެން ވެއްޓިފައި. އިރުއިރުކޮޅުން ހުޅުގަނޑު ބޮޑުވެ، އެއްޗެހި ގޮވާ އަޑު ވެސް އިވޭ.
އެ ސަރަހައްދުގެ ބައެއް ތަންތަނުން އެއްޗެހި ގޮވަމުންދާ އަޑު އަދިވެސް އިވޭ ކަމަށް ނޫސްވެރިން ބުނޭ. އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ.
ސޯޝަލް ސާވިސަސްގެ ޒިންމާ އުފުއްލަވާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވަނީ ކަލާފާނު ސްކޫލަށް ވަޑައިގެންފައި. އޭނާ ވިދާޅުވި ގޮތުގައި ހާދިސާގައި ގެއްލުނު ލިބުނު މީހުންގެ ތަފްސީލެއް އަދި ނުލިބޭ. އެކަމަކު ސަރުކާރުން އެ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި.
ކަލާފާނު ސްކޫލްގައި ހުރި "މިހާރު"ގެ ރިޕޯޓަރު ބުނި ގޮތުގައި ހާލުގައި ޖެހުނު މީހުން މިހާރު ވަނީ އެ ސްކޫލަށް ގެންނަން ފަށާފައި. އެގޮތުން ފުރަތަމަ ގެނައީ އަންހެނުންނާއި ކުޑަކުދިން. އޭގެ ތެރޭގައި ވަރަށް ތުއްތު ކުދިން ވެސް ހިމެނޭ. މިހާތަނަށް މަދުވެގެން ހަތަރު ގެޔަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި.
އަލިފާންގަނޑު އަދިވެސް ފެތުރިގެން ދާތީ އެމްއެންޑީއެފުން އަންނަނީ ރައްކާތެރިކަމުގެ ގޮތުން ކުއްލި ފިޔަވަޅުތައް އަޅަމުން. އެގޮތުން ކައިރީގައި ހުރި ބައެއް ތަންތަނުގައި ޖަހާފައި ހުރި ސަތަރި ފަދަ އެއްޗެހި ނައްޓަމުން އެބަ ގެންދޭ.
ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވާން ކަލާފާނު ސްކޫލްގެ ބައެއް ކްލާސްރޫމްތަކާއި ހޯލް މިހަރު ގެންދަނީ ތައްޔާރުކުރަމުން. އެކަމަކު އަދި އެއްވެސް މީހަކު އެތަނަކަށް ނުއެއް ގެނޭ.
އަލިފާންގަނޑު ކޮންޓްރޯލެއް ނުވެ ދަނީ ފެތުރެމުން. ބެލެވޭ ގޮތުގައި ފުރަތަމަ އަލިފާން ރޯވި ގޭގެ ކުރިމަތީގައި ހުރި ގޭގެ ފުރާޅުގައި ވަނީ މިހާރު އަލިފާން ހިފާފައި. އަދި އަލިފާން ކަނި މުޅި ސަރަހައްދަށް ބުރައިގެން ދަނީ. އެހެންވެ، އެ ސަރަހައްދުގައި ހަދަމުންދާ އިމާރާތްތަކުގައި ހުރި ސޭފްޓީ ނެޓް ނެގުމުގެ މަސައްކަތް ކަމާ ގުޅޭ މީހުން ވަނީ ފަށާފައި.
އެމްއެންޑީއެފުން ދެންމެ ބުނިގޮތުގައި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ.
އެޕްރީލް 18، 2016 ގައި، މަޖީދީމަގަށް ވާ ގޮތަށް މާފަންނުކޮޅުގައި ހިންގި ކޯސްޓްލައިން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުގެ ތާރީހުގައި މާލޭގެ ރައްޔިތުން ތަޖުރިބާކުރި އެންމެ ބިރުވެރި އެފަދަ ހާދިސާ. އެ ހާދިސާގައި އެ ފިހާރަ އެއްކޮށް ހުލިވެ، ކައިރީގައި ހުރި ނުވަ ގެޔަކަށް ގެއްލުންވެ، 136 މީހުން ހާލުގައި ޖެހުނު. އެފަހަރު ވެސް އަލިފާން ކޮންޓްރޯލްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަޔާ ލޮރީ ގެނެސްގެން.
އޭޑީކޭ ހޮސްޕިޓަލްގެ ކުރިމަތީގައި ސްޓްރެޗާ އާއި ފުރޮޅުލީ ގޮނޑިތައް މިހާރު ވަނީ އަތުރާފައި. ބެލެވޭ ގޮތުގައި މީގެ ބޭނުމަކީ ކުއްލި ހާލަތުގައި މީހަކު ހޮސްޕިޓަލަށް ގެންދަން ބޭނުންވެއްޖެ ނަމަ އެކަމުގައި އެހީތެރިވެ ދިނުން. ބައެއް މީހުންނަށް ދުމުގެ އަސަރު ކޮށްގެން އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ވެސް ދަނީ ފަރުވާ ދެމުން. އެކަމަކު އެއީ ކިހާ ބައެއް ކަމެއް އަދި ސާފެއް ނޫން.
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވީ ކަމެއް، ނުވަތަ ވެފައި ވާ ނަމަ ކިތައް މީހުންނަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވޭ. އެކަމަކު އޭޑީކޭގެ އެމްބިއުލެންސްގައި ބަޔަކު ގެންގޮސްފައިވޭ.
"މިހާރު"ގެ ނޫސްވެރިން ބުނާ ގޮތުގައި މިއީ މާލޭގައި މި ފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަށް ވުން ކައިރި. ކުޑަކުޑަ މަގަކަށް ވެފައި، އަލިފާން ރޯވީ ގޮވާ ޒާތުގެ އެއްޗެހިތަކެއްގައި ކަމުން، ހުޅުގަނޑު ކޮންޓްރޯލް ކުރަން ހުރިހާ ގޮތަކުން ވެސް ވަނީ އުނދަގޫވެފައި.
މަޖީދީ މަގުގައި ހުންނަ ބީއެމްއެލްގެ ބްރާންޗުގެ ގާތްގަނޑަކަށް ކުރިމަތިން އޮންނަ މަގުގައި ހިނގި އަލިފާނުގެ މި ހާދިސާގައި ކުރިމަތިގައި ހުރި ގޭގައި ވެސް ވަނީ ހަމަ އެއްކޮށް އަލިފާން ރޯވެފައި. ތިން ބުރީގެ މި ގޭގެ ހުރިހާ ހިސާބެއްގައި ވެސް އަލިފާން ހިފާފައިވާ ކަމަށް، އެތަނުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނޭ.
އަލިފާން ރޯވެފައި ވަނީ އަބަދަށްފެހި މަގުން މޫވްއެން ޕިކް ރެސްޓޯރަންޓު ކައިރީގައި ހުންނަ ކެމިކަލް ގުދަނެއްގައި ކަމަށް ވޭ. އެ ސަރަހައްދުގައި ހުރި ފަސް ގެއެއްގައި ރޯވެފައިވާ ކަމަށް ވޭ.
އަލިފާން މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައި. އެތަނުގައި ހުރި ނޫސްވެރިޔަކު ބުނީ ކުރިއަށް ވުރެ އަލިފާންގަނޑު ކުޑަ ކަމަށް. އެކަމަކު ވަރަށް ބޮޑަށް ދުން އަރާ ކަމަށް
އަލިފާނުގެ ހާދިސާގައި އަސަރު ކޮށްފައިވާ މީހުންނަށް ވަގުތީ ހިޔާގެ ގޮތުގައި ކަލާފާނު ސްކޫލް، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ހަމަޖައްސާފައި. އަދި އަލިފާނުގެ އަސަރު ކުރި އާއިލާތަކުގެ މީހުން އެ ސްކޫލަށް ދިއުމަށް ޑިޒާސްޓާ ސެންޓަރުން އިލްތިމާސް ކުރޭ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ކަލާފާނު ސްކޫލްގައި ގާއިމުވެ، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައި
އަލިފާން ނިއްވާ ވެހިކަލް އެތެރެއަށް ވައްދަން، މަގުމަތީގައި ހުރި ސައިކަލްތައް ނަގައި ދުރުކުރުން ފަދަ ކަންކަމުގައި އާންމުން އަންނަނީ ވަރަށް ބޮޑަށް އެހީވަމުން.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ އަލިފާން ނިއްވާ ވެހިކަލް މިހާރު ވަނީ މާލެ ގެނެސްފައި.
ސިފައިންނާއި ފުލުހުންނާއި ރެޑް ކްރެސެންޓުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން.
ރޯވީ ޓިނުން ހަދާފައި ހުރި ގުދަނެއްގައި ކަމަށް ބައެއް މީހުން ބުނޭ. އެކަމަކު ރޯވި ތަނަކާ ބެހޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން އަދި އެއްޗެއް ނުބުނޭ
މި ވަގުތު އާންމުންގެ ރައްކަލަކަށްޓަކައި އެޗުޕީއޭ އިން ވެސް ގެންދަނީ އާންމު ސަލާމަތަށް ކަންކަން ކުރަން އިލްތިމާސްކުރަމުން. އެގޮތުން ދުމުގެ އަސަރު ކުރާ ހިސާބަށް އާންމުން ނުދާން އެދުނު.
އޭޑީކޭ ހޮސްޕިޓަލް ވަނީ އިމަޖެންސީ ހާލަތަށް ގެނެސްފައި. ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ އިމަޖެންސީ ހާލަތެއްގައި ނޫނީ މިވަގުތު ޑޮކްރަކަށް ނުދެއްކޭ
ރޯވި އިމާރާތުގެ ކުރިމަތީގައި، މަގުގެ އަނެއް ފަރާތުގައި ހުރި ގެއެއްގައި ވެސް މިހާރު ވަނީ ރޯވެފައި.
މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ކަށަވަރެއް ނުވޭ. އެކަމަކު ދުމުގެ އަސަރު ކޮށްގެންނާއި އައި ކުއްލި ޝޮކާ ގުޅިގެން ބައެއް މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވޭ.
ރޯވި ކެމިކަލްގެ ވަސް މުޅި ހިސާބަށް ވަނީ ފެތުރިފައި.
ރޯވެފައިވާތަން މިހާރު ވަނީ އަނދައި ހުލިވެފައި. އެކަމަކު އަލިފާންގަނޑު ފެތުރި އެހެން އިމާރާތްތަކުގައި ވެސް ވަނީ ރޯވެފައި
ދުމުގެ އަސަރުކޮށްގެން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އޭޑީކޭގައި ފަރުދާވެމުން އަންނަ ކަމަށްވޭ
އާންމުން ބުނަނީ ރޯވީ އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ކަމަށް
ރޯވި ތަނުގެ ކައިރީގައި ހުރި ފަސް ވަރަށް ގޭގައި ރޯވެފައިވާ ކަމަށް ބެލެވޭ. ނަމަވެސް މި އަދަދު އަދި ޔަގީނެއް ނޫން. އަލިފާން ކޮންޓްރޯލް ނުވެ ދަނީ ފެތުރެމުން
އެ ސަރަހައްދުގައި ތިބި "މިހާރު" ގެ ނޫސްވެރިން ބުނާގޮތުގައި އަލިފާނުގެ ކަނިތައް ސޯސަންމަގަށް ވެސް ވަނީ ފެތުރިފައި. އަދި މުޅި ސަރަހައްދު އޮތީ ދުމުން ފުރިފައި. އަދިވެސް އަލިފާން ކޮންޓްރޯލެއް ނުވޭ.
އަލިފާން ކަނިތައް ސޯސަންމަގާ ހިސާބަށް ބުރައިގެން އަންނައިރު މުޅި އެ ހިސާބަށް ވަނީ ދުންތައް ފެތުރިފައި
ރޯވި ވަގުތު އެ ހިސާބުގައި ހުރި "މިހާރު" ގެ ނޫސްވެރިޔަކު ބުނީ ރޯވި ވަގުތު އެއްޗެހިތަކެއް ވަރަށް ބާރަށް ގޮވި އަޑު އިވުނު ކަމަށް.
އަލިފާން އެއްވެސް ވަރަކަށް ކޮންޓްރޯލްވާ ކަމަކަށް ނުފެނޭ. އަލިފާންތައް ވަޔާ އެކު މާ ދުރަށް ބުރައިގެންދޭ.
އަލިފާން ރޯވުމާ އެކު އެއްޗެހި ގޮވާ އަޑު، ހުއްޓުމެއް ނެތި އިވެމުން ދިޔަ. އެހެންކަމުން މިއީ އަނެއްކާވެސް އަލިފާން ބޮޑަށް ހިފާ ކަހަލަ އެއްޗެހި ރައްކާކޮށްފައި ހުރި ތަނެއް ކަމަށް ބެލެވޭ. މާލޭގައި 2016 ގެ ކުރީކޮޅު ވެސް އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް، ފަސޭހައިން އަލިފާން ރޯވާ ޒާތުގެ އެއްޗެހި ވިއްކަން ހުރި ފިހާރައެއްގައި ހިނގާފައިވޭ.
ރޯވެފައި ހުރީ އެމްއެންޔޫ ބިޒްނަސް ސްކޫލް ފުރަގަހުގައި ހުރި ތަނެއްގައި. ސިފައިން އަންނަނީ ބިޒްނަސް ސްކޫލުން މީހުން ހުސްކުރުމަށް ފަހު އެތަނުގެ ތެރެއަށް ވަދެ ތިބެގެން ފެން ޖަހަމުން
މާލެ މަތިން، މާ ދުރަށް އަލިފާންގަނޑު ފެންނަން އެބަހުރި. ގަދަޔަށް އަނދަމުން ދާއިރު ބޯކޮށް ދުން އަރާ
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހ. ފެހިއާބާދު ގޭގައި ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގެ މަގުތައް ބަންދުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގައި ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ އާންމުން. އާންމުންގެ އެތައް ބަޔަކު ނުކުމެ އަތު ގުޅާލައިގެން، މަގުތަކުން މީހުން ވަނަ ނުދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން
ދުމުގެ އަސަރުކޮށްގެން ހާލު ބޮޑުވި ކުއްޖު ދެންމެ އޭޑީކޭ އަށް ގެންގޮސްފި. އެ ހިސާބާ ކައިރި ނުވެވޭތީ ވާނުވާ މާބޮޑަކަށް ނޭނގޭ
އަލިފާންގަނޑު ހުރި ވަރަށް ބަލާއިރު ކައިރީގައި ހުރި އިމާރާތްތައް ސަލާމަތް ވުން ވެސް ނާދިރު. މި ފަހުން މިވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ނުހިނގާ
އަލިފާނުގެ ހުޅުގަނޑު ބޮޑުކަމުން އެ ހިސާބާ ކައިރި ވެސް ނުވޭ. މުޅި ހިސާބަށް ވަނީ ހުޅުގަނޑު ފެތުރިފައި
ރޯވި ކަމަށް ރިޕޯޓްކޮށްފައި ވަނީ 7:25 ކަމަށް ފުލުހުން ބުނޭ. އަލިފާން ނިއްވަން ސިފައިން ހަރަކާތްތެރިވާން ފެށީ ދެންމެ. އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފައި.
އަލިފާންގަނޑު އަދައި ފެތުރެމުން ދާއިރު، އެއްޗެހި ގޮވާ އަޑު އިވޭ
ހަނި ގޯޅިއެއްގައި ހުރި އެ ތަނުގައި ރޯވެފައި ވާއިރު އެ ހިސާބު އެންމެން ތިބީ މަގުމައްޗަށް ނުކުމެ. ބައެއް މީހުން ރޯ އަޑު ވެސް އިވޭ.
ރޯވެފައި ވަނީ އޯފް ރޯޑް ފިހާރަ ކައިރީގައި ހުންނަ އިމާރާތެއްގައި. އެތަނުގައި ތިބި މީހުންނާ ހަވާލާދީ، އެތަނުގައި ހުރި "މިހާރު" ގެ ނޫސްވެރިޔަކު ބުނީ ރޯވެފައި ވަނީ ކެމިކަލް ރައްކާކޮށްފައި ހުރި ތަނެއްގައި ކަމަށް.އެކަމަކު އެކަން އަދި ޔަގީނެއް ނޫން
ހެންވޭރުގައި ހުރި އިމާރާތެއްގައި ވަރަށް ބޮޑަށް ރޯވެ ކައިރީގައި ހުރި ތަންތަނަށް އަލިފާންގަނޑު ފެތުރެން ފަށައިފި އެވެ.