ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ ނޮވެމްބަރު މަހުގެ 15 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަގެ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން: ހޯންޓެޑް ޝިޕް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ކަރަން ކުރި ޓްވީޓެއްގައި ބުނިގޮތުގައި ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގަ އެވެ. މި ފިލްމުގެ ތަރިންނަކީ ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރެވެ.

ކަރަން ބުނިގޮތުގައި ފިލްމު ލަސްކުރި ސަބަބަކީ އޭގެ މަސައްކަތްތައް ނިންމަން އަދި ވަގުތު ބޭނުންވާތީ އެވެ. "ބޫތު" ގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ނިންމާލާފައިވާ އިރު، މިހާރު އަންނަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރަމުންނެވެ.

"ބޫތު" އަންނަ އަހަރަށް ފަސްކުރި ނަމަވެސް ދަރުމާގެ އިތުރު ފިލްމެއް މި އަހަރު އަދި ރިލީޒްވާން އެބައޮތެވެ. އެއީ ޑިސެމްބަރު 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" އެވެ. ރާޖް މެހެތާ ޑައިރެކްޓްކުރާ އެ ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރު، ކަރީނާ ކަޕީރް، ދިލްޖީތު ދޮސަންޖް އަދި ކިއާރާ އަދުވާނީ އެވެ.

ދަރުމާ އިން މި އަހަރު ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ކޭސަރީ"، "ކަލަންކް" އަދި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ހިމެނެ އެވެ.

އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ބައޮގްރަފިކަލް ޑްރާމާ "ސާންޑް ކީ އާންކް" ގެ ޓްރެއިލާ މި މަހުގެ 23 ވަނަ ދުވަހު ދައްކައިލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ ދުނިޔޭގެ އެންމެ ދުވަސްވީ އިންޑިއާގެ އަންހެން ދެ ޝޫޓަރުން ކަމަށްވާ ޕްރަކާޝީ އާއި ޗަންދުރޯ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ދެ މީހުންގެ ރޯލްތައް ކުޅެފައި ވަނީ ތާޕްސީ ޕައްނޫ އާއި ބޫމީ ޕެޑްނޭކަރެވެ.

ތުޝާރު ހިރަނަންދާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އާމިރު ޚާންގެ ދައްތަ ނިޚާތު ހާނާއި ވިނީތު ކުމާރު ސިންގްގެ އިތުރުން ޑައިރެކްޓަރު ޕްރަކާޝް ޖާ ހިމެނެ އެވެ.

ޔާމީ ގޯތަމާއި ވިކްރާންތު މަސޭ ލީޑް ރޯލް ކުޅޭ ފިލްމު "ގިނީ ވެޑްސް ސަނީ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޕުނީތު ކަންނާ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ. "ގިނީ ވެޑްސް ސަނީ" ގެ ޕްރޮޑިއުސަރަކީ ވިނޯދު ބައްޗަން އެވެ.

ކުރިން ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފުރުސަތު ލިބެމުން އަންނަ ވިކްރާންތަށް މިހާރު ލީޑް ރޯލްތައް ލިބެމުން އަންނަ އިރު، އޭނާގެ ކުރިއަށް އޮތް އެންމެ ހާއްސަ ފިލްމަކީ އަންނަ އަހަރު ރިލީޒްކުރާ ދީޕިކާ ޕަދްކޯންގެ "ޗަޕާކް" އެވެ.

މި އަހަރު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އިން ފެނިގެން ދިޔަ ޔާމީގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރުގައި ރިލިޒްކުރާ "ބާލާ" އެވެ.

މި މަހުގެ 13 ގައި ރިލީޒްކުރި އަޔޫޝްމަން ކުރާނާގެ "ޑްރީމް ގާލް" ބޮކްސް އޮފީހުގައި ރަސްކަމުން ކުރަމުން އަންނަ އިރު، އޭނާގެ ކުރިއަށް އޮތް ފިލްމު "ބާލާ" ރިލީޒްކުރާ ތާރީހު އަވަސްކޮށްފި އެވެ.

ކުރިން ނޮވެމްބަރު މަހުގެ 22 ގައި ރިލީޒްކުރާ ގޮތަށް އޮތް ފިލްމު މިހާރު ވަނީ ހަފުތާއެއް ކުރިއަށް ޖައްސާލައިފަ އެވެ. އެގޮތުން "ބާލާ" ބެލުންތެރިންނާ ހަމައަށް އަންނާނީ އެ މަހުގެ 15 ގަ އެވެ.

މި ބަދަލަކީ ބޮޑު ކާސްޓެއް ހިމެނޭ އަނީސް ބަޒްމީގެ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އާ ބޮކްސް އޮފީހުގައި މުޑިނާރުވަން ގެނައި ބަދަލެއް ކަމަށް ބެލެވެ އެވެ. އެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރޫޒް، އަނިލް ކަޕޫރް، ކްރިތީ ކަރްބަންދާ، ޕުލްކިތު ސަމްރާޓް، އުރުވަޝީ ރޮޓޭލާ އަދި އަރުޝަދު ވަރްސީ އެވެ.

މިދިޔަ އަހަރު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން އަމަރު ކޯޝިކް ޑައިރެކްޓްކޮށްފައިވާ "ބާލާ" ގައި އަޔޫޝްމަން ފެނިގެންދާނީ ޔާމީ ގޯތަމާއި ބޫމީ ޕެޑްނޭކަރާ އެކީގަ އެވެ. މިއީ ތަލަވަމުންދާ މީހަކަށް ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ ބްލެކް ކޮމެޑީއެކެވެ.