19 ސެޕްޓެމްބަރ 2019 - 11:00

ރިޔާޒް (ސެޕްޓެމްބަރު 19) - ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ދެ ޕްލާންޓަށް ދިން ހަމަލާގައި ބޭނުންކުރި ޑްރޯންގެ ބައިތަކުން އެނގޭ ގޮތުގައި އެކަމުގައި އީރާނުގެ ބައިވެރިވުން އޮތް ކަމަށް ސައުދީ އަރަބިއާ އިން އިއްޔެ ބުނެފި އެވެ.

ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓްރީން ބުނީ 18 ޑްރޯނާއި ހަތް ކްރޫޒް މިސައިލް ފޮނުވާލި ކަމަށެވެ. އަދި ހަމަލާތައް އައި ދިމާލަށް ބަލާއިރު އެއީ ޔަމަނުގެ ހޫތީން ދިން ހަމަލާއެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ހޫތީން ވަނީ ހަމަލާ ދިން ކަމަށް އެއްބަސްވެފަ އެވެ.

ސައުދީ އަށް ދިން ހަމަލާގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އީރާނުން ބުނެފައިވެ އެވެ. އަދި އީރާނަށް އަމާޒުކުރާ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރޯން އާއި މިސައިލްގެ ބައިތައް ވަނީ ދައްކާލައިފަ އެވެ. ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ކާނަލް ތުރްކީ އަލް މަލްކީ ވިދާޅުވީ ހަމަލާތައް އައިސްފައި ވަނީ އުތުރުން ކަމަށެވެ. އަދި އެއީ ސުވާލެއް ނެތް ގޮތެއްގައި އީރާނުގެ ބައިވެރިވުން އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކާނަލް މަލްކީ ވިދާޅުވީ ހަމަލާތައް ފޮނުވާލި ސީދާ ޕޮއިންޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަލްކީ ވިދާޅުވީ ޑްރޯންގެ ބައިތަކުން އެއީ އީރާނުގެ ޔޫއޭވީ (އަންމޭންޑް އޭރިއަލް ވެހިކަލް) ގެ ބައެއްކަން އެނގޭ ކަމަށެވެ.
"ކޮމްޕިއުޓާ ޑޭޓާ އިން އެނގޭ ގޮތުގައި އެއީ އީރާނުގެ އެއްޗެއް،" މަލްކީ ވިދާޅުވި އެވެ.
މަލްކީ ވިދާޅުވީ އަބްގައިގުގެ ތެޔޮ ޕްލާންޓަށް 18 ޑްރޯން ހަމަލާ ދިން ކަމަށެވެ. ޚުރައިސްގެ ތެޔޮ ޕްލާންޓަށް ހަތަރު ކްރޫޒް މިސައިލް ހަމަލާ ދިން އިރު އަބްގައިގަށް ފޮނުވާލި ތިން މިސައިލް އަމާޒަށް ވާސިލްވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަލްކީ ވިދާޅުވީ ޚުރައިސް އަށް ދިން ކްރޫޒް މިސައިލް އިން އެނގޭ ގޮތުގައި އެއީ ހޫތީންގެ ގާބިލްކަމަށް ވުރެ މާ މަތީ އެއްޗެއް ކަމަށެވެ.