21 ސެޕްޓެމްބަރ 2016 - 14:47

ދިވެހި މިއުޒިކަށް އިންގިލާބެއް ގެނައި މަޝްހޫރު ބޭންޑް ޒީރޯގެ ޑިގްރީގެ ހަނދާންތައް މިރޭ އަނެއްކާ ވެސް ވަރަށް ބޮޑަށް އާވެގެން ދާނެ އެވެ. ހާއްސަކޮށް އެ ބޭންޑްގެ ލީޑް ވޯކަލިސްޓް އަހުމަދު ނާޝިދު (ފުލޫ) ގެ ރަން އަޑުން ކިޔާފައިވާ ލަވަތައް އަލުން އަހާލަން ބޭނުންވާ މީހުންނަށް މިރޭ ހާއްސަ އެވެ.

މިއުޒިކް އިން ސޯޝަލް ކޮމިއުނިޓީ (މިސްކް މޯލްޑިވްސް) އިން އިންތިޒާމްކޮށްގެން ނާޝިދުގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޝޯ "އަ ޓްރިބިއުޓް ޓު ނާޝިދު" މިރޭ އޮލިމްޕަހުގައި އޮންނާނެ އެވެ.

އޮލިމްޕަހުގައި ޝޯ ބޭއްވި ނަމަވެސް، އެތަނުގެ ހުރިހާ ސީޓެއް ހާއްސަކޮށްފައި ވަނީ ނާޝިދުގެ އާއިލާ އާއި ރައްޓެހިންނާއި އެކުގައި މަސައްކަތްކުރި މީހުންނަށެވެ. ޝޯ ބަލަން ބޭނުންވާ އާންމުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ޝޯ ވަގުތު ފެންނާނެ އެވެ. ޝޯ ފަށާނީ 9:00 ގަ އެވެ.
މިސްކްގެ ކޯ-ފައުންޑަ އަދި ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު ނަޖްވާން މިއަދު ބުނީ ނާޝިދުގެ ޓްރިބިއުޓް ޝޯ ލީޑް ކުރާނީ ނާޝިދުގެ އަންހެން ދަރިފުޅު ނިޝް ނާޝިދު ކަމަށެވެ.
ނަމަވެސް ރާއްޖޭގެ މިއުޒިކީ ދާއިރާގައި މިހާރު ނަގާ ކިޔާ 24 ވަރަކަށް އާޓިސްޓުން ޝޯގައި ޕަފޯމް ކުރާނެ އެވެ. ޝޯގެ މިއުޒިކް ޑައިރެކްޓަރަކީ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު މުހައްމަދު އިކްރާމެވެ.
"ވަރަށް ރީތި ހަމަ އެހާމެ ފުރިހަމަ ޝޯއެއް މިރޭ ފެނިގެން ދާނެ. މިޝޯއަކީ ނާޝިދުގެ ކެރިއާގެ ޓައިމްލައިން ވަރަށް ފުރިހަމަ ދައްކުވައި ދެވިގެން ދާނެ ޝޯއެއް. މީގައި ޕަފޯމް ކުރާ ހުރިހާ އާޓިސްޓުން ވެސް ވަރަށް ބޮޑަށް މިއަށް ތައްޔާރުވެ ރިހާސަލްކޮށްގެން ނިކުންނާނީ،" ނަޖްވާން ބުންޏެވެ. "މިސްކުން ވެސް ލެޖެންޑަކަށް ބާއްވާ މިކަހަލަ ފުރަތަމަ އިވެންޓަށްވާތީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ވީ އެންމެ ފުރިހަމައަށް މި ޝޯ ގެނެސް ދޭން މި މަސައްކަތް ކުރަނީ."
އޭނާ ބުނީ ނާޝިދު ނެރުނު އަލްބަމްތަކުގެ ލަވަތައް ވަރަށް އަޑު އަހާ ހިތްވާ ކަހަލަ ގޮތަކަށް އަތުރާލައިގެން އާޓިސްޓުން ޕަފޯމްކޮށް ދޭނެ ކަމަށެވެ.
ޒީރޯ ޑިގްރީން ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި 10 ލަވަ ހިމެނޭ ދޯނި (1996) އާއި 14 ލަވަ ހިމެނޭ އައިލެންޑް ޕަލްސް (1997) އަދި ނުވަ ލަވަ ހިމެނޭ ބާޑް އިން ފްލައިޓް (2003) ހިމެނެ އެވެ.
މީގެ ތެރެއިން "ދޯނި" އަލްބަމްގައި ހިމެނެނީ ދިވެހިންގެ ހިތްތަކުން ފިލައިގެން ނުދާނެ ފަދަ މުއްސަނދި މިޔުޒިކާއި މޮޅު ޅެންވެރިކަން އެކުލެވޭ ލަވަތަކެކެވެ. އެ ލަވަތަކުގެ މަގުބޫލުކަމަށް އަދިވެސް ބަދަލެއް ނާދެ އެވެ.
މި އަލްބަމްތަކުގެ ލަވަތަކާ އެކު ނާޝިދަށް ޓްރިބިއުޓެއް ދޭ އިރު، އޮތް އެންމެ ބޮޑު އުދާހަކީ ނާޝިދު، 53، މި ދުވަސްކޮޅު ވަރަށް ބަލިވެ އުޅޭ ކަމެވެ. ކެންސަރު ބައްޔަށް އޭނާ އަންނަނީ ފަރުވާ ހޯދަމުންނެވެ.
ނިޝްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި، މީގެ ހަތަރު އަހަރު ކުރިން ފެށިގެން ބައްޕަ އުޅެމުން އަންނަނީ ވަރަށް ބަލިކޮށެވެ. އަދި ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި "ޖާނީ" ކިޔާ އަލްބަމެއްގެ މަސައްކަތް ފަށައި، އެ އަލްބަމް ވުޖޫދަށް ގެންނަން ނާޝިދު ވަރަށް ބޮޑަަށް މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އެ ހުވަފެން ހަގީތަކަށް ވާން ބައްޕަ ބޭނުންވާ ކަމަށް ނިޝް ބުނެފައިވެ އެވެ. އެ އަލްބަމް ރިލީޒް ކުރުމަކީ ނާޝިދުގެ އެންމެ ބޮޑު އެއް އުންމީދެވެ. ނިޝް ހުރީ ބައްޕަގެ އެ ހުވަފެން ހަގީގަތަކަށް ހަދައި ދޭން އަޒުމް ކަނޑައަޅައިގެންނެވެ. ބައްޕަގެ ލެގަސީ ދަމަހައްޓަން ނިޝް ބޭނުންވެ އެވެ.
މިރޭގެ ޓްރިބިއުޓް ޝޯ އިން "ޖާނީ" ގެ އަޑުތައް އިވިގެން ދާނެ އެވެ. މިއީ އަނެއްކާ ވެސް ޒީރޯ ޑިގްރީގެ ވަނަވަރަށް އިތުރުވެގެން ދާނެ ހަނދާނީ ބޮޅަކަށް ވާނެ އެވެ.