ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމުގައި ކުރިއެރުން ދެން ފެންނާނެ: އޭޑީކޭ
ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމުގައި ކުރިއެރުން ދެން ފެންނާނެ: އޭޑީކޭ

ސިކުނޑި އާއި މައިބަދައަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ބައިނަލްއަގްވާމީ ކޮންފަރެންސްގެ ސަބަބުން ރާއްޖޭގައި އެ ފަދަ އޮޕަރޭޝަންތައް ކުރުމުގައި ކުރިއެރުންތައް ހޯދާނެ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި އެ ކޮންފަރެންސްގައި ރާއްޖެ އާއި ދުނިޔޭގެ އެކި ގައުމުތަކުން 300 ވަރަކަށް ޑޮކްޓަރުންނާއި ނަރުހުން އަދި 40 އަށް ވުރެ ގިނަ މާހިރުން ބައިވެރިވެ ވަޑައިގަތެވެ. މިއީ މިހާ ގިނަ ބައިވެރިންނާ އެކު މި ކޮންފަރެންސް ބޭއްވި ފުުރަތަމަ ފަހަރެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ސިކުނޑި އާއި މައިބަދައަށް ފަރުވާ ކުރާ ދުނިޔޭގެ މޮޅެތި ޑޮކްޓަރުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރެއްވި ކަމަށެވެ. އެގޮތުން ބޮލުގެ ވަރަށް ކުޑަތަންކޮޅެއް ފަޅާލައިގެން ސިކުނޑީގެ އޮޕަރޭޝަންތައް ކުރެއްވުމަށް ދުނިޔޭގައި ފާހަގަކޮށްލެވޭ އޮސްޓްރޭލިއާގެ ޑޮކްޓަރަކާއި ބަލިމީހާއަށް އެންމެ ރައްކާތެރިގޮތުގައި އޮޕަރޭޝަންތައް ކުރުމަށް ފާހަގަ ކޮށްލެވޭ އެމެރިކާގެ ވާޖިނިއާ މޭސަން ހޮސްޕިޓަލުގެ ތިން ނިއުރޯސާޖަން އާއި އެކަމަށް ހާއްސަ ނަރުހެއް، އެ ބޭފުޅުންގެ އުކުޅުތަކާއި ބޭނުން ކުރައްވާ އާލާތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވި ކަމަށް އަފްއާލް ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޑިއާ އާއި ނޭޕާލާއި ތައިލެންޑްގެ މޮޅެތި ނިއުރޯސާޖަނުން ވެސް މި ކޮންފަރެންސްގައި އެ ބޭފުޅުންގެ ތަޖުރިބާއާ ގުޅޭގޮތުން ސައިންޓިފިކް ޕޭޕަރުތައް ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މި ދާއިރާގެ ވަރަށް ގިނަ މައުލޫމާތުތަކެއް ޑޮކްޓަރުންނާއި ނަރުހުންނަށް ލިބުނު. އަދި މިއީ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް،" އަފްއާލް ވިދާޅުވި އެވެ.

"މީގެ ތަފާތު ޑޮކްޓަރުންގެ ފަރާތުން ދިވެހިންނަށް ފެންނާނެ."

މި ކޮންފަރެންސްގެ ބައެއްގެ ގޮތުން ބޮޑެތި ވޯކްޝޮޕްތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. އެގޮތުން އެންމެ ހިމަ ނާރުގެ އޮޕަރޭޝަންކޮށް ފަހާނެ ގޮތާ ގުޅޭގޮތުންނާއި ސްޓްރޯކާއި ވަކި ވައްތަރެއްގެ އާލާތެއް ބޭނުންކޮށްގެން އޮޕަރޭޝަން ކުރާނެ ގޮތް ވެސް މި ވޯކްޝޮޕްތަކުގައި ވަނީ ދަސްކޮށްދީފަ އެވެ.

އަފްއާލް ވިދާޅުވީ ކޮންފަރެންސްގައި 60 އަށް ވުރެ ގިނަ ސައިންޓިފިކް ޕޭޕަރުތައް ހުށަހެޅި އިރު އޭގައި ޑޮކްޓަރުން ފަރުވާ ދިނުމަށް ބޭނުން ކުރި އުކުޅުތަކާއި އާލާތްތަކާއި އެއިން ނިކުތް ނަތީޖާތައް ހިމަނާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަންކުރުމުގައި ބޭނުން ކުރާނެ އާ އިޖާދުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮންފަރެންސްގެ ބައެއްގެ ގޮތުގައި، އޭޑީކޭގައި ވަނީ ފޭސްބުކުން ލައިވްކޮށް، މައިބަދައިގެ ދެ އޮޕަރޭޝަނެއްކޮށްފަ އެވެ. އޮޕަރޭޝަން ކުރިއަށް ދިޔަ އިރު، ކޮންފަރެންސްގެ ބައެއް ބައިވެރިން، އޮޕަރޭޝަންގެ ޑޮކްޓަރުންނާ ސުވާލުކުރި އެވެ.