18 ސެޕްޓެމްބަރ 2019 - 15:52

އިސްތަންބޫލް (ސެޕްޓެމްބަރު 18) - ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މިދިޔަ އަހަރު މަރާލި، ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް އިމާރާތް ވިއްކާލާފައިވާ ކަމަށް ތުރުކީގެ ޓީވީ ޗެނަލަކުން ބުނެފި އެވެ.
ހަބަތުރްކް ޓީވީން ބުނީ އިސްތަންބޫލްގެ އަގުބޮޑު ލެވެންޓް އޭރިއާގައި ހުރި އިމާރާތް ވިއްކާލީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ. އެ އިމާރާތް ގަތް ފަރާތާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ވިއްކާލީ އިމާރާތުގެ އަގުގެ ތިންބައިކުޅައެއް ބަޔަށް ކަމަށް ބުނެފައިވެ އެވެ.
ޓީވީން ބުނީ ސައުދީ ކޮންސިއުލޭޓް ހެދުމަށް ސަރިޔާ ޑިސްޓްރިކްޓުން އާ ބިމެއް މިހާރު ގަނެފައިވާ ކަމަށެވެ. އަދި އެމެރިކާ ކޮންސިއުލޭޓް ހުންނަނީ އެ ސަރަހައްދުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސައުދީ ކޮންސިއުލޭޓް އިމާރާތް ވިއްކާލިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ހަބަތުރްކް ޓީވީން ބުނީ ސައުދީން ދަނީ ކޮންސިއުލޭޓާ ކައިރީގައި ހުރި ކޮންސުލް ޖެނެރަލްގެ ގެ ވެސް ވިއްކާލަން މަސައްކަތް ކުރަމުން ކަމަށެވެ.
ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ދިޔަ ނޫސްވެރިޔާ ޚާޝުގްޖީ ގެއްލުނީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު 2، 2018 ގައި ވަން ފަހުންނެވެ. އެމެރިކާގައި ދިރިއުޅޭ ޚާޝުގްޖީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީ މީހަކާ ކައިވެނި ކުރުމަށް ބޭނުންވާ ލިޔުމެއް ހޯދުމަށެވެ.