20 ސެޕްޓެމްބަރ 2019 - 08:14

ބަރުދަން ލުއިކުރަން ބޭނުން ކުރާ ތަކެއްޗާއި ކޮސްމެޓިކް ޕްރޮސީޖާތަކަށް ބޭނުންކުރާ އެއްޗެހި އިންސްޓަގްރާމްގައި މިހާރު ޕްރޮމޯޓްކުރި ނަމަވެސް އެކަން ކޮންޓްރޯލްކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން އިންސްޓަގްރާމުން ނިންމައިފި އެވެ.
ފޭސްބުކްގެ ދަށުން ހިންގާ ޕްލެޓްފޯމުން ބުދަ ދުވަހު ބުނީ ޑައެޓްކުރަން ބޭނުންކުރާ ތަކެއްޗާއި ކޮސްމެޓިކް ސާޖަރީ ފަދަ ކަންކަމަށް ބޭނުންކުރާ އެއްޗެހި އިންސްޓަގްރާމްގައި އިޝްތިހާރުކުރަން މިހާރު އޮތް ފުރުސަތު ހަނިކުރަން ފަށާފައިވާ ކަމަށެވެ. އަދި މި ބަދަލަކީ އެފަދަ ކަންކަމާ ގުޅިގެން އާންމުވަމުންދާ ނޭދެވޭ ކަންކަމުން އިންސްޓަގްރާމްގެ އަހުލުވެރިން ސަލާމަތްކޮށް، އެ ޕްލެޓްފޯމަކީ "ޕޮޒިޓިވިޓީ" އަށް ހިތްވަރު ލިބޭ އެއްޗަކަށް ހެދުން ކަމަށް ބުންޏެވެ.
އިންސްޓަގްރާމުން އަލަށް އެކުލަވާލައިފައިވާ ސިޔާސަތުގެ ދަށުން އަންނަނީ މިކަހަލަ ބައެއް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އިންސްޓަގްރާމްގައި ބުލީކުރުން ހުއްޓުވަން ވެސް ދާދި ފަހުން ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. މިއީ ނަފުސާނީ މައްސަލަތަކުން މީހުން ރައްކާތެރިކުރަން އެޅި ފިޔަވަޅެކެވެ.
އިންސްޓަގްރާމުން ބުނި ގޮތުގައި ޑައިޓާއި ކޮސްޓެމެޓިކް ސާޖަރީ އަށް ބޭނުންކުރާ އެއްޗެހީގެ މުއާމަލާތްތައް ކުރިއަށް އޮތް ތަނުގައި އެ ޕްލެޓްފޯމް މެދުވެރިކޮށް 18 އަހަރުން ދަށުގެ މީހުންނަކަށް ނުކުރެވޭނެ އެވެ. އެގޮތުން އެފަދަ ޕޯސްޓްތައް ވެސް އެ އުމުރުފުރާ އިން ދަށުގެ މީހުންނަށް ޕޯސްޓްކޮށް އަދި އެހެން މީހުން ޕޯސްޓްކުރާ އެއްޗެހި ބަލައިނުލެވޭ ގޮތަށް ހަދާނެ ކަމަށް ބުންޏެވެ. މިއީ "ބޮޑީ ޝޭމިން" ފަދަ މައްސަލަތަކާ ދެކޮޅަށް އިންސްޓަގްރާމުން އަޅާ ފިޔަވަޅެކެވެ.
"އަހަރެމެން އަންނަނީ މިކަމާ ގުޅޭ ގޮތުން ކަމުގެ ތަޖުރިބާކާރުންނާ އެކު މަސައްކަތްތަކެއް ކުރަމުން،" އިންސްޓަގްރާމްގެ ޕަބްލިކް ޕޮލިސީ މެނޭޖަރު އެމާ ކޮލިންސް ވިދާޅުވި އެވެ.