21 ސެޕްޓެމްބަރ 2019 - 13:13

އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯން އިން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކުރުމާ އެކު، ކުރިމަތިލި އެތައް ހާސް މީހުންނާ އެކު އެ އެކުންފުނީގެ ވަޒީފާތަކަށް މީހުންގެ ޝައުގުވެރިކަން އޮތް މިންވަރު ވަރަށް ބޮޑަށް ހާމަވެއްޖެ އެވެ.

އެމެރިކާ އިން 30،000 މުވައްޒަފުން ނަގަން ނިންމައި އަންގާރަ ދުވަހު އެމެރިކާގެ ބައެއް ސިޓީތަކުގައި ކެރިއާ ޑޭ އިވެންޓްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ އިރު، އޮންލައިންކޮށް ވަޒީފާތަކަށް އެޕްލައިކުރި މީހުންގެ އަދަދު ވަނީ 208،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެއީ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވައިލި ވަގުތުން ފެށިގެން ބަލާ ނަމަ މިނިޓަކަށް 18 އެޕްލިކޭޝަނެވެ.
އެމެޒޯންގެ އެކި ޑިޕާޓްމަންޓްތަކަށް އިއުލާންކުރި ވަޒީފާތަކަށް ލިބެމުން އަންނަ އާދަޔާހިލާފު ބޮޑު ތަރުހީބާ ގުޅިގެން އެ ކުންފުނީގެ އެޗްއާރްގެ ސީނިއާ ވައިސް ޕްރެޒިންޓް ބެތު ގިލެޓީ ވިދާޅުވީ މިކަމުން ދޭހަކޮށްދެނީ މީހުން އެމެޒޯން އަށް ކުރާ އިތުބާރު ކަމަށެވެ.
އަދި ވަޒީފާއެއް އަދާކުރަން އެމެޒޯން އަކީ އެންމެ ރަނގަޅު އެއް ކުންފުނިކަން ވަޒީފާތަކަށް ހުޅުވައިލުމުން ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ސާބިތުވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެމެރިކާގެ ކަންކޮޅުތަކުން އެމެޒޯންގެ ވަޒީފާތަކަށް ލިބެމުން އަންނަ ތަރުހީބަކީ ކުރިން އަހަރެމެން އުންމީދުކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް،" ބެތު ވިދާޅުވި އެވެ.
އަލަށް އިއުލާންކުރި 30،000 ވަޒީފާއަކީ ދާއިމީ ފުލްޓައިމް ވަޒީފާތަކެވެ. އަދި އެ އެ ފުރުސަތު ލިބޭ މީހުންނަށް އުޖޫރައިގެ ގޮތުގައި ގަޑިއަކަށް 15 ޑޮލަރާއި ހެލްތު އިންޝޫރަންސާއި ޕެންޝަނާއި ކޮންމެ އަހަރަކު މުސާރަ ލިބޭ ގޮތަށް 20 ހަފުތާގެ ޕޭރަންޓަލް ލީވް ލިބޭނެ އެވެ.
ވަޒީފާތަކަށް މީހުން ނަގަން ހަމަޖެހިފައި ވަނީ ތައުލީމީ ފެންވަރާއި ހުނަރާއި ތަޖުރިބާ އަށް ބަލައިފަ އެވެ.
އެމެޒޯން އިން ބުނާގޮތުގައި އެތަނުގެ ވަޒީފާތަކަށް މީހުން ޝައުގުވެރިވާ އެއް ސަބަބަކީ ލިބޭ އިނާޔަތްތައް ރަނގަޅުވެފައިވާ ވަޒީފާގެ ކަށަވަރުކަން ލިބުމެވެ. އެގޮތުން އެމެޒޯން އިން މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 15 ޑޮލަރު ދިނުމަކީ ގިނަ ބަޔަކު އެ ކުންފުންޏަށް ޝައުގުވެރިވާ މައިގަނޑު އެއް ސަބަބެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ޕްރައިވެޓް ކުންފުނިތަކުގެ ވަޒީފާތަކަށް މީހުން ހޯދުމަކީ މިހާރު ވަރަށް އުނދަގޫ ކަމެކެވެ. އަދި ކުންފުނިތަކުގައި މިހާރު ވެސް 7.2 މިލިއަން ވަޒީފާގެ ފުރުސަތު އެބައޮތް ކަމަށް އެ ގައުމުގެ ލޭބާ ސްޓެޓިކްސް ބިއުރޯގެ ރެކޯޑްތަކުން ދައްކަ އެވެ. އެކަމަކު އެތަންތަނުން ލިބޭ އުޖޫރަ އާއި އިނާޔަތްތައް ކުޑަވުމުން ގިނަ ބަޔަކު އެ ވަޒީފާތަކަށް ޝައުގުވެރިކަމެއް ނުދެ އެވެ.
އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު މިހާރު 6 މިލިއަނަށް އަރާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.