ޔޫރަޕްގެ ވަރުގަދަ 12 ކްލަބަކުން ހާލަންޑަށް ފާރަލަނީ
ޔޫރަޕްގެ ވަރުގަދަ 12 ކްލަބަކުން ހާލަންޑަށް ފާރަލަނީ

ލަންޑަން (ސެޕްޓެމްބަރު 20) - ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްގެ ޒުވާން ފޯވާޑް އާލިން ހާލަންޑް ހޯދަން ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތައް ހިމެނޭގޮތަށް 12 ކްލަބުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންގާރަ ދުވަހުގެރޭ އޮސްޓްރިއާގެ ޗެމްޕިއަން ސަލްޒްބާގުން 6-2 އިން ގެންކް ބަލިކުރި މެޗުގައި ހާލަންޑް ހެދި ހެޓްރިކާ އެކު އޭނާ ވެފައިވަނީ މި މުބާރާތުގައި އެކަން ހާސިލްކުރި ތިން ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ހާލަންޑްގެ އުމުރަކީ 19 އަހަރާއި 58 ދުވަހެވެ. އޭނާ އަށް ވުރެން ރަނގަޅު ރެކޯޑެއް އޮތީ 18 އަހަރާއި 113 ދުވަހުގެ ތެރޭގައި ހެޓްރިކް ހެދި ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ރައުލް ގޮންޒާލޭޒާއި 19 އަހަރާއި 340 ދުވަސް ފުރިފައިވަނިކޮށް ހެޓްރިކެއް ހެދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ އަތުގަ އެވެ.

ނޯވޭ ގައުމީ ޓީމަށް ވެސް ކުޅޭ ހާލަންޑް ވަނީ މި ސީޒަނުގައި މިހާތަނަށް ސަލްޒްބާގަށް ކުޅުނު ނުވަ މެޗުން ވަނީ 17 ލަނޑު ޖަހައިފަ އެވެ. އޭނާ ހޯދަން މަސައްކަތްކުރަމުން އަންނަ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާގެ އިތުރުން މެންޗެސްޓާ ސިޓީ ވެސް ހިމެނެ އެވެ. ސަލްޒްބާގުގެ އޮފިޝަލަކު މީޑިއާގައި ބުނީ ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ހާލަންޑްގެ މައުލޫމާތު ހޯދުމަށް ޔޫރަޕްގެ ވަރުގަދަ ޓީމުތައް ހިމެނޭ ގޮތަށް 12 ޓީމަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ޔުނައިޓެޑްގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެއް ގައުމަކަށް އުފަން ހާލަންޑް ވަނީ ސޯލްޝެއާގެ ކޯޗުކަމުގައި ނޯވޭގެ ކްލަބް މޯލްޑޭ އަށް ކުޅެފަ އެވެ. އެ ޓީމަށް ކުޅެދިން 39 މެޗުން 14 ލަނޑު ޖެހި އެވެ.

ގިނަ ޓީމުތަކުން އޭނާ އަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ހާލަންޑްގެ ވިސްނުން ހުރީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ރަނގަޅު ހިސާބަކަށް ދިއުމަށެވެ. އިޓަލީގެ ނަޕޯލީ އާއި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލާ އެއް ގްރޫޕެއްގައި އޮތް ނަމަވެސް ހާލަންޑް ދެކޭ ގޮތުގައި މިދިޔަ އަހަރު އަޔަކްސް އިން ޗެމްޕިއަންސް ލީގުގައި ނެރުނު ނަތީޖާތަކުން ހިތްވަރު ހޯދައި ސަލްޒްބާގަށް ވެސް ރަނގަޅު ހިސާބަކަށް ދެވިދާނެ އެވެ.

"ކޮންމެ ކަމެއް ވެސް ވެދާނެ. މިދިޔަ އަހަރު އަޔަކްސް ވެސް ވަރުގަދަ ޓީމުތައް ކައިރީގައި ތަފާތު ދައްކައިފި. އަހަރެމެންނަކީ މި އަހަރުގެ އަޔަކްސް އަށް ވެސް ވެވިދާނެ. މިހެން ބުނި ކަމުގައި ވިޔަސް ވަރުގަދަ ޓީމުތައް އެބައޮތް." ޔުއެފާ ޓީވީ އަށް ހާލަންޑް ދިން އިންޓަވިިއުއެއްގައި ބުންޏެވެ.