19 ސެޕްޓެމްބަރ 2019 - 15:07

އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭނުންކުރި ސްޓޭޝަނަރީތަކެއް އެޑިއުކޭޝަން މިނިސްޓްރީއަށް މިއަދު ހަދިޔާކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި އެ މިނިސްޓްރީއާ ހަދިޔާކޮށްދެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފެވެ. މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
އީސީގެ އެސިސްޓަންޓް ޑިރެކްޓަރު ފާތިމަތު ސައުޝަން ވިދާޅުވީ އެޑިއުކޭޝަނަށް ހަދިޔާކުރީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ކޮމިޝަނުން ބޭނުންކުރި ސްޓޭޝަނަރީތައް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އިންތިހާބުތަކުގައި ބޭނުންކުރި ސްޓޭޝަނަރީތައް ނައްތާލަނީ އެވެ. އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީއަށް ހަދިޔާކުރުމުން އެތަކެތި އަލުން ބޭނުންކުރަން ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަނުން ހަވާލުކުރި ތަކެތީގެ ތެރޭގައި ފަންސުރާއި ގަލަމާއި ފަތިގަނޑު ފަދަ ތަކެތި ހިމެނެ އެވެ.