ކެޓްރީނާއާ ވައްތަރު މީހެއް
ކެޓްރީނާއާ ވައްތަރު މީހެއް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިންނާ ވައްތަރުވުމަކީ ބައެއް މީހުން ވަރަށް ފަހުރުވެރިވާ ކަމެކެވެ. މި ދޭތެރެ އިން އެންމެ ގަދަ އަށް ދެކެވުނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އަނުޝްކާ ޝަރުމާއާ ވައްތަރު ބަޔަކު ފެނިގެން އެ މީހުން ސޯޝަލް މީޑިގައި ވަރަށް މަޝްހޫރުވި ވާހަކަ އެވެ.

އަދި މިކަމާ ގުޅިގެން ސީދާ ޕްރިޔަންކާ އާއި އަނުޝްކާ ވެސް އެކަން ވަރަށް މަޖާ ކަމަކަށްވެގެން އެ މީހުންގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އެ ވާހަކަ ދައްކާފައިވެ އެވެ. މި ފަހަރު ފެނުނީ ކެޓްރީނާ ކެއިފާ ވައްތަރު މީހެކެވެ.

ބައެއް މީހުން ބުނާގޮތުގައި ބޮލީވުޑްގައި ވެސް ކެޓްރީނާއާ ވައްތަރު ބަތަލާއަކު އެބަ ހުއްޓެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނާ އެކު 2010 ގައި ފިލްމު "ވީރު" އިން ބޮލީވުޑަށް ތައާރަފުވު ޒަރީން ޚާނެނެވެ. އެކަމަކު އޭނާއަކީ ކެޓްރީނާ ވައްތަރުވިޔަސް ފިލްމީ ކެރިއަރުގައި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދުނު ބަތަލާއެއް ނޫނެވެ.

ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެގެން އުޅޭ، ކެޓްރީނާއާ ވައްތަރު މީހާ އަކީ ޓިކްޓޮކުން ވެސް އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ. ނަމަކީ އެލީނާ ރާއީ އެވެ. އެލީނާގެ އިންސްޓަގްރާމްގައި ހުރި ފޮޓޯތައް މިހާރު ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ އިރު، ވަރަށް ގިނަ ބަޔަކު ވަނީ އޭނާ ހަމަ ހަގީގަތުގައިވެސް ކެޓްރީނާއާ ވައްތަރު ކަމަށް ބުނެފަ އެވެ. އެގޮތުން އެ ދެ މީހުން އެކީގައި ފޮޓޯއެއް ނަގައިފި ނަމަ އަސްލު މީހާ ވަކިކުރަން އުނދަގޫ ވާނެ ކަމަށް ބައެއް މީހުން ބުންޏެވެ.

ކުރިން ފެޝަން ބްލޮގާއެއްގެ ގޮތުގައި ހަރަކާތްތެރިވި އެލީނާގެ އިސްޓަގްރާމް ހާވާލާ އިރު، އޭނާ ކެޓްރީނާ ކޮޕީކުރަން މަސައްކަތްކުރާކަން ވެސް ފާހަގަކުރެވެ އެވެ.

އެގޮތުން ގިނަ ފޮޓޯތަކަށް ޕޯސްކޮށްފައި ހުރީ ގޫގުލް އިން ސާޗްކޮށްލާ ކެޓްރީނާގެ ފޮޓޯތަކުގައި އޭނާ ޕޯސްކޮށްފައި ހުންނަ ގޮތްގޮތަށެވެ. އަދި އޭގެ ތެރެއިން ބައެއް ފޮޓޯތަކުގެ ބެކްގްރައުންޑަށް ކެޓްރީނާގެ ބައެއް ފިލްމުތަކުގެ ލަވަތަކުގެ އޯޑިއޯ ވެސް ލާފައިވެ އެވެ.

ކެޓްރީނާއާ ވައްތަރުކަމުން އެލީނާ އަށް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. އަހަމަމިއާ އެކު ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް އޭނާ އަށް އަމާޒުވެފައިވެ އެވެ. އެގޮތުން ކެޓްރީނާއާ ވައްތަރުވާން ކިތައް ޕްލާސްޓިކް ސާޖަރީ ހެދިތޯ ވެސް ބައެއް މީހުން އިސްޓަގްރާމްގައި އަހާފައިވެ އެވެ.