19 ސެޕްޓެމްބަރ 2019 - 07:26

ޖެހުނުހާ ތަނަކަށް ކުޅުޖެހުމަކީ ބައެއް ގައުމުތަކުން އާންމުކޮށް ފެންނަ ކަމެކެވެ. އަދި މިއީ އެ ގައުމުއްގެ ސާފުތާހިރުކަމާއި މީސްމީހުން ތަހުޒީބުވެފައިވާ މިންވަރު ވެސް ދައްކުވައިދޭ ކަމެކެވެ. ޖެހުނުތާ ތަނަކަށް ކުޅުމަކީ ސިއްހީ ގޮތުން ވެސް ރައްކާތެރި ކަމެއް ނޫނެވެ.
އެހެންވެ މިއީ ގާނޫނާއި ގަވައިދުގެ ތެރެއިން ބައެއް ގައުމުތަކުން އެދެވޭ ހައްލުތަކެއް ހޯދާފައިވާ މައްސަލަކައެކެވެ. މިސާލަކަށް ސިންގަޕޫރު ނެގިދާނެ އެވެ. މިއީ މަގުމައްޗަށް ކުނިއެޅުމާއި ކުޅުންޖެހުން ފަދަ ނާތަހުޒީބު ކަންކަން އެއްގޮތަށް ވެސް ނެތް ގައުމެކޭ ބުނެވިދާނެ އެވެ.
ކުޅުން ޖެހުމާ ދެކޮޅަށް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާ އިރު ވެސް ސިންގަޕޫރު އުޅެނީ ގަވައިދު ތަންފީޒުކުރުމުގައި އެންމެ ކުރީގަ އެވެ. އަދި މިއީ ބޮޑު އަދަބެއް ލިބޭނެ ކަމެކެވެ. އެގޮތުން އެ ގައުމުގައި މައްޗަށް ކުޅު ޖަހާ މީހުން 1،000 ސިންގަޕޫރް ޑޮލަރު (728.40 ޑޮލަރު) އިން ޖޫރިމަނާކުރާނެ އެވެ.
ދެން ބައެއް އެހެން ގައުމުތަކުގައި މި ހާލަތު އޮތްގޮތެއް ބަލައިލަމާ ހިނގާށެވެ.
ޕާކިސްތާނާއި ބަންގަލަދޭޝް އާއި ނޭޕާލް ފަދަ ގައުމުތަކުގައި އާންމު ތަންތަނަށް ކުޅު ޖެހުމަކީ މަނާކަމެއް ނޫނެވެ. އެހެމްވީމާ އެ ގައުމުތަކުގެ މީހުން ޖެހުނުހާ ތަނަކަށް ކުޅުޖަހަންވީ އެވެ. އޭގެ ސަބަބުން އެހެން މީހުންނަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނޯވެ އެވެ.
އިންޑިއާ އަށް ބަލާ ނަމަ އާންމު ތަންތަނަށް ކުޅުޖެހުމަކީ އެ ގައުމުގައި އަދަބު ކަނޑައެޅިފައިވާ ކަމެކެވެ. އެކަމަކު އެއީ އެންމެ ދެ ސިޓީގަ އެވެ. އެއީ މުމްބާއީ އާއި ޕޫނޭގަ އެވެ. އެ ސިޓީތަކުގެ އާންމު ތަންތަނަށް ކުޅު ޖަހާ މީހުން 150 ރުޕީސް (2.11 ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކުޅު ޖެހިމީހަކު އެތަނެއް ސާފު ވެސް ކުރަން ޖެހޭނެ އެވެ.
މެލޭޝިއާގެ ކުއާލާ ލަމްޕޫރްގައި ކުޅުޖަހާ މީހުން 2،000 މެލޭޝިއަން ރިންގިޓް (478.29 ޑޮލަރު) އިން ޖޫރިނަމާކުރާ އިރު، ޓައިވާންގެ ޓައިޕޭ ސިޓީގައި އޮތް އަދަބަކީ 6،000 ޓައިވާން ނިއު ޑޮލަރު (193.89 ޑޮލަރު) އިން ޖޫރިމަނާކުރުމާ އެކު ސޯޝަލް ސާވިސްގެ ދަށުން މަގުމަތި ސާފުކުރުމެވެ.
ޔޫރަޕްގެ އެންމެ ތަރައްގީވެފައިވާ އެއް ގައުމު ކަމަށްވާ އިނގިރޭސިލާތުގެ އެންފީލްޑްގައި ކުޅުޖަހާ މީހުންނަށް އޮތް އަދަބަކީ 500 ޕައުންޑް (623.92 ޑޮލަރު) އިން ޖޫރިމަނާކުރުމެވެ. އަދި އެމެރިކާގައި އޮތް އަދަބަކީ 400 ޑޮލަރުގެ ޖޫރިމަނާއެކެވެ.
އޭޝިއާގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ބަލާ އިރު ޖަޕާންގެ އާންމު ތަންތަނަށް ކުޅުޖަހާ ނަމަ އަދަބަކީ 10،000 ޔެން (92.44 ޑޮލަރު) އިން ޖޫރިމަނާ ކުރުމާ އެކު، މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގެ ދެ ސިޓީއެއްގެ އާންމު ތަންތަނަށް ކުޅު ޖަހާނަމަ ޖޫރިމަނާކުރާނެ އެވެ. އެގޮތުން ބެއިޖިން 30 ރެންމިންބީ (4.23 ޑޮލަރު) އިން ޖޫރިމަނާކުރާ އިރު، ޓިއާންޖިންގައި އޮތް އަދަބަކީ 200 ރެންމިންބީ (28.22 ޑޮލަރު) ގެ ޖޫރިމަނާއެކެވެ.
ދެކުނު ކޮރެއާގައި މިކަމަށް އޮތް އަދަބަކީ 100،000 ސައުތު ކޮރެއަން ވޮން (83.93 ޑޮލަރު) ގެ ޖޫރިމަނާއެކެވެ.