ހަތަރު ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ހަތަރު ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ

ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކާއި ސިވިލް ކޯޓްގެ ދެ ފަނޑިޔާރުން އަދި މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންނާ ބެހޭ އެ މައްސަލަތައް ބަލަން ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ކަމަށެވެ. ޖޭއެސްސީން ބަލަނީ ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހީމާއި ސިވިލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު އަދި އަދި ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފްގެ ދެ މައްސަލަ އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ހަ މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފް، ނައިބު ރައީސް މަސްތޫރު ހުސްނީ، މެމްބަރު އަބްދުއް ރައޫފް އިބްރާހީމް، މެމްބަރު ހިސާން ހުސައިން، މެމްބަރު ޑރ. އަލީ ޝަމީމް އަދި މެމްބަރު އަބްދުލް މާނިއު ހުސައިން އެވެ.