19 ސެޕްޓެމްބަރ 2019 - 22:15

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ގޯސްވެ، ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް އުފައްދާ ސުވާލަށް ދެ ބޭފުޅުން މިއަދު ޖަވާބު ދެއްވައިފި އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގާ ގުޅޭ މައުލޫމާތުތަކެއް މަޖިލީހުން އާއްމު ކުރީ ރައީސް އިބްރާހިމް ސޯލިހަށް އެނގިވަޑައިގެނެއް ނޫނެވެ. އެއީ، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަކަށް ވާތީ، ރިޕޯޓުގެ ސިއްރު ހިފަހައްޓަން ރައީސް އެދިވަޑައިގަތުން ބައެއް މީހުން މާނަކުރެއްވީ، ނަޝީދު އަމަލުކުރެއްވި ގޮތުން ރައީސް ހިތްޕުޅު ހަމަޖެހިވަޑައިނުގަތީ ކަމަށެވެ.
އޭގެ ފަހުން، މަޖިލީހާ އެއްވަރަށް ސަރުކާރަށް ބައެއް މަސައްކަތް ނުކުރެވި ލަސް ކަމެއް އުޅޭ ހެން ހީފުޅުވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. މިފަދަ ބައެއް ވާހަކަފުޅު ފާޅުގައި ވިދާޅުވަނީ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައި އޮތުމުން ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ސަރުކާރު ގޯސްކަމަށް ދައްކަވަން ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ "ނަޝީދާ އަޅުގަނޑާ ދެމެދު އެއްވެސް މައްސަލައެއް ނެތް" ކަމަށެވެ. އަދި މައްސަލައެއް އުފެދޭނެ އެއްވެސް ކަމެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"މިއަދު ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން ބައެއް ކަންތައްތަކާ،" ރައީސް ވިދާޅުވި އެވެ.
ދެ ބޭފުޅުންގެ ގުޅުމާ ބެހޭ ގޮތުން ދައްކަނީ، ރައީސް ވިދާޅުވި ގޮތުގައި، އޮޅުވާލައިގެން ހަގީގަތެއް ނެތް ވާހަކަތަކެކެވެ. އާ ގާނޫނުއަސާސީ ވުޖޫދުވި ފަހުން މިހާތަނަށް، މަޖިލީހަށް އެންމެ ބޮޑަށް އެއްބާރުލުން ދިނީ މި ސަރުކާރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ވާހަކަފުޅަށް ބާރު ލިބިދޭ ގޮތަށް ޓުވީޓެއް ކުރައްވައި ނަޝީދު ވަނީ މި ސަރުކާރުގެ ސްޕީޑާ ގުޅޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ތަރުޖަމާ ކޮށްދެއްވައިފަ އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދާއިރާ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ލަސްކަމެއް އުޅޭ ކަމަށް ވިދާޅުވީ ސަރުކާރުގެ ބައެއް އިދާރީ ހިންގުމުގައި ކަމަށެވެ. މަޝްރޫއުތައް ލަސްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވި އެވެ.
"އަދިވެސް ތަކުރާރުކުރަން، މަޝްރޫއުތައް ލަސްކަމަކަށް ނުދެކެން،" ނަޝީދު ވިދާޅުވި އެވެ.