ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުގެ އަޒުމް ވަރުގަދަ: މޫސަ
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުގެ އަޒުމް ވަރުގަދަ: މޫސަ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި މި ސަރުކާރުގެ އަޒުމް ވަރުގަދަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެކަމަށް ހާއްސަ ޓާސްކް ފޯހެއް ވަނީ އުފައްދައިފަ އެވެ. އަދި ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުން އިއްޔެ އިން ފެށިގެން އެއް އަހަރު ދުވަހަށް މަނާ ކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ފެށީ ބިދޭސީން ދައްކާހާ ބިރަކަށް ފަހަތަށް ނުޖެހޭނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ، އިސްތިއުފާ ދެއްވަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުންނެވީ ތައްޔާރަށެވެ.

މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަނަފީ އާއި ފައްޔާޒްގެ ވާހަކަތަކުން ވެސް މިކަމުގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމަށާއި ރައްޔިތުން މިކަމުގައި ހައްލެއް ބޭނުންވާ ކަމަށެވެ.

"ގަސްދުގައި ދިވެހި ކުންފުނިތަކަށް ލަނޑު ދީފައި މުސާރަ އަތަށް އަރާ ދުވަހު ފަޅު ރަށްރަށަށް ފިލައިގެން ގޮސް ބޮޑު މުސާރަ އަށް މަސައްކަތް ކުރި ބަންގާޅީން، އަޅުން އެ މީހުން ބޭނުން ތަނެއްގައި މަސައްކަތް ކުރަން ހުއްދަ ދިނުމަކީ ހައްލެއް ނޫން. އެ މީހުންނަށް ފުރުސަތު ދިން ބަޔަކަށް ވެސް އަދަބު ލިބެން ޖެހޭނެ،" ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ކަން ކުރިން ކުރެއްވި މޫސަ ވިދާޅުވި އެވެ.

މޫސަ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުދިންނަށް އަލުން ފަރުވާދޭ ހެން ރާއްޖޭގެ ބަންގާޅީން ހެއްދެވިހާ ނުބައި ކަންކަން ކޮށް ދިވެހި ވިޔަފާރިތައް ފުނޑާލީމަ، އަނބުރާ ގަވައިދު ތެރެއަށް އެ މީހުން ވެއްދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ކުދި ކުދި ކުންފުނިތަކުން މަސައްކަތްތައް ކުރަން ރާއްޖެ ގެނައި ގިނަ ބަންގްލަދޭޝް މީހުން އެ ކުންފުނިތަކަށް ފިލައިގެން ރާއްޖޭގެ ބޭރުގެ މަހުޖަނުން ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްގައި ފާޅުގަ އެބަ އުޅޭ އޭގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުން ބާކީވީ؟ އެފަދަ މީހުންނަށް އެހެން އުޅެން ހުއްދަ ދޭންވީ،؟" މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ދިވެހި ގައުމު މިހިސާބަށް ގެނެސް، އިގްތިސާދު ފުޅާ ކުރީ ދިވެހިން ކަމަށްވީ އިރު، މިއަދު ބޭރުގެ ބޮޑެތި ކުންފުނިތަކުން މަޝްރޫއުތައް ބޭރު މީހުން ބޭނުންކޮށްގެން ހިންގުވާފައި ހުރިހާ ފައިދާއެއް ނަގައިގެން ބޭރަށް ގެންދާ އިރު، ކުދި ދިވެހި ކުންފުނިތަކަށް ވެސް ފުރުސަތު އޮންނަން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.

ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ރާއްޖެ އަށް ބިދޭސީން ގެނެސް ގާނޫނާއި ގަވައިދާ ހިލާފް ކަންކަން ފުޅާ ދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތަށް މިދިޔަ ހަފުތާގައި ބަންގްލާދޭޝް ދެ މީހަކު ވަނީ ޑީޕޯޓްކޮށްފަ އެވެ.