ރާއްޖޭން ޗެމްޕިއަން ނޭޕާލާ އެއްވަރުކޮށްފި
ރާއްޖޭން ޗެމްޕިއަން ނޭޕާލާ އެއްވަރުކޮށްފި

މިއަދު ފެށި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލާ ރާއްޖޭން 1-1 އިން އެއްވަރުކޮށްފި އެވެ.

ރާއްޖޭން ޗެމްޕިއަން ނޭޕާލާ އެއްވަރުކޮށްފި
ރާއްޖޭން ޗެމްޕިއަން ނޭޕާލާ އެއްވަރުކޮށްފި

މިއީ މިހާތަނަށް މި މުބާރާތުގައި ތިން ފަހަރެއްގެ މަތިން ބައިވެރިވެ ރާއްޖެ އަށް ހޯދުނު ފުރަތަމަ ޕޮއިންޓެވެ. މީގެ ކުރިން 2015 އާއި 2017 ވަނަ އަހަރު ރާއްޖެ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފަ އެވެ.

ކަތުމަންޑޫގެ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން 12 ވަަނަ މިނިޓްގައި ރާއްޖޭން ލީޑުނެގީ ޓީމުގެ ކެޕްޓަން ގާސިމް (ޗޯޓު) ވައްދާލި ގޯލުންނެވެ. ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ ޗޯޓަކީ ފޯކައިދޫ އަށް މިދިޔަ އަހަރުން ފެށިގެން ދިވެހި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ނޭޕާލުން އެއްވަރުކުރީ މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި މަނީޝް ޑަންގީ ޖެހި ގޯލުންނެވެ. މި މެޗުގައި ރާއްޖޭގެ ގޯލްކީޕަރު ހަސަން އަލީފް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ވަނަ ހާފްގައި ނޭޕާލުން ވަނީ ރާއްޖޭގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ.

ރާއްޖޭގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗަށް ނުކުތްއިރު ވެސް އުނދަގޫވާނެކަން އެނގޭ ކަމަށާއި މިއީ މުބާރާތުގެ ފުރަތަމަ މެޗުކަމަށްވާތީ ބަލިނުވެ ނިންމާލުމަކީ ޓާގެޓެއް ކަމަށާއި އޭރުން ކުރިއަށް ހުރި މެޗުތަކަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށެވެ.

"ނޭޕާލު ވަރަށް ގަދަ. އަހަރެމެން ވަރަށް ޑިފެންސިވް ގޭމެއް ކުޅެގެން މިކަން ހާސިލް މިކުރީ. ވަރަށް ހިތްހަމަޖެހޭ ޑިފެންސާއި ހާއްސަކޮށް ކީޕަރު ކުޅުނު ކުޅުމަށް. އަހަރެމެން ނަސީބު ވެސް ރަނގަޅު. އެކަމަކު ނަސީބު އެހީވަނީ ވެސް ވަރަށް މަސައްކަތްކޮށްގެން ކުޅުނީމަ،" ޝާޒް ބުންޏެވެ.

ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު މި މުބާރާތަށް ތައްޔާރުވީ އުމުރުފުރާ ގައުމީ ޓީމަކު މުބާރާތަކަށް ތައްޔާރުވި އެންމެ ރަނގަޅަށެވެ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެ ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި މުބާރާތަށް ދިއުމުގެ ކުރިން ގަތަރުގައި ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަކުރި އެވެ.

ޝާޒް ބުނީ މި މުބާރާތުގައި ކުޅޭ ޓީމުތަކަށް އެންމެ ރަނގަޅު ކުޅުން ދައްކަން ދަތިތަކެއް އެބަހުރި ކަމަށާއި އެއީ ދަނޑުގެ ހާލަތު ހުރިގޮތުން ކަމަށެވެ. އަދި މިއަދުގެ މެޗުގައި ވެސް އޭގެ ސަބަބުން ދެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް ބުންޏެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު މި މުބާރާތުގައި ފަސް ޓީމު ވާދަކުރުމުން ކުޅުނީ ލީގު ބުރެކެވެ. އެ ފަހަރު ރާއްޖެ ދިޔައީ އެންމެ ފުލަށެވެ. ނޭޕާލު އަތުން އެ ފަހަރު ބަލިވީ 2-0 އިންނެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ނޭޕާލުގެ އިތުރުން ބޫޓާނާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބޫޓާނާ ބައްދަލުކުރާނީ އަންނަ އަންގާރަ ދުވަހު އެވެ. އޭގެ ކުރިން މި ގްރޫޕްގެ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ބޫޓާނާއި ނޭޕާލް ކުޅޭނެ އެވެ. ޝާޒް ބުނީ ބޫޓާނަކީ ޔޫތު ފުޓްބޯޅަ ކުރިއަރަމުން އަންނަ ޓީމެއް ކަމަށާއި އެ ގައުމުގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމުތަކުން ރަނގަޅު ނަތީޖާ ނެރެމުން އަންނަ ކަމަށެވެ.