20 ސެޕްޓެމްބަރ 2019 - 12:11

ތެހެރާން (ސެޕްޓެމްބަރު 20) - އެމެރިކާ ނުވަތަ ސައުދީ އަރަބިއާ އިން އީރާނަށް އެއްވެސް ހަމަލާއެއް ދީފި ނަމަ ހަނގުރާމައެއްގެ ހުޅުފަޅައިގެން ދާނެ ކަމަށް ބުނެ ތެހެރާނުން އިންޒާރުދީފި އެވެ.
ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނީގެ ދެ ޕްލާންޓަކަށް ޑްރޯން ހަމަލާ ދިނުމުން މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ އަސްކަރީ ކުރިމަތިލުމަކަށް ދާން އީރާނުން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ހަނގުރާމައެއް ފަށައިފި ނަމަ އީރާނުން ހިމޭނުން ނޯންނާނެ ކަމަށާއި އެ ހާލަތަށް ހިނގައްޖެ ނަމަ އެތައް ބަޔަކު މަރުވާނެ ކަމަށް ވިދާޅުވި އެވެ.
އެމެރިކާ ނުވަތަ ސައުދީން އީރާނަށް ހަމަލާ ދީފި ނަމަ ދެން ވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ޒަރީފް ވިދާޅުވީ އެ ހިސާބުން ހަނގުރާމަ ފެށުނީ ކަމަށެވެ.
ސައުދީ އަށް ހަމަލާ ދިނީ ޔަމަނުގެ ހޫތީން ކަމަށް އެ ޖަމާއަތުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ސައުދީން ބުނެފައި ވަނީ އެ ހަމަލާ އައިސްފައި ވަނީ އީރާނުން ކަމަށެވެ. އަދި ޑްރޯންގެ ބައިތަކަށް ބަލާއިރު އެއީ އީރާނުގައި އުފައްދާފައިވާ އެއްޗެއްކަމުގެ ހެކި ލިބިފައިވާ ކަމަށް ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޒަރީފް ވިދާޅުވީ ސައުދީން އުޅެނީ ކަންކަން އުފައްދައިގެން އީރާނުގެ ބޮލުގައި ތުހުމަތު އަޅުވަން ކަމަށެވެ.
"ދޮގުގެ މައްޗަށް ބިނާކޮށް އެ މީހުން އުޅެނީ ހަނގުރާމައެއް ފަށާނެ އުޒުރެއް ހޯދަން،" ޒަރީފް ވިދާޅުވި އެވެ.
ސައުދީ އަށް ދިން ހަމަލާގައި އެއްވެސް ރޯލެއް ނޯންނާނެ ކަމަށް އީރާނުން ތަކްރާރުކޮށް ދަނީ ބުނަމުންނެވެ. އަދި ޑްރޯން ހަމަލާ އަކީ ޔަމަން ހަނގުރާމަ ހުއްޓާލުމަށް ހޫތީން ދިން އިންޒާރެއް ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.