ޕަލް ޕަލް ދިލް ކޭ ޕާސް؛ ކަރަން ޑިއޯލްގެ އެކްޓިން ކަމަކުނުދިޔަ
ޕަލް ޕަލް ދިލް ކޭ ޕާސް؛ ކަރަން ޑިއޯލްގެ އެކްޓިން ކަމަކުނުދިޔަ

ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރަން ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ އުންމީދުކުރި ވަރުގެ ފިލްމެއް ނޫން ކަމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.

އޭނާގެ ރިވިއުގައި ބުނީ ލޯބީގެ ވާހަކައަކަށް ގެނެސްދިން އެ ފިލްމަކީ ސަނީގެ އަލަތު ފިލްމު "ބޭތާބު" އިން ސަނީ ދެއްކި ކަހަލަ ޖާދޫއެއް ދަރިފުޅު ވެސް ދައްކާނެ ކަމަށް އުންމީދުކުރެވުނު ކަހަލަ ފިލްމަކަށް ވިޔަސް ކަރަންގެ އެކްޓިން އެހާ ރަނގަޅު ނޫން ކަމަށެވެ. ތަރަން ބުނިގޮތުގައި ބޮޑު ސްކްރީނަށް ގެންނަ ވަރަށް "ޕަލް ދިކް ކޭ ޕާސް" ބަލައިލުމުން ކަރަން ތައްޔާރު ކުރެވިފައިނުވާކަން ފާހަގަކުރެވެ އެވެ. އަދި އޭނާގެ އެކްޓިންގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި އިރު ކަރަން ހީލާއިރު ބަލަން އުނދަގޫ ކަހަލަ އައިބު ގޮތެއް ހުންނަ ކަމަށް ބުންޏެވެ.

ތަރަން ބުނީ އެކްޓަރެއްގެ ގޮތުގައި ކަރަން "ރޯކަމުން" ކުރިއަށްދާން ބޭނުންވާ ނަމަ އެކްޓިން ރަނގަޅުކުރަން އޭނާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

ފިލްމާ ބެހޭ ގޮތުން ތަރަން ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާ އިރު، އެ ފިލްމުން ތައާރަފު ކުރި ބަތަލާ ސަހެރް ބާމްބާ ވަނީ އޭނާއާ ހަވާލުކުރި ރޯލަށް ފުރިހަމަ އަށް އިންސާފުކޮށް ދީފަ އެވެ. އަދި އޭނާގެ ސްކްރީން ޕްރެސެންސް ވަރަށް ޗާލު ކަމަށް ބުންޏެވެ.

"ޕަލް ޕަލް ދިލް ކޭ ޕާސް" ގެ އެންމެ ކަމުނުދާ އެއް ކަމަކީ ފިލްމުގެ ޕްލޮޓްކަން ފާހަގަކުރަމުން ތަރަން ބުނިގޮތުގައި މި ވާހަކައިގައި އެއްވެސް އާ ކަމެއް، ތާޒާ ކަމެއް ނެތެވެ. އަދި އެ ޕްލޮޓް އޭނާ ސިފަކުރީ "އައުޓްޑޭޓްވެފައި އޮތް އެއްޗެއްގެ" ގެ ގޮތުގަ އެވެ.

މީގެ މައިގަނޑު ވާހަކައަކީ ލޯބިވެރިޔާ ވިނީ (އާކާޝް އަހޫޖާ) ދޫކޮށްލާފައި ވްލޮގާއެއްގެ ގޮތުގައި މަސައްކަތްކުރާ ސަހެރް (ސަހެރް ސޭތީ) މަނާލީ އަށް ކުރާ ދަތުރެއްގެ ތެރޭގައި އެޑްވެންޗާ ކޭމްޕެއް ހިންގާ ކަރަން (ކަރަން ސޭގަލް) އާ ބައްދަލުވެ، ދެ މީހުންނަށް ހިތާވެވި، އެހެން ނަމަވެސް އާއިލާގެ ތެރެއިން ކުރިމަތިކުރާ ފިއްތުންތަކާ ހެދި ދެ ލޯބިވެރިންނަށް ކުރިމަތިވާ ހުރަސްތަކެވެ.

ތަރަން ބުނިގޮތުގައި ޖަސްވިންދަރު ސިންގް ބާތު އާއި ރަވީ ޝަންކަރަންގެ ސްކްރީންޕްލޭ ވަރަށް ފީކަޅާ ނަމަވެސް، ވިޝުއަލީ ފިލްމު ރީތިކުރަން ސަނީ ޑައިރެކްޓަރެއްގެ ގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެގޮތުން ހިމާލަޔާގެ ސްނޯތަކުން ފުރިފައިވާ ފަރުބަނދަތަކުގެ ވާދީތެރޭގެ މަންޒަރުތަކާއި ފިލްމުން ދައްކާ އެޑްވެންޗަ މަންޒަރުތައް ވަރަށް ފުރިހަމަ ދައްކުވައި ދީފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް ސްކްރީންޕްލޭ ދޯދިޔާވުމާއި ވާހަކައިގައި މާ ހާއްސަ ކަމެއް ނެތުމުން ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމަކަށް "ޕަލް ޕަލް ދިލް ކޭ ޕާސް" ނުވާ ކަމަށް ތަރަން ބުންޏެވެ. އަދި ފިލްމުގެ މިއުޒިކް އެހާ ރީތި ނޫން ނަމަވެސް ލަވަތަކުގެ މަންޒަރުތައް ވެސް ވަރަށް ހިތްގައިމުކޮށް ސަނީ ގެނެސްދީފައިވާ ކަމަށާއި ފިލްމުގެ ސިނަމަޓޯގްރަފީ އަށް ތައުރީފު ހައްގު ކަމަށް ތަރަން ބުންޏެވެ.

އޭނާ ބުނިގޮތުގައި ފިލްމުގެ އެޑިޓިންގައި ގޯސްތަކެއް ހުރިއިރު، "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ ތިއޭޓަރުގައި 153 މިނިޓްވަންދެން އިނދެގެން ބަލަން ފޫހި ފިލްމެކެވެ. އެހެންވެ މިއީ ބޮކްސް އޮފީހުގައި އެހާ ހިނގާނެ ފިލްމަކަށްވުމުގެ ފުރުސަތު ކުޑަ ކަމަށް ބުންޏެވެ. އޭނާ "ޕަލް ޕަލް ދިލް ކޭ ޕާސް" އަށް ދީފައި ވަނީ ފަހެކުން ދެ ތަރީގެ ރޭޓިންއެކެވެ.

މި ފިލްމާ އެކީގައި ހުކުރު ދުވަހު އެހެން ދެ ފިލްމެއް ވެސް ރިލީޒްކުރި އެވެ. އެއީ ސަންޖޭ ދަތުގެ "ޕްރަަސްތާނަމް" އާއި ސޯނަމް ކަޕޫރްގެ "ދަ ޒޯޔާ ފެކްޓާ" އެވެ. މި ދެ ފިލްމަށް ބަލާ އިރު، ހުކުރު ދުހު އެންމެ ރަނގަޅު ރިވިއުއެއް ލިބުނީ ސޯނަމްގެ ފިލްމަށެވެ.

އަބީޝެކް ޝަރުމާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަށް ތިން ތަރީގެ ރޭޓިންއެއް ދެމުން ތަރަން ފާހަގަކުރި ގޮތުގައި "ދަ ޒޯޔާ ފެކްޓާ" އަކީ ވަރަށް ހަމަޖެހިލައިގެން އިނދެ ފޫހިފިލުވާލަން ބަލައިލަން ވަރަށް ރަނގަޅު ފިލްމެކެވެ. އޭގައި ކިޔައި ދެނީ އިންޑިިއާގެ ކްރިކެޓް ޓީމެއްގެ ނަސީބާ، ޒޯޔާ ކިޔާ އަންހެނަކު ގުޅިފައި އޮންނަ ގޮތެވެ.

ދެ ތަރީގެ ރޭޓިން އަށް ތަރަން ދިން "ޕްރަސްތާނަމް" އަކީ ހަމަ އެ ނަމުގައި 2010 ގައި ރިލީޒްކުރި ޑައިރެކްޓަރު ދޭވަ ކައްތާ ގެނެސްދިން ތެލެގޫ ފިލްމުގެ ރިމެކެކެވެ. އޭގައި ދައްކުވައި ދެނީ އާއިލީ ސިޔާސީ ކޯޅުގަނެޑެކެވެ.