21 ސެޕްޓެމްބަރ 2016 - 14:32

ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރަން މަސައްކަތް ކުރަން އދ. އިން ކަނޑައެޅި ޒުވާން ލީޑަރުންގެ ތެރޭގައި ރާއްޖޭގެ ސަފާތު އަހުމަދު ޒާހިރު ހިމެނިއްޖެ އެވެ.

ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލު ކުރަން މިދިޔަ އަހަރުގެ ނިޔަލަށް ދިން މުއްދަތު ހަމަވުމުން އދ. އިން ވަނީ ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރަން އާ 17 ލަނޑުދަނޑިއެއް ކަނޑައަޅައިފަ އެވެ. ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި ހާސިލު ކުރަން އދ. ގެ މެމްބަރު ގައުމުތަކަށް ދީފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ފަގީރުކަން ނައްތާލުމާއި ޒުވާނުން ބާރުވެރިކުރުވުމާއި ޖިންސީ ތަފާތުކުރުން ނައްތައިލުން ހިމެނެ އެވެ.
ލަނޑުދަނޑިތައް ހާސިލު ކުރަން ކުރާ މަސައްކަތުގައި ބައިވެރިވާން އދ. އިން ވަނީ މިދިޔަ ހޯމަ ދުވަހު 17 ޒުވާނުން ހަމަޖައްސައިފަ އެވެ. އެ މީހުން ކަނޑައެޅީ، އދ. އިން ނެރެފައިވާ ބަޔާނެއްގައި ބުނި ގޮތުގައި، 186 ގައުމަކުން ހުށަހެޅި 18،000 މީހުންގެ މަސައްކަތް ކޮމިޓީއަކުން ބެލުމަށް ފަހު އެވެ.
އިނގިރޭސި ރާނީ ދެއްވާ ކުއީންސް ޔަންގް ލީޑާޒް އެވޯޑު ވެސް މި އަހަރު ކުރީކޮޅު ލިބިފައިވާ ސަފާތުއާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމުރުން 19-30 އަހަރާ ދެމެދުގެ ޒުވާނުން އދ.ގެ ޒުވާން ލީޑަރުންގެ ގޮތުގައި ވަނީ ހޮވައިފަ އެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމުގެ ދާއިރާ އިން ސަފާތު ހޮވާފައި ވާއިރު، ފަގީރުކަން ނައްތައިލަން މަސައްކަތް ކުރާ ފަރާތްތަކާއި އިންސާނީ ހައްގުތައް ކުރިއަރުވާ އެކްޓިވިސްޓުންނާއި ސައެންސްގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން ހިމެނެ އެވެ.
މި ޒުވާން ލީޑަރުން މަސައްކަތް ކުރާނީ، އދ. އިން ބުނި ގޮތުގައި، ޒުވާނުންގެ ކަންކަމަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު އަހުމަދު އަލެންދާވީގެ އޮފީހުގެ ދަށުންނެވެ. އެ ގޮތުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރަން ގައުމުތަކުން ކުރާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެކަމަށް ހިތްވަރު ދޭން އެ ޒުވާނުން އެކި މަސައްކަތްތައް ކުރާނެ ކަމަށް އދ. އިން ބުންޏެވެ.
އދ. އިން ކަނޑައެޅި ޒުވާން ލީޑަރުން އަންނަނީ މިހާރު ކުރިއަށް ގެންދާ އދ.ގެ އާއްމު މަޖިލީހުގައި ބައިވެރިވަމުންނެވެ. އެގޮތުން، އެ މަޖިލީހުގެ ހަވާސާގައި ބާއްވާ އެކި ބައްދަލުވުންތަކާއި ފޯރަމްގައި ސަފާތު ވެސް ވާހަކަދައްކާފައިވެ އެވެ.
އިނގިރޭސި ރާނީގެ އެވޯޑު ސަފާތު އަށް ލިބުނީ އަންހެނުން ބާރުވެރިކުރުވަން މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އޮން ބޯޑްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރެގެން އޭނާ ކުރި މަސައްކަތަށް ބަލައިފަ އެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކުން ފަހަަކށް އައިސް އާއްމުކޮށް ފެންނަ ސަފާތު ވަނީ ވިމެން އޮން ބޯޑު ޖަމިއްޔާ އިން މިހާރު ވަކިވެފަ އެވެ.