ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "މޭޑް އިން ޗައިނާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ މި ފިލްމަކީ މިޙިލް މުސާލާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ރާޖްކުމާރު ރާއޯ، މޯނީ ރޯއި، ބޮމަން އިރާނީ، އަމީރާ ދާސްތޫރް، ސުމީތު ވިއާސް އަދި ގަޖްރާޖް ރާއޯ އެވެ.

މި އަހަރު ސިނަމާތަކަށް އަންނާނެ އެންމެ ތަފާތު އެއް ކޮމެޑީ އަށް ވާނެ ކަމަށް ބެލެވޭ "މޭޑް އިން ޗައިނާ" ރިލީޒްކުރާ ދުވަހު ހަމަ ވަރުގަދަ އެހެން ކޮމެޑީ ފިލްމެއް ވެސް ރިލީޒްކުރާނެ އެވެ. އެއީ އަކްޝޭ ކުމާރުގެ "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ.

މީގެ އިތުރުން އަންނަ މަހުގެ 20 ގައި ބައޮގްރަފިކަލް ޑްރާމާއެއް ވެސް ރިލީޒްކުރާނެ އެވެ. އެއީ ދުނިޔޭގެ އެންމެ ދުވަސްވީ އިންޑިއާގެ އަންހެން ދެ ޝޫޓަރުން ކަމަށްވާ ޗަންދުރޫ އާއި ޕްރަކާޝީ ތޯމަރުގެ ވާހަކަ ކިޔައިދޭ "ސާންޑް ކީ އާންކް" އެވެ.

އެ ފިލްމުގެ ތަރިންނަކީ ތާޕްސީ ޕައްނޫ އާއި ބޫމީ ޕެޑްނޭކަރެވެ.

އަންނަ މަހުގެ 2 ގައި ރިލީޒް ކުރާ ތެލެގޫ ބައޮގްރަފިކަލް ޑްރާމާ "ސިއެރާ ނަރުސިމްހާ ރެޑީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މީގެ ހިންދީ ވާޝަން ބެލުންތެރިންނަށް ގެނެސް ދިނުމުގެ މަސައްކަތާ ފަރުހާން އަހްތަރާއި ރިތޭޝް ސިދްވާނީ ފިލްމު ކުންފުނި އެކްސެލް އެންޓައިންމަންޓުން ހަވާލުވެފައިވާ އިރު، ފިލްމުގެ މުހިއްމު ރޯލަކުން އަމީތާބް ބައްޗަން ވެސް ފެނިގެން ދާނެ އެވެ.

"ސިއެރާ ނަރުސިމްހާ ރެޑީ" އަކީ "ބާހްބަލީ" އަށް ފަހު އިންޑިއާގެ ސިނަމާތަކަށް އަންނަ ވަރަށް ވެސް ވަރުގަދަ ފިލްމެކެވެ. އަދި މިއީ 270 ކްރޯޑް ރުޕީސް (38 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ބިޔަ ފިލްމެކެވެ.

"ސިއެރާ ނަރިސުމްހާ ރެޑީ" ގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ ޗިރަންޖީވީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަނުޝްކާ ޝެޓީ، ވިޖޭ ސެތުޕަތީ، ނަޔަންތަރާ، ސުދީޕް އަދި ޖަގަޕަތީ ބާބޫ ފަދަ ސައުތުގެ ނުފޫޒު ގަދަ ތަރިން ހިމެނެ އެވެ.

ސުރެންދުރަ ރެޑީ ޑައިރެކްޓްކޮށްފައިވާ "ސިއެރާ ނަރުސިމްހާ ރެޑީ" އިންޑިއާ އަށް އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމުގެ 30 އަހަރު ކުރިން މިނިވަން ކަމަށް މަސައްކަތްކުރި އުއްޔަލަވާޅާ ނަރުސިމްހާ ރެޑީ އިނގިރޭސިންނާ ދެކޮޅަށް ކުރި މަސައްކަތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި މަހުގެ 6 ގައި ރިލީޒްކުރި ނިތޭޝް ތިވާރީގެ ފިލްމު "ޗިޗޯރޭ" އަށް ވެސް އިންޑިއާ އިން ލިބުނު އާމްދަނީ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ފަހަނައަޅައިފި އެވެ.

ރިލީޒްކުރިތާ ކުރީކޮޅު މި ފިލްމުގެ ވިޔަފާރި އުންމީދުކުރި ވަރަށް ވުރެ ވަނދުކޮށް ދިޔަ ނަމަވެސް، ފަހުން ވަނީ ވިޔަފާރި ރަނގަޅުވާން ފަށައިފަ އެވެ. "ޗިޗޯރޭ" އަކީ 2016 ގައި ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި އާމިރު ޚާންގެ "ޑަންގަލް" އަށް ފަހު ނިތޭޝް ގެނެސްދިން ފުރަތަމަ ފިލްމެވެ.

މި ފިލްމަށް އިންޑިއާ އިން ލިބުނު އާމްދަނީ 14 މިލިއަން ޑޮލަރު ފަހަނަޅައި ދިޔައީ އަންގާރަ ދުވަހު އެވެ. އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކު ބުރާސްފަތި ދުވަހާ ހަމަ އަށް "ޗިޗޯރޭ" އަށް ވަނީ 143.56 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) ލިބިފަ އެވެ. ފިލްމު ހަދާފައި ވަނީ 50 ކްރޯޑް (7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

އެކީގައި ކިޔެވި ބައެއްގެ އެހާރާއި މިހާރުގެ ވާހަކައެއް ކިޔައިދޭ "ޗިޗޯރް" ގެ ލީޑް ރޯލް ކުޅެފައި ވަނީ ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރަދާ ކަޕޫރެވެ.

ޖޫން މަހު ރިލީޒްކުރި ޝާހިދު ކަޕޫރްގެ ކާމިޔާބު ފިލްމު "އަރުޖުން ރެޑީ" ބަލައިނުލެވުނު މީހުންނަށް މިހާރު މިއޮތީ ރަނުގެ ފުރުސަތެކެވެ. ޓީ ސީރީޒުން ގެނެސްދިން ފިލްމު މި މަހުގެ 19 އިން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"ކަބީރު ސިންގް" އަކީ 2017 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ. މި ދެ ފިލްމު ވެސް ޑައިރެކްޓްކުރީ ސަންދީޕް ރެޑީ ވަންގާ އެވެ.

ޝާހިދާ އެކު "ކަބީރު ސިންގް" ގައި ބަތަލާގެ ރޯލް ކުޅުނީ ކިއާރާ އަދުވާނީ އެވެ. ޖުމްލަ 60 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 372.30 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.