20 ސެޕްޓެމްބަރ 2019 - 08:16

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އާމިރު ޚާންގެ އާ ފިލްމު "ލާލު ސިންގް ޗައްޑާ" އިންޑިއާގެ 100 ލޮކޭޝަނެއްގައި ޝޫޓްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ލޮކޭޝަން ހަންޓް ކުރުމުގެ މަސައްކަތް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. ފިލްމު ޝޫޓްކުރާނެ ތަންތަނުގެ ތެރޭގައި މުމްބާއީ، ނިއު ދިއްލީ، ގުޖްރާތު، ކަލްކަތާ، ބެންގަލޫރް އަދި ހައިދަރުއާބާދު ފަދަ ބޮޑެތި ސިޓީތައް ހިމެނެ އެވެ.
"ލާލު ސިންގް ޗައްޑާ" އަކީ 1994 ގައި ޓޮމް ހޭންކްސް ކުޅުނު ކާމިޔާބު ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާއަކީ 2017 ގައި ރިލީޒްކުރި އާމިރުގެ "ސީކްރެޓް ސްޕަސްޓާ" ގެސް ޑައިރެކްޓަރެވެ.
"ލާލު ސިންގް ޗައްޑާ" ގައި އާމިރުގެ ވަރަށް ޅަ އުމުރުން ފެށިގެން 50 އަހަރުގެ މުއްދަތެއް ދައްކުވައި ދޭނެ އެވެ. އަދި މި ފިލްމަށް އޭނާ ވަނީ ބަރުދަނުން 20 ވަރަކަށް ކިލޯ ލުއި ވެސްކޮށްފަ އެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލިޒްކުރާ "ލާލު ސިންގް ޗައްޑާ" ގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ.