ލަސްކަމެއް އުޅެނީ އިދާރީ ހިންގުމުގައި، މަޝްރޫއުތައް ލަހެއް ނޫން: ނަޝީދު
ލަސްކަމެއް އުޅެނީ އިދާރީ ހިންގުމުގައި، މަޝްރޫއުތައް ލަހެއް ނޫން: ނަޝީދު

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އުޅޭ ހެން ހީފުޅުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ހަފުތާގައި ވާހަކަފުޅު ދެއްކެވި ނަމަވެސް މަޝްރޫއުތައް ލަސްނޫން ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަސްކަމެއް އުޅޭކަމަށް ވިދާޅުވީ ސަރުކާރުގެ ބައެއް އިދާރީ ހިންގުމުގައި ކަމަށެވެ. އަދި މަޝްރޫއުތައް ލަސްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދާއިރާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވެފައި ވަނީ ފަރުވާ ކުޑަވުމާއި އަޅައި ނުލެވުން ފަދަ ކަންތައްތައް ވެސް ސަރުކާރުގައި އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ސަރުކާރުގެ ސްޕީޑް ތަންކޮޅެއް ބާރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދިވެސް ތަކުރާރުކުރަން، މަޝްރޫއުތައް ލަސްކަމަކަށް ނުދެކެން،" ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އުޅޭ ހެން ހީފުޅުވާ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުމާ އިދިކޮޅަށް ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދާލެއް ލަސްކަމަށް ބުނެ މީހުން ދައްކާ ވާހަކަތަކަށް މީގެ ކުރިން އެ މަނިކުފާނު ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން ވިދާޅުވަމުން ގެންދެވީ ކޮންމެ ސަރުކާރެއްގެ ވެސް މަސައްކަތްތައް ފެންނަން ފަށަނީ ދެވަނަ އަހަރު ކަމަށެވެ. މި ސަރުކާރުން ވެސް މިހާރު ގިނަ މަސަައްކަތްތަކެއް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.

ނަޝީދު މިއަދު ވަނީ، ފުލުހުން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ލަސް ކަމަށް ވިދާޅުވެ ފާޑު ކިޔުއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ޖަލުގައި އީވާން ނަސީމް މަރާލުމުގެ ހާދިސާއަށް މިއަދު 15 އަހަރު ވީއިރު، ފުލުހުން އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ލަހުން ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ފުލުހުން އިސްލާހު ކުރުމުގެ މަސައްކަތް އަވަސްކުރަން ނަޝީދު މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ ގޮވާލައްވައިފަ އެވެ.