ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް ޖުމާން
ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް ޖުމާން

ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ޖުމާން އިބްރާހިމް ރޭ ހޮވައިފި އެވެ.

ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް ޖުމާން
ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް ޖުމާން

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، މިދިޔަ އަހަރު އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އޭ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން އޭ ފާސް ހޯދައިގެން ހައި އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ޖުމާނަށް އިނާމު ހަވާލުކޮށްދެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރެވެ.

ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް ޖުމާން
ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކަށް ޖުމާން

ޖުމާން ވަނީ މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގެ ހަ ވަނައިގައި ހިމެނިފަ އެވެ.

ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވީ މުހައްމަދު ތަހްސީން ހަސަނެވެ. އޭނާ ވަނީ ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ އެއް ވަނަ ހޯދައިފަ އެވެ. ސީއެޗްއެސްއީން މިދިޔަ އަހަރު ތިން ވަނަ ހޯދި މުހައްމަދު މިއުވާން މަސީހު ވެސް ވަނީ ފަސް އޭ ސްޓާއާ އެކު މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖެ އިން އެއް ވަނަ ހޯދައިފަ އެވެ.

ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވަނީ އެ ސްކޫލުން މިދިޔަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުން ވެސް ހޮވައިފަ އެވެ. ތަހުސީނާއި މިއުވާންގެ އިތުރުން ސްކޫލުން ދެން އެއް ވަނަ ހާސިލްކުރީ ޝައްމާހު ރަޝީދެވެ. އޭނާ އަކީ ވެސް ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރާއްޖެއިން އެއް ވަނަ ހާސިލްކުރި ދަރިވަރެކެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ ނާސިރު ވިދާޅުވީ ހަށިގަނޑު ތާޒާކުރުމަށް ރަނގަޅު އިލްމު ބޭނުންވާ ކަމަށެވެ. އަދި އެ ހޯދާ އިލްމާއި ނަތީޖާއާ އެއްވަރަށް ތަމްރީނުވެސް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ފަހު ވަޒީފާއެއް ލިބުމުން އެ ދަމަހައްޓައި ފަރުވާތެރިވާންޖެހޭނެ ކަމަށެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދާފައި ވެ އެވެ. އެގޮތުން ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން 65 ޕަސެންޓަކީ އެ ސްކޫލުގެ ދަރިވަރުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބުރަ މަސައްކަތުގެ ނަތީޖާ ފެންނަނީ މިއަދަކު މާދަމާއަކު ނޫނެވެ. އެއީ ދިގު ދަތުރެއް ކަމަށް ވިދާޅުވި އެވެ.

"ސްކޫލް ނިމުނު ކުދިންނަށް ބުނެލަން ބޭނުންވަނީ ތައުލީމީ ހަޔާތް ނިމުނީ ކަމަށް ނުބަލާށޭ. އަދި އަދާކުރާ ތައުލީމަކުން، އަދާކުރާ ވަޒީފާއަކުން ވަކި ކުރިއަކަށް ނުދެވޭނެއޭ،" ރޭގެ ޖަލްސާގައި ސޮފޫރާ ވިދާޅުވި އެވެ.

ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރު ޖުމާން "މިހާރު" އަށް ބުނީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމާ އެކު އިތުރު ހަރަކާތްތަކުގައި ބުރަކޮށް އުޅެން ޖެހުމުން އެ އަހަރުގެ ފުރަތަމަ ޓާމުގެ ނަތީޖާ އެންމެ ބޭނުންވާ ވަރަށް ނުހޯދުނު ކަމަށެވެ. ނަމަވެސް އިތުރު ހިތްވަރެއް ލައިގެން ސްމާޓްކޮށް ކިޔަވައި ރަނގަޅު ނަތީޖާއެއް ހޯދުނު ކަމަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި ހާސިލްކުރެވޭނެ އަމާޒެއް ކަނޑައަޅައި ދުރާލާ މަސައްކަތްކުރުން ވަރަށް މުހިއްމެވެ. ކުރިއަށްދާން ކަނޑައެޅި ދާއިރާއަކީ ވާސިލްވެވޭނެ އަދި ފަހުން އެކަމާ ޝައްކު އުފައްދަން ނުޖެހޭނެ ކަމަށް ބުންޏެވެ.

އޯ ލެވެލްގައި ވެސް ރާއްޖެ އިން އެއްވަނަ ހާސިލްކުރި ޖުމާން އަންނަނީ ޕައިލެޓްކަމުގެ ތަމްރީނު ހެދުމަށް ސްޕެއިނަށް ދިއުމަށް ތައްޔާރުވަމުންނެވެ.