28 އޮކްޓޯބަރ 2019 - 11:34

ވޮޝިންޓަން (އޮކްޓޯބަރު 28) - އެ ހަމަލާ ފެށީ ދުޝްމަނުންގެ ބާރުގެ ދަށުގައިވާ ސަރަހައްދެއްގައި ކަނު އަަނދިރީގައި ވަރަށް ތިރިން ދަތުރުކޮށްފައި ދިޔަ އެމެރިކާގެ އަށް ހެލިކޮޕްޓަރާ އެކު އެވެ. ހަމަލާ އަށް ހޭދަވީ ދެ ގަޑިއިރެވެ. ހަމަލާ ނިމިގެން ދިޔައީ އެމެރިކާ އިން ބުނާ ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓަށް ގޮތް ހުސްވެ އަމިއްލަ އަށް މަރުވުމުންނެވެ.

އެ ހުރިހާ މަންޒަރެއް ދިޔައީ އެތައް ހާސް މޭލެއްގެ ދުރުން ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބް ރައީސް މައިކް ޕެންސާއި ސަލާމަތީ އިސް އޮފިޝަލުން ވަގުތުން ބައްްލަވަމުންނެވެ. އަލް ގައިދާ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިން މަރާލަން 2011 ގައި އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ދިން ހަމަލާގެ މަންޒަރުތައް ވެސް އޭރުގެ ރައީސް ބަރަކް އޮބާމާ ގެންދެވީ ވަގުތުން ބައްލަވަމުންނެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބަޣުދާދީ އަށް ފާރަލާތާ ހަފުތާތަކެއް ވެއްޖެ ކަމަށެވެ. ބަޣުދާދީގެ ހަރަކާތްތައް ހުރި ގޮތުން މީގެ ކުރިން ވަނީ ތިން ހަމަލާއެއް ކެންސަލްކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ބަޣުދާދީ ހުރި ތަނެއް ޔަގީންވުމާ އެކު އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހޮނިހިރު ދުވަހުގެ ރޭ ވަނީ އޮޕަރޭޝަން ފަށައިފަ އެވެ.

ތުރުކީގެ އިންޓަލިޖެންސް އޮފިޝަލަކު ވިދާޅުވީ ހަމަލާ ދިން ސަރަހައްދަށް ބަޣުދާދީ ދިޔައީ އެ ހަމަލާގެ 48 ގަޑިއިރު ކުރިން ކަމަށެވެ.

"ބޮޑު ގްރޫޕެއް އޮޕަރޭޝަނުގައި ބައިވެރިވި. އަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓާއި މަނަވަރުތައް ވެސް،" ޓްރަމްޕް ވިދާޅުވި އެވެ.
ތުރުކީގެ ބޯޑަރާ ކައިރީގައި އޮންނަ ސީރިއާގެ އިދްލީބް ޕްރޮވިންސްގެ ފަރުބަދަ މަތީގެ އަވަށެއް ކަމަށްވާ ބަރިޝާ އަށް ހެލިކޮޕްޓަރުތައް ދިޔައީ އެއްގަޑިއިރާ 10 މިނިޓުގެ ދަތުރަކަަށް ފަހު އެވެ.
"ހެލިކޮޕްޓަރުތައް ދަތުރުކުރީ ވަރަށް ވަރަށް ތިރިން. އެއީ މިޝަންގެ ވަރަށް ނުރައްކާތެރި ބައެއް. ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު،" ޓްރަމްޕް ވިދާޅުވި އެވެ.
ޓާގެޓަށް ހެލިކޮޕްޓަރުތައް ތިރިކުރުމަށް ފަހު ސްޕެޝަލް ފޯސަސްގެ ސިފައިން ވަނީ ބަޣުދާދީ ހުރި ކަމަށް ބެލެވޭ އިމާރާތުގެ ފާތުތައް ފޫއަޅުވާލައިގެން ވަދެފަ އެވެ. އިމާރާތަށް ވަންނަ ދޮރުތައް ބޭނުން ނުކުރީ ދަންތުރަތައް ހުރެދާނެތީ އެވެ.
ޓްރަމްޕް ވިދާޅުވީ އިމާރާތަށް ވަން އިރު ހަމަލާތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެމެރިކާ ސިފައިންގެ ރައްދު ހަމަލާގައި ބަޣުދާދީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މަރުވި ކަމަށެވެ. ކޮމާންޑަރުން ވަނީ އިމާރާތުން 11 ކުދިން ސަލާމަތްކޮށްފަ އެވެ. ބަޣުދާދީގެ ދެ އަނބިން ވަނީ ހަމަލާގައި މަރުވެފަ އެވެ.
ޓްރަމްޕް ވިދާޅުވީ ދެން ލިބިވަޑައިގެންނެވީ އެންމެ މުހިންމު މައުލޫމާތު ކަމަށެވެ. އިމާރާތުގައި ހުރީ އެންމެ މީހެއް ކަމަށާއި އެ މީހާ ވަނީ ކޮޅު ބެދިފައިވާ މަގަކުން ފިލަން ދުވަން ނުކުމެފައި ކަމަށް ސްޕެޝަލް ފޯސަސް އިން އެންގި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ؛ އެއީ ބަޣުދާދީ އެވެ.
އެ ސަރަހައްދުގައި ޓަނަލް ހުންނާނެ ކަމަށާއި އަމިއްލަ އަށް މަރުވުމަށް ގޮވާ ތަކެތީގެ ބެލްޓެއް ބަޣުދާދީ އަޅައިގެން ހުންނާނެ ކަމަށް ކުރިން ލަފާކޮށް އެމެރިކާ ސިފައިން ތިބީ ރޮބަޓް ބޭނުން ކުރަން ވެސް ތައްޔާރުވެގެންނެވެ.
ޓްރަމްޕް ވިދާޅުވީ ޓަނަލް ތެރޭން ފިލަން ބަޣުދާދީ ދުވީ ތިން ދަރިން ވެސް ގޮވައިގެން ކަމަށެވެ. ބަޣުދާދީ ފަހާ ދުވަން ޓަނަލް ތެރެއަށް އެމެރިކާ ސިފައިން ދޫކޮށްލީ ކުއްތާ އެވެ.
"ޓަނަލްގެ ކޮޅަށް ދިއުމުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތުމުން ބަޣުދާދީ ވަނީ އަމިއްލަ އަށް ގޮއްވާލާފައި. ބަޣުދާދީއާ އެކު އޭނާގެ ތިން ދަރިން ވެސް ވަނީ މަރުވެފައި،" ޓްރަމްޕް ވިދާޅުވި އެވެ. "އޭނާ މަރުވީ ބަތަލެއްގެ ގޮތަކަށް ނޫން. އޭނާ މަރުވީ ބޮޑު ފިނޑިއެއްގެ ގޮތަށް ރޮމުން ހަޅޭއްލަވަމުން."
ޓްރަމްޕް ވިދާޅުވީ އެމެރިކާ ސިފައިން ވަނީ ބަޣުދާދީގެ ސާމްޕަލް ނަގައި ޑީއެންއޭ ޓެސްޓުން އެއީ ބަޣުދާދީކަން ޔަގީންކޮށްފައި ކަމަށެވެ.
"އެމެރިކާ ސިފައިން އެ ތަނުގައި ހޭދަކުރީ ދެ ގަޑިއިރު. ވިސްނާ، އަހަރެމެންގެ ތެރޭން އެކަކަށް ވެސް ގެއްލުމެއް ނުލިބޭ. އަނިޔާވީ އެންމެ ކުއްތާ އަކަށް އެކަނި،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް އޯބްރިއަން ވިދާޅުވީ ބަޣުދާދީގެ ހަށިގަނޑުގެ ބައިތަކާ މެދު ކަންތައް ކުރާނީ ބިން ލާދިންގެ ހަށިގަނޑާ މެދު ވެސް ކަންކުރި ގޮތަށް ކަމަށެވެ. ބިން ލާދިންގެ ހަށިގަނޑު ވަނީ ކަނޑު ފައްތައިފަ އެވެ.