ފިކުރަށް ބަލައިގެން ވަޒީފާ އިން މީހުން ވައްކެއް ނުކުރަން: ޔާމީން
ފިކުރަށް ބަލައިގެން ވަޒީފާ އިން މީހުން ވައްކެއް ނުކުރަން: ޔާމީން

އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ފިކުރަށް ބަލައިގެން އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށާއި އެކަމަކު މި ސަރުކާރުން އެހެން އަމަލު ނުކުރާތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެންމެ ފަހުން ތަމްސީލް ކުރެއްވި ދާއިރާ އަށް ކުރައްވާ ދަތުރުގައި މ. މުލަކަށް ވަޑައިގެން، އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ވަޒީފާ އިން ވަކިކުރީ ސިޔާސީ މަގާމުތަކުގައި ތިބި މީހުން އެކަނި ކަމަށެވެ. ކުންފުނިތަކާއި ސިވިލް ސާވަންޓުންގެ ފިކުރަކަށް އެމަނިކުފާނުގެ ވެރިކަމުގައި ނުބައްލަވާ ކަމަށާއި އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިދިކޮޅު ޕީޕީއެމްގެ ފިކުރުގެ ހުރިހާ ޒުވާނުން ވަޒީފާ އިން ވަކިކުރަމުން ދާ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެން ނުބަލަން ކަނޑާލީމާ އަންނަނީ ކޮން ލެއެއްތޯ އެއް. ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ވި ވައުދުގެ ދަށުން 90،000 ވަޒީފާ އުފެއްދިން. އަދި ވަޒީފާތަކުން މީހުން ވައްކެއް ނުކުރަން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް އޭރުގެ ސަރުކާރުގެ ފިކުރަށް ތާއީދު ނުކުރާތީ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި އެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދެނީ ސަރުކާރަށް ތާއީދު ކުރާ މީހުންނަށް އެކަނި ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމަށް ތާއީދު ހޯދުމަށް ފެށި މި ކެމްޕޭން ދަތުރުގައި މ. އަތޮޅުގެ އިތުރުން ފ. އަތޮޅުގެ ރަށްރަށަށް ވެސް ޔާމީން ވަޑައިގަންނަވާނެ އެވެ.

ޔާމީން ރޭ ވިދާޅުވި ގޮތުގައި، މިހާތަނަށް ވަޑައިގެންނެވި ރަށްރަށުން އުފާވެރި އެއްވެސް ވާހަކައެއް އިވިވަޑައެއް ނުގަންނަވަ އެވެ. އޭގެ ބަދަލުގައި މި ސަރުކާރާ މެދު ކޮންމެ ރަށަކުން ވެސް އިވިވަޑައިގަތީ ޝަކުވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާތަނަށް ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގާފައި ނުވާއިރު އަދި ފެންނަނީ ކުރީގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރާތަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އާ ކައިވެންޏެއް ކުރާތަނެއް އަދި ނުފެނޭ. ހައްތަހާ ވެސް ފެންނަނީ ކުރީގެ މަޝްރޫއުތަކުގެ ރިބަން ކަނޑާލާ މަންޒަރު،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއް އަލުން އިޔާދަކޮށް ރަށްރަށަށް ތަރައްގީ ގެނައުމަށް، ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބުގެ އަޣުލަބިއްޔަތު އެ ޕާޓީން ހޯދުން ކޮންމެހެން ވެސް މުހިއްމު ކަމަށެވެ. އެކަމަކު އިންތިޚާބުތަކުގެ ނަތީޖާ ބޭނުން ގޮތަކަށް އަނބުރާލެވޭނެކަން އެ މަނިކުފާނު ހަނދާން ކޮށްދެއްވި އެވެ.

ޔާމީން ވިދާޅުވީ އިންތިޚާބުތަކުގެ ނަތީޖާ، އެ ހިންގަން ތިބޭ މީހުންނަށް ބޭނުން ގޮތަކަށް ބަދަލުކޮށްލެވިދާނެ ކަމަށާއި އެއީ "ގަރަމްމަސާލާ" ކަމަށެވެ. އެހެން ވިދާޅުވެ އެ މަނިކުފާނު މިސާލު ޖެއްސެވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ހޯދި ނަތީޖާ އޮޅުވާލާފައިވާ ގޮތާ މެދު އެވެ.

އިންތިޚާުބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ބުނެ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމުން ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ.

"ޑިމޮކްރަސީ އަކީ ފައްކާ އެއްޗެއް. ވޯޓުލާ ގޮތަކަށް ނަތީޖާ ފެންނާނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ހިތްވަރަކީ އެ ޕާޓީގެ މެމްބަރުން ކަމަށާއި ޕާޓީގެ ލީޑާޝިޕަކީ ވަކި ފަންތިއެއްގެ ބައެއް ނޫން ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ޕީޕީއެމްގެ ކޮންގްރެސް އޮންނައިރު މިހާރު އޮތް ލީޑާޝިޕް ބަދަލުކުރުމުގެ އިހްތިޔާރު މެމްބަރުންގެ އަތުގައި އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މެމްބަރުން ގެންނަ ކޮންމެ ބަދަލެއް ރުހުމުން ގަބޫލުފުޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.