ދަ ގްރާންޑޭ ބަލިކޮށް މާޒިޔާ އެއް ވަނައިގައި ހަމަޖެހިލައިފި
ދަ ގްރާންޑޭ ބަލިކޮށް މާޒިޔާ އެއް ވަނައިގައި ހަމަޖެހިލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ މާޒިޔާ ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

މިރޭގެ މޮޅާ އެކު މާޒިޔާ އަށް ފުރަތަމަ ބުރުގައި އެއް ވަނަ ޔަގީންވީ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް އަށް މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ދެ ވަނައިގައި އޮތީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ އެއްވަރުވި އީގަލްސް އެވެ. ދެ ވަނައިގައި އޮތް އީގަލްސް އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އީގަލްސް އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

މާޒިޔާ އިން މި މެޗު ފެށީ ޓީމުގެ މެދުތެރޭގައި މުހައްމަދު އިރުފާން (އިރޭ) ހިމަނައިގެންނެވެ. އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުރިން މެޗުތަކުގައި ކުޅެމުން ހަމްޒާ މުހައްމަދު (ހަމްޕު) ފެށީ ބެންޗުންނެވެ.

މެޗު ފަށައިގެން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ދަ ގްރާންޑޭ އިންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބު (މުލަކޭ) ނެގި ކޯނަރަކުން އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ބާބަކާރު ބޮލުން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ، ނާއިޒު ހަސަން (ދާދު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ގިނަ ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ކޯނޭ ޖެހި ބޯޅައެއް ގޯލުގެ ރޮނގުމަތިން ދަ ގްރާންޑޭގެ ޑިފެންޑަރުން ސަލާމަތްކުރިއިރު، ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ މާޒިޔާގެ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

މާޒިޔާ އިން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ދާދު ނެގި ކޯނަރަކުން އިރޭ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ލަނޑު ޖަހަން މާޒިޔާއިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 58 ވަނަ މިނިޓްގަ އެވެ. އަސަދުﷲ ހުސްކޮށްލާފައި ދިން ބޯޅަ ފޭދޫ އިއްބެ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ދިހަ މިނިޓް ފަހުން މާޒިޔާގެ ލީޑުފުޅާކޮށްދިނީ އަމްދާން އަލީ (އެންޑީ) އެވެ. ކޯނަރަކުން ދާދު އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ އެންޑީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭނާ ގޯލަށް ބޯޅަ ފޮނުވާލިއިރު، ހުރީ ހުސްކޮށެވެ.

ދަ ގްރާންޑޭ އިން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން މަސައްކަތްކުރަމުން ދަނިކޮށް މެޗުގެ 85 ވަނަ މިނިޓްގައި މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ހަމްޕު އެވެ. އޭރިއާތެރެއިން އަސަދުﷲ ބޮލުން ޖައްސާލި ބޯޅަ ހަމްޕު ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.