19 ސެޕްޓެމްބަރ 2019 - 13:19

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރާ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
އެ މައްސަލާގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގައި، ނިމިފައި ވާއިރު ދެން އޮންނާނީ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ.
އޭގެފަހުގައި ހެއްކާ ބެހޭގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު، ޚުލާސާ ބަޔާން ހުށަހަޅައި، އޭގެފަހުން އަޑުއެހުންތައް ނިންމާލާނެ އެވެ.